Advertisement

ގުޑްވިލް ދަތުރެއްގައި ތުރުކީ ސިފައިންގެ ހަނގުރާމަމަތީ މަނަވަރެއް ރާއްޖެ އަތުވެއްޖެ

30 އޭޕްރީލް 2024 - 12:55 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ތުރުކީގެ މަނަވަރު ރާއްޖޭގައި ބަނދަރުކޮށްފައި : ގުޑްވިލް ދަތުރެއް ކަމަށް ބުނެ ތުރުކީ ސިފައިންގެ މަނަވަރެއް ރާއްޖެ އަތުވެއްޖެ - ފޮޓޯ: އެމްއެންޑީއެފް


ގުޑްވިލް ދަތުރެއްގައި ތުރުކީ ސިފައިންގެ ހަނގުރާމަމަތީ މަނަވަރެއް ރާއްޖެ އަތުވެއްޖެ

30 އޭޕްރީލް 2024 - 12:55 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ގާތް ގުޅުމެއް ބާއްވާ ތުރުކީގެ އަސްކަރީ މަނަވަރެއް ރާއްޖޭގައި ބަނދަރުކޮށްފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ބުނި ގޮތުގައި މި މަނަވަރު ބަނދަރުކޮށްފައިވަނީ މާލެ ސަރަހައްދުގައި ކަމަށެވެ. އަދި މިއީ ގުޑްވިލް ނުވަތަ އެކުވެރިކަމުގެ ދަތުރެއް ކަމަށް ވެސް ސިފައިންގެއިން ބުންޏެވެ.

އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުތަކުގައި ބުނެފައިވާ ގޮތުގައި ރާއްޖެ އައިސްފައިވަނީ ތުރުކީގެ ޓީސީޖީ ކިނަލާޑާ (TCG Kınalıada) އެވެ.

މި ދަތުރުގެ ތެރެއިން ރާއްޖެއާ ތުރުކީއާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާނެ ކަމަށް ވެސް އެމްއެންޑީއެފްގެ ޕޯސްޓުގައި ބުނެފައިވެ އެވެ. ނަމަވެސް ރާއްޖެއިން މިހާތަނަށް ތުރުކީއާއެކު އަސްކަރީ ގުޅުމުގެ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ތުރުކީއަކީ ރައީސް މުއިއްޒުގެ ސަރުކާރުން ހާރިޖީ ގޮތުން އަދި އަސްކަރީ ގޮތުން ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ. އެގޮތުން މި ސަރުކާރުން 570 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ތުރުކީގެ ބައިކާރު ކުންފުނިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އަސްކަރީ ޑްރޯންތަކެއް ވެސް ގަނެފަ އެވެ.

ނަމަވެސް، ގަތް ޑްރޯންތަކުގެ އަދަދާއި އަގު އަދި އެހެން ތަފުސީލުތައް ދޭން ވެސް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.

ޑްރޯން ގަތުމުގެ އެއްބަސްވުމާ ގުޅޭގޮތުން "އަދަދު" އިން ވާނީ އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ އެ އެއްބަސްވުމުގެ އަގަކީ 37 މިލިއަން ޑޮލަރު (570 މިލިއަން ރުފިޔާ) ކަމަށް ރިޕޯޓުކޮށްފަ އެވެ. ސަރުކާރުން ގަނެފައިވަނީ ޑްރޯންތަކަކީ ތުރުކީގެ ބައިކާރު ކުންފުނިން އުފައްދާ ބައިރަކުތާރު ޓީބީ-2 ޑްރޯންތަކެކެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގައި ކުރެއްވި ފުރަތަމަ ރަސްމީ ދަތުރު ވެސް ކުރެއްވީ ތުރުކީއަށެވެ. އެ ގައުމާއެކު ބާއްވާ ގާތް ގުޅުމުގެ ތެރެއިން އެ ގައުމުން ކާޑުގެ ބާވަތްތައް ގެންނަން ވެސް އެއްބަސްވުމެއް ހަދާފައިވެ އެވެ. ނަމަވެސް ފެބްރުއަރީ މަހު އަންނާނެ ކަމަށް ރައީސް ވިދާޅުވި، ފުރަތަމަ ކާޑު ޝިޕްމަންޓު އަދިވެސް ރާއްޖެ އައިސްފައެއް ނުވެ އެވެ.