Advertisement

ސަސްޕެންޑު ކުރީ މިފްކޯގެ ކޮރަޕްޝަންގެ މައްސަލަތައް ބަލާތީ ޕީސީބީއަށް ނުފޫޒު ފޯރުވައިގެން: ޝަމާހު

25 މާރިޗު 2024 - 17:49 0

އަމަން ހަލީމް

އަމަން ހަލީމް

މިފްކޯގެ ސީއީއޯ ޝަމާހު (ކ-2) އަދި ޕީސީބީގެ މެމްބަރުން އެސްއޯއީ ކޮމިޓީގައި: ކޮމިޓީ ބައްދަލުވުމުގައި ޝަމާހު ތަކުރާރުކޮށް ވިދާޅުވީ އޭނާ ސަސްޕެންޝަނުގައި ބަހައްޓަން ޖެހޭ ވަރު ކަމެއް ނުކުރާ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސަސްޕެންޑު ކުރީ މިފްކޯގެ ކޮރަޕްޝަންގެ މައްސަލަތައް ބަލާތީ ޕީސީބީއަށް ނުފޫޒު ފޯރުވައިގެން: ޝަމާހު

25 މާރިޗު 2024 - 17:49 0

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު, އަހްމަދު ޝަމާހު ސަސްޕެންޑު ކުރީ މިފްކޯގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުންދާތީ އެ މައްސަލައިގައި ޝާމިލުވާ މީހުން ވެގެން ޕީސީބީއަށް ނުފޫޒު ފޯރުވައިގެން ކަމަށް އޭނާ މިއަދު ތުހުމަތުކޮށްފި އެވެ.

ޕީސީބީއިން މިދިޔަ ހަފުތާގެ ތެރޭގައި ޝަމާހު ސަސްޕެންޑުކުރީ އެ ބޯޑުގެ ވިސްލްބްލޮވާ ޕޯޓަލްއަށް އޭނާއާ ގުޅޭ ގޮތުން ލިބިފައި ހުރި ޝަކުވާތަކަކާ ގުޅިގެން އިންކުއަރީއެއް ހިންގާށެވެ. މި މައްސަލައިގައި އެ ބޯޑުން ނެރުނު ބަޔާނުގައި ބުނީ ޝަމާހު ސަސްޕެންޑުކުރީ ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއްގެ ފުރިހަމަ އިންކުއަރީއެއް ކުރިއަށްގެންދިޔުމުގެ ގޮތުން ކަމަށެވެ.

ޝަމާހު ސަސްޕެންޑު ކުރި މައްސަލައިގައި އޭނާ އާއި ޕީސީބީ ހާޒިރުކޮށްގެން ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި، އޭނާ ވަނީ ޕީސީބީގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ގިނަ ވާހަކަތަކެއް ދައްކައި މިފްކޯގެ ތެރޭގައި ކޮރަޕްޝަންގެ ސަގާފަތެއް އޮތް ކަމަށް ތުހުމަތުކުރައްވާ ވާހަކަ ދައްކަވައިފަ އެވެ. އޭނާގެ ތުުހުމަތު މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ މިފްކޯގެ ޗީފް އިންޓާނަލް އޮޑިޓަރު ޝައުން ޝަރީފަށާއި މިފްކޯގައި ދުވަސްވީ މެނޭޖަރުންނަށެވެ.

ޝަމާހު ވިދާޅުވި ގޮތުގައި އޭނާއަށް ކުންފުނީގެ އެތެރެއިން ފިއްތުންތައް އަންނަން ފެށީ މިފްކޯއިން މަސް ގަންނަ ތައިލެންޑު ކުންފުނިތަކާ އެ ގައުމަށް ގޮސް ބައްދަލުކޮށް، މަސް ގްރޭޑު ކުރަން އޭނާ ހުށަހެޅުއްވި ގޮތުންނެވެ.

ތައިލެންޑު ދަތުރުގައި މިފްކޯއިން ހުށަހެޅީ ރާއްޖޭގައި ގްރޭޑަރަކު ބަހައްޓައިގެން، ގްރޭޑުކޮށްފައި ރަނގަޅު ކަމަށް ބަލައިގަންނަ ހުރިހާ މަހެއް ތައިލެންޑާ ހަމައަށް ފޮނުވުމުން ގަންނަން ޖެހޭ ގޮތަށެވެ.

މިއީ މިފްކޯއަށް އެންމެ ބޮޑު ގެއްލުމެއް ލިބޭ ގްރޭޑްކޮށްފައި ހުރި މަސްތަކުގައި ހިސްޓަމިން ލެވަލް މަތިވެގެން ރިޖެކްޓުވާ މައްސަލައިގައި ލިބޭ ގެއްލުންތައް ކުޑަކުރުން އެ ކުންފުނިން ހުށަހެޅި ގޮތެއް ކަމަށް ޝަމާހު ވިދާޅުވި އެވެ. ނަމަވެސް މިފްކޯއިން ހުށަހަޅާ ގޮތަށް މަސް ގަންނާނެ ބަޔަކު ނުވާނެ ކަމަށް ތައިލެންޑުގެ މަސް ގަންނަ ކުންފުނިތަކުން އެންގި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމާހު ވިދާޅުވި ގޮތުން ނަމަ މިވީހާ ދުވަހު މިކަން ހިނގަމުން އައި ގޮތް ހޯދައި ބެލިއިރު މި ކުންފުނިތަކާ މިފްކޯގެ ބައެއް މެނޭޖަރުންނާއި މުވައްޒަފުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި ރިޖެކްޓުވާ މަސް ތިންވަނަ ބަޔަކަށް ވިއްކައިގެން މަސް ގަންނަ ކުންފުނިތަކާއި މިކަމުގައި ބައިވެރިވާ މިފްކޯގެ މީހުން ފައިސާ ހޯދަ އެވެ.

މި މައްސަލައިގައި ޕީސީބީގެ ތެރެއަށް މިފްކޯގެ ނުފޫޒު ވަދެފައިވާ ކަމަށް ޝަމާހު ތުހުމަތު ކުރެއްވީ ޝައުންއާ ކައިވެނީގެ ގުޅުން އޮތް ޕީސީބީގެ ސީނިއާ ފައިނޭންޝަލް އެނަލިސްޓަކާ ގުޅުވަ އެވެ. މިކަމަށް ބާރު ދެނީ، އޭނާއާ ދެކޮޅަށް މިފްކޯގެ އެޗުއާރަށް ޝައުން ފޮނުވި ސިޓީއެއްގައި ހުރި ކަންކަން އޭނާއާ ދެކޮޅަށް ޕީސީބީގެ ވިސްލްބްލޮވާ ޕޯޓަލްއަށް ހުށަހަޅާފައި ހުރި ކަންކަން ހިމެނޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝައުން މި ސިޓީއެއް ފޮނުވީ ފޫގޮސްފައި އޮތް ބޯޓެއް ގަނެފައި އޮތް މައްސަލައަކާއި ނުފޫޒުން މުވައްޒަފުން ނެގުމާއި އެހެން މައްސަލަތަކަކާ ގުޅިގެން އޭނާގެ މައްސަލަތަކެއް ބަލަމުން ދިޔަ ދުވަސްވަރެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަމާހު މިގޮތަށް ތުހުމަތުކުރެއްވި ނަމަވެސް ޕީސީބީން ވަނީ އޭނާގެ ތުހުމަތުތައް ދޮގުކޮށް، މި މައްސަލައިގައި އަމަލުކުރީ ޕީސީބީ ގާނޫނާއި އެ ބޯޑުން އަމަލުކުރާ ގަވާއިދުތަކާއި އިންކުއަރީއާ ގުޅޭގޮތުން ހެދިފައި ހުރި އުސޫލުތަކުގެ ތެރެއިން ކަމަށް ކޮމިޓީގައި ބުންޏެވެ. އަދި މި މައްސަލައިގައި އެއްވެސް ބަޔެއްގެ ނުފޫޒު ފޯރާފައި ނުވާނެ ކަމުގެ ޔަގީންކަން ދެމުން ޕީސީބީގެ ސެކެޓްރީ ޖެނެރަލް ޔާމީން ވިދާޅުވީ އިދާރީ ފިޔަވަޅެއްގެ ގޮތުން ސަސްޕެންޑުކުރީ ތަހުގީގުގެ މިނިވަންކަން ކަށަވަރުކުރުމަށް، ޕީސީބީގެ ބޯޑަށް ހުށަހަޅައިގެން ބޯޑުން ނިންމަައިގެން ކަމަށެވެ.