26 މާރިޗު 2024 - 12:25 0
މުހައްމަދު ޝަހްޒާން
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
26 މާރިޗު 2024 - 12:25 0
މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހެލްތު މިނިސްޓަރު، ޑރ. އަބްދުﷲ ހަލީލް މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމުން ވަނީ ރާއްޖޭގެ ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތަކެއް އެޅުމަށް ކުވެއިތު ފަންޑުން ހަމަޖައްސައިދިން ފައިސާ ރާއްޖެއަށް ނުދީ ހުއްޓައިލާފައިވާ ކަމަށާއި އެ ފައިސާ ނުދީ ހުއްޓާއިލީ ކުވެއިތު ފަންޑުގެ ޕްރޮކިއުމެންޓު އުސޫލާ ހިލާފަށް ވަކި ގޮތަކަށް، އެ ޕްރޮޖެކްޓުތައް އެވޯޑު ކުރުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައިވާތީ ކަމަށް ވިދާޅުވެފަ އެވެ.
މަޖިލިސް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޝަފީގު އަބްދުﷲ އާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއަށް ދެއްވި ޖަވާބުގައި ހަލީލް ވިދާޅުވީ އެ ރަށްރަށުގައި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހުއްޓިފައި އޮތީ އެ މަސައްކަތަކީ ކުވެއިތު ފަންޑުގެ އެހީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި އޮތް މަސައްކަތްތަކަކަށްވެފައި ކުވެއިތު ފަންޑުން ދޭން ހަމަޖެހުނު ފައިސާ އެކި ސަބަބުތަކާ ހުރެ މިހާރު ހުއްޓާލާފައި ނުވަތަ ހުއްޓިފައި ވާތީ ކަމަށެވެ.
އެ ޖަވާބަށް ހަވާލާދީ ތ. ވިލުފުށީ ދާއިރާގެ މަޖިލިސް މެންބަރު ހަސަން އަފީފު ވަނީ ކުވެއިތު ފަންޑުން ފޮނުވި ފައިސާ އަނބުރާ ގެންދެވުނު ސަބަބަކީ ކޮބައިތޯ ހަލީލްއާ ސުވާލު ކުރައްވައިފަ އެވެ.
ޖަވާބުގައި ހަލީލް ވިދާޅުވީ އިންޓަނޭޝަނަލް ފަންޑިން އޭޖެންސީތަކަކީ ވަކި އުސޫލެއްގެ ތެރެއިން ޕްރޮކިއުމެންޓު ހަދާ ކުންފުނިތައް ކަމަށާއި ކުވެއިތު ފަންޑުން ހަމަޖެއްސި ފައިސާ އަނބުރާ ގެންދިޔައީ އެ ފަންޑުގެ ޕްރޮކިއުމެންޓް އުސޫލާ ހިލާފަށް ޕްރޮޖެކްޓުތައް އެވޯޑު ކުރުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައިވާތީ ކަމަށެެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުން، ވަކި ގޮތަކަށް ރާއްޖެއިން އޭރުގައި އެވޯޑުކުރުމުގެ މަރުހަލާ ކުރިއަށްގެންދަން ބޭނުންވީމަޔާ އެއްކޮށް ވަނީ ކުވައިތު ފަންޑުން އެކަން ހުއްޓާލައިފަ، އެހެންވީމާ، ކުވައިތު ފަންޑުގެ ޕްރޮކިއުމެންޓް އުސޫލާ ހިލާފަށް ކުރިއަށްދިޔަ ކަމެއް ކަމަށް ވާތީ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ،" ހަލީލް އެ ދުވަހު ވިދާޅުވި އެވެ.
ނަމަވެސް ބިޑުތައް އެވޯޑު ކުރި މަރުހަލާ ނިންމައި އެކަމުގެ މައުލޫމާތު ކުވެއިތު ފަންޑަށް ހެލްތު މިނިސްޓަރީން ހިއްސާ ކުރުމުން އެ މަރުހަލާ ކުރިއަށްދިޔަ ގޮތް ބަލައި، ރާއްޖެއަށް ދިން "ނޯ އޮބްޖެކްޝަން" ލިޔުން ވަނީ "އަދަދު" އަށް ލިބިފަ އެވެ.
އޭޕްރިލް 16، 2023 ގައި ކުވެއިތު ފަންޑުން ރާއްޖެއަށް ފޮނުވި ރެފަރެންސް ނަންބަރު KF/9G11-48 ގައި އެ ފަންޑުން ވަނީ އޭޕްރިލް 11، 2023 ގައި ރާއްޖެއިން ފޮނުވި ހަތް ހޮސްޕިޓަލް އެޅުމަށް ބިޑު ކުރި ކުންފުނިތަކުގެ އިވެލުއޭޝަން ހެދުމަށްފަހު ނެޝަނަލް ޓެންޑާ ބޯޑުގެ ރިކޮމެންޑޭޝަންތަކާއެކު ފޮނުވި ލިޔުމަށް ޖަވާބު ދީފަ އެވެ.
އެ ލިޔުމުގައި ބުނެފައި ވަނީ މާޗު 12، 2023 ގައި ރާއްޖެއިން އެކުލަވާލާފައި އޮތް ޓެންޑާ އިވެލުއޭޝަން ރިޕޯޓު ކުވެއިތު ފަންޑުން ރިވިއުކޮށްފައިވާ ކަމަށާއި ރާއްޖޭގެ ނެޝަނަލް ޓެންޑާ ބޯޑުގެ ރިކޮމެންޑޭޝަނާއެކު ކުރިއަށް ދިޔުމަށް "ނޯ އޮބްޖެކްޝަން" ލިޔުން ދޭ ކަމަށެވެ.
އެ ލިޔުމުގައި ވަނީ:
ކުވެއިތު ފަންޑު އަނބުރާ ގެންގޮސްފައިވާ ކަމަށް މިނިސްޓަރު، ހަލީލްގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ހދ. ހަނިމާދޫގައި ހުންނަވައި މިދިޔަ ފެބްރުއަރީ 26، ގައި ވިދާޅުވެފަ އެވެ.
ނަމަވެސް ކުވައިތު ފަންޑު އަނބުރާ ގެންދިޔަ ސަބަބެއްގެ ގޮތުގައި ރައީސް އެ ދުވަހު ވިދާޅުވީ ހޮސްޕިޓަލްތަކުގެ މަސައްކަތްތައް މިދިޔަ ސަރުކާރުން ދިގު ދަންމަމުން ގެންދިޔުމެވެ.
ރާއްޖޭގެ ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތަކެއް އެޅުމަށް ކުވެއިތު ފަންޑުން ދޭން ނިންމި އެހީ އަނބުރާ ގެންގޮސްފައި ނުވާކަން އޭރުގެ ފިނޭންސް މިނިސްޓްރީގެ ސީނިއާ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފަ އެވެ.
އޭގެއިތުރުން މަޖިލިސް މެންބަރުން ސުވާލުތަކަށް ޖަވާބުދެއްވަމުން މިދިޔަ ހޯމަ ދުވަހު ހަލީލް ވަނީ ކުވެއިތު ފަންޑުން ޕްރޮޖެކްޓު ފައިސާ އަނބުރާ ގެންގޮސްފައިވާ ކަމަށް ވިދާޅުވުމަށްފަހު އަނެއްކާ ވެސް އެކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯއްދަވާފައި ފަހުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ އޮފިޝަލް ވިދާޅުވީ ކުވެއިތު ފަންޑުގެ ފައިސާ ރާއްޖެއަށް ލިބުމުގައި ލަސްކަމެއް ހުރީ އެ ގައުމުގައި އޮތް ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން އަވަސްއަވަހަށް ވެރިކަން ބަދަލުވުމުގެ ސަބަބުން ކަމަށެވެ.
ކުވެއިތުގައި އުފެދިފައިވާ ސިޔާސީ ހަލަބޮލި އޮއިވަރުގެ ސަބަބުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ކުވޭތުގެ ވެރިކަން އަށް ފަހަރު ބަދަލުވެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment