Advertisement

ރަޝިއާގެ ކޮންސެޓު ހޯލު ހަމަލާއާ ގުޅިގެން ރައީސް މުއިއްޒު, ޕުޓިންއަށް ތައުޒިޔާގެ މެސެޖެއް ފޮނުވައިިފި

25 މާރިޗު 2024 - 12:35 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު : ރަޝިއާގައި ދިން ހަމަލާ ގުޅިގެން ރައީސްގެ ތައުޒިޔާ ޕުޓިންއަށް - ފޮޓޯ: ރައީސް އޮފީސް


ރަޝިއާގެ ކޮންސެޓު ހޯލު ހަމަލާއާ ގުޅިގެން ރައީސް މުއިއްޒު, ޕުޓިންއަށް ތައުޒިޔާގެ މެސެޖެއް ފޮނުވައިިފި

25 މާރިޗު 2024 - 12:35 0

ރަޝިއާގެ ކްރޯކަސް ސިޓީ ހޯލަށް ހުކުރު ދުވަހުގެ ހޮނިހުރު ދުވަހުގެރޭ ދިން ހަމަލާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ރައީސް ލެޑިމިއަ ޕުޓިން އަށް ތައުޒިޔާގެ މެސެޖެއް ފޮނުވައިފި އެވެ.

މި ހަމަލާގައި މަރުވި މީހުން އަދަދު މިހާރު ވަނީ 137 އަށް އަރައިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާގެ ވެރި ރަށް މޮސްކޯގައި ހުންނަ ކޮންސެޓު ހޯލަށް ހަތިޔާރު އެޅި ފަސް ވަރަކަށް މީހުން ވަދެ ބަޑީގެ އިތުރުން އެއްޗެހި ގޮއްވާލައިގެން ދިން މި ހަމަލާގައި 150 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އެކަމާ ގުޅިގެން ރައީސް މުއިއްޒު ފޮނުވި މެސެޖުގައި ރަޝިއާގައި ދިން މި ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ކޮންމެ ސިފައެއްގައި ކުރެވޭ ނިރުބަރުވެރި އަމަލުތަކާ ދިވެހިން އަބަދުވެސް ދެކޮޅު ކަމަށް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރަޝިއާގެ ރައީސް އަދި އެ ގައުމުގެ ރައްޔިތުންނާއި ހަމަލާގެ ސަބަބުން އަސަރުކޮށްފައިވާ އާއިލާތަކަށް ރައީސް ތައުޒިޔާ ކިޔުއްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުގެ ކުރު ބަޔާނުގައި ބުނެފައިވެ އެވެ.

މި ހަމަލާގެ ޒިންމާ އައިއެސްއިން ނަގާފައިވާއިރު، ހަމަލާގައި ބައިވެރިވި މީހުން ހޯދުމުގެ މަސައްކަތް ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އޭގެ ތެރެއިން އެއްބައި މީހުން މިހާރު ވަނީ ހައްޔަރުވެސް ކޮށްފަ އެވެ. އައިއެސްއިން ޒިންމާ ނެގި ނަމަވެސް ރަޝިއާގެ ތުހުމަތުގެ އިނގިލި ދިމާވަނީ ޔޫކްރޭނާއި ހުޅަނގަށެވެ.

މި ހަމަލާ ދިނުމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ޔޫކްރޭނުން ވަނީ ބުނެފަ އެވެ. އަދި އެމެރިކާއިން ވެސް ވަނީ ޔޫކްރެއިންގެ އަތެއް މިކަމުގައި ނެތް ކަމަށް ބުނެފަ އެވެ.

ޖުމްލަ 6،200 މީހުންނަށް ވަދެވޭ ކޮންސަޓު ހޯލަށް ދިން މި ހަމަލާއަކީ 2004 ވަނަ އަހަރަށްފަހު އެ ގައުމަށް ދިން މިފަދަ އެންމެ ބޮޑު ހަމަލާ އެވެ.