Advertisement

ދައުލަތުގެ ސިއްރުތައް ހިފަހައްޓަން ގާނޫނެއް ހަދައި، ސިއްރުތައް ހާމަކުރުމަކީ ޖިނާއި ކުށަކަށް ހަދަންޖެހޭ: ގައްސާނު

25 މާރިޗު 2024 - 16:01 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން : ސިއްރުތައް ހިފެހެއްޓުމާ ބެހޭ ގާނޫނެއް ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވި - ފޮޓޯ: މަޖިލިސް އިދާރާ


ދައުލަތުގެ ސިއްރުތައް ހިފަހައްޓަން ގާނޫނެއް ހަދައި، ސިއްރުތައް ހާމަކުރުމަކީ ޖިނާއި ކުށަކަށް ހަދަންޖެހޭ: ގައްސާނު

25 މާރިޗު 2024 - 16:01 0

ދައުލަތުގެ ސިއްރުތައް ހިފެހެއްޓުމާ ބެހޭ ގާނޫނެއް ހެދުމުގެ ވިސްނުން، ސަރުކާރުގެ އެބަ އޮތް ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ގައްސާން ވިދާޅުވީ، އެ ގާނޫނުގެ މަގުސަދަށް ވާނީ ކްލެސިފިކޭޝަން ލެވެލްތަކެއްގެ ތެރެއިން ދައުލަތުގެ އެކި ވަރުގެ ސިއްރު ހިފެހެއްޓުން ކަމަށެވެ.

"ސަރުކާރުން ގަބޫލުކުރާ ގޮތުގަ ދިވެހިރާއްޖޭގެ ސިއްރުތައް ހިފެހެއްޓުމާ ބެހޭ ގާނޫނެއް އެކުލަވާލަން ޖެހޭ، އެއީ ކްލެސިފިކޭޝަން ލެވެލް ތަކެއް ލާފަ ދައުލަތުގެ އެކި ވަރުވަރުގެ ސިއްރު ހިފެހެއްޓޭނެ ނިޒާމެއް ކަށަވަރުކުރުމަށްޓަކައި"،" ޣައްސާން ވިދާޅުވި އެވެ.

އެ ނިޒާމުގެ ތެރެއިން ސިއްރުތައް ހާމަކުރުމަކީ ޖިނާއީ ކުށެއް ކަނޑައަޅާ އެ ހިފެހެއްޓުމުގެ މަސްއޫލިއްޔަތު ޒިންމާދާރު ފަރާތްތަކަށް ހަވާލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކަހަލަ ނިޒާމެއް ކަށަވަރުކުރުމަށްޓަކާ މިހާރުވެސް 241 ކޮމިޓީއާ އަޅުގަނޑުމެނަށް ލިބުނު ފުރުސަތުތަކުގަ ވާނީ މަޝްވަރާކޮށްފަ، މި ނިޒާމު އެކުލަވާލެވިއްޖެ ކަމަށް ވަންޏާ ތި ވިދާޅުވި ފަދަ މައުލޫމާތު ވަގުތުން ވަގުތަށް ރައްޔިތުންގެ މަޖިލިސް، މާނައަކީ ރައްޔިތުންނާއި ސަރުކާރާ އަބަދުވެސް ހިއްސާކުރެވިގެން، މަޝްވަރާ ކުރެވިގެން ކުރިއަށް ގެންދެވޭނެ" ގައްސާން ވިދާޅުވި އެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އޭރު އިދިކޮޅުގައި ތިބި މި ސަރުކާރުގެ އިސް ފަރާތްތަކުން ދިޔައީ އެ ސަރުކާރުގެ އެކި ސިއްރުތައް ހާމަކުރަން ގޮވައިލަމުންނެވެ. އޭގެ ތެރޭގައި އަސްކަރީ އެކި ކަންކަމާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެހެން ގައުމުތަކުގެ ވެރިންނަށް ފޮނުއްވި ސިޓީތައްވެސް ހިމެނެ އެވެ.

ޕީއެންސީގެ ވެރިކަމެއްގައި ފޮރުވާނެ ކަމެއް ނޯންނާނެ ކަމަށާއި ހުރިހާ ކަމެއް ދެފުށް ފެންނަ ގޮތަށް ހާމަވާނެ ކަމަށް އޭރު ރިޔާސީ ކެމްޕޭނުގައި، އޭރުގެ ޕީއެންސީ ކެންޑިޑޭޓް، ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި މިހާރު ސަރުކާރުގެ އިސްވެރިންވެސް ގެންދެވީ ވިދާޅުވަމުންނެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެންބަރުން އެންމެ ގިނައިން ސުވާލުކުރީ ތުރުކީގެ ބައިކާރު ކުންފުނިން ގަތް ޑްރޯންތަކާ ގުޅޭގޮތުންނެވެ. އެމްއެންޑީއެފްއަށް ގެނެސްފައިވާ ޑްރޯންތައް ގަންނަން ތުރުކީއާއެކު ވީ އެއްބަސްވުމާއި ޑްރޯންތަކުގެ ތަފުސީލު މަޖިލީހުގެ ތަޅުމުގައި ދޭން ދެކޮޅު ހައްދަވައި، އެ ތަފުސީލުތައް ހާމަކުރައްވާނީ 241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ކަމަށްވެސް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.