Advertisement

ބައެއް ޑްރޯންތައް ދިނީ ތުރުކީގެ ސަރުކާރުން ހިލޭ: ގައްސާން

25 މާރިޗު 2024 - 13:57 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން -- ފޮޓޯ: ރައީސް އޮފީސް


ބައެއް ޑްރޯންތައް ދިނީ ތުރުކީގެ ސަރުކާރުން ހިލޭ: ގައްސާން

25 މާރިޗު 2024 - 13:57 0

އެމްއެންޑީއެފް އެއާ ކޯގައި މި މަހުގެ 15 ގައި ބޭނުން ކުރަން ފެށި ބައެއް ޑްރޯންތަކަކީ ތުރުކީ ސަރުކާރުގެ ހިލޭ އެހީގައި ލިބިފައިވާ ތަކެތި ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ގައްސާން ހާޒިރުކޮށް ކުރިއަށް ގެންދިޔަ ސުވާލު ސެޝަންގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އޮޅުންފިލުވަން ބޭނުންވީ އެމްއެންޑީއެފް އަށް ޑްރޯންތައް ހޯދީ ހިލޭ އެހީގައިތޯ ނުވަތަ ދައުލަތުގެ ބަޖެޓުން ފައިސާ ހަރަދުކޮށްގެންތޯ ކަށަވަރު ކުރުމަށެވެ.

"އަސްކަރިއްޔާގެ ގާބިލިއްޔަތު އިތުރުކުރުމަށް މި ހޯދުނު ޔޫއޭވީތަކުގެ ދިވެހިރާއްޖޭގެ ދައުލަތުން ހަރަދުކޮށްފަ ވެސް ވާނެ، އަދި ހިލޭ ވެސް އެއްޗެހި ލިބިފަ އެބަހުރި" ޖަވާބުގައި ގައްސާން ވިދާޅުވި އެވެ.

ޑްރޯންތަކުގެ ތެރޭގައި ތުރުކީއިން ހިލޭ ދިން އެއްޗެހި ވެސް ހިމެނޭ ކަމަށް ފުރަތަމަ ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒު އެވެ. އެމަނިކުފާނު އެކަން ފާހަގަކުރެއްވީ މި މަހުގެ 15 ވަނަ ވަނަ ދުވަހު މާފަރުގައި މި ޑްރޯންތައް އިފުތިތާހު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

"ރައްޔިތުން އަޅުގަނޑާ ޒިންމާ ހަވާލުކޮށް ދެ ހަފުތާ ނުވަނީސް އެ ގައުމަށް އަޅުގަނޑަށް ދައުވަތު ދެއްވާ، އެމަނިކުފާނު އަޅުގަނޑަށް ކިޔުއްވި ހޫނު މަރުހަބާ އާއި ބެހެއްޓެވި ގާތްކަމަކީ އަދި ދެއްވެވި ސަމާލުކަމަކީ މިކަން މިއަދު ހަގީގަތަކަށް ވުމުގެ އަސްލު،" އެމަނިކުފާނު މާފަރުގައި ހުންނަވާ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަދި ތިން ޑްރޯން ފެންނަން އޮތް ނަމަވެސް މުސްތަގުބަލުގައި އެއަށް ވުރެ މާ ގިނަ ވާނެ ކަމަށެވެ.

ޑްރޯން ގަތުމުގެ އެއްބަސްވުމާ ގުޅޭގޮތުން "އަދަދު" ނޫހުން ކުރިން ވާނީ އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ އެ އެއްބަސްވުމުގެ އަގަކީ 37 މިލިއަން ޑޮލަރު ކަމަށް ރިޕޯޓުކޮށްފަ އެވެ. އެއީ ދިވެހި ފައިސާއިން ގާތްގަނޑަކަށް 570 މިލިއަން ރުފިޔާ އެވެ. ސަރުކާރުން ޑްރޯން ގަނެފައިވަނީ ތުރުކީގެ ބައިކާރު ކުންފުނިންނެވެ.

ސަރުކާރުން ވަނީ ޑްރޯންތަކުގެ މުއާމަލާތާ ބެހޭ އެއްވެސް ކަމެއް ހާމަކުރަން ދެކޮޅު ހަދާފަ އެވެ. މި މައުލޫމާތު ހޯދަން މި ނޫހުގެ ނޫސްވެރިޔަކު ހުށަހެޅުމުން ދިން ޖަވާބުގައި ޑިފެންސް މިނިސްޓްރީން ވަނީ އެކަމުގެ އެއްވެސް މައުލޫމާތެއް ދޭން ދެކޮޅު ހަދާފަ އެވެ. ނަމަވެސް މިނިސްޓަރު ގައްސާން މިއަދު ވަނީ ޑްރޯންގެ ތަފުސީލުތައް މަޖިލީހުގެ 241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި އާއްމުކުރާނެ ކަމަށެވެ.