Advertisement

ކޯއްޓޭ ފާމްސް: ކޮންކްރީޓް މާލޭގައި ހެއްދި ތާޒާ ލެޓިއުސް ދަނޑު

27 މާރިޗު 2024 - 09:09 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ކޯއްޓޭ ފާމްސް -- ފޮޓޯ: މިރާން ނާޝިމް/އަދަދު


ކޯއްޓޭ ފާމްސް: ކޮންކްރީޓް މާލޭގައި ހެއްދި ތާޒާ ލެޓިއުސް ދަނޑު

27 މާރިޗު 2024 - 09:09 1

މި މާލޭގެ ބޮޑު މިނަކީ ގާތްގަނޑަކަށް 5.8 އަކަ ކިލޯމީޓަރެވެ. އެކަމަކު، ތިންލައްކައެއްހާ މީހުންނާއެކު، ތޮއްޖެހިފައިވާ މި ރަށް، ފުރި ބާރުވެފައިވަނީ ކޮންކްރީޓު އިމާރާތްތަކުންނެވެ. ދަނޑުވެރިކަން ކުރާ ހިތްވާ މީހަކަށް، މި މާލެއަކު ބިމެއް ނެތެވެ.

މާލޭގައި ދިރިއުޅުން ބިނާވެފައިވާ މީހަކު ދަނޑުވެރިކަން ކުރަން ބޭނުންނަމަ އޮންނަ ފުރުސަތުތައް ހަންޏެވެ. ގެއެއްގެ ޓެރަހުގައި އެކަން ކުރެވިދާނެ އެވެ. އެކަމަކު ވިޔަފާރިއާއި މަސައްކަތަކަށް ބޭނުންވާ ޖާގަ މި ލިބޭ ހަނި ޓެރަހަކުން ލިބޭ ހެއްޔެވެ؟ ދެން އޮންނަ ގޮތަކީ ފަޅު ރަށެއް ކުއްޔަށް ހިފުމަށެވެ.

އެކަމަކު ވަރަށް ޅައިރުއްސުރެން ފެށިގެން ދަނޑުވެރިކަމުގެ ޝައުގު އޮތް އަބްދުﷲ ޝާހިދު (60އ.) ބެލީ އީޖާދީ، ޒަމާނީ ގޮތެއް ހޯދުމަށެވެ. އޭނާ އެ ކަމަށް ފެށި ދަތުރުގެ މަންޒިލަކަށްވީ ކައިރި އެހެން ފަޅު ރަށެއް ނޫނެވެ. ކޮންކްރީޓް އިމާރާތްތަކުން ފުރިފައިވާ މި މާލޭގެ ކޮންކްރީޓް އިމާރާތެކެވެ.

ތާޒާ ލެޓިއުސް ވިއްކާ ވިޔަފާރި، "ކޯއްޓޭ ފާމްސް" ގެ ވެރިޔާ ޝާހިދު ހިޔާރުކުރީ ޒަމާނީ "ހައިޑްރޮފޯނިކްސް ފާމިން" އެވެ. އެއީ ވެއްޔާ ނުލައި، ވަކި މިންވަރަކަށް ފިނި ހޫނުމިން ހިފެހެއްޓިފައި ހުންނަ "އިންޑޯ" ތަނެއްގައި ކުރާ "ވާޓިކަލް ފާމިން" އެވެ.

"މާލޭގައި ކުރެވޭނެ ކަމަކަށް ދެން ބެލީ، ރަނގަޅު އަގެއް ވެސް ލިބޭނެ އެއްޗަކަށް،. މާލޭގަ ތަނެއް ހިފައިގެން ކުރެވޭނެ ކަމަކީ މިއީ،" އޭނާގެ ލެޓިއުސް ވިޔަފާރި ފެށިގެން އައި ގޮތް ޝާހިދު ހިއްސާކުރި އެވެ.

ކޯއްޓޭ ފާމްސް -- ފޮޓޯ: މިރާން ނާޝިމް/އަދަދު


ތަނެއް ކުއްޔަށް ހިފުމަށް ފަހު ދެން ޝާހިދަށް ދިމާވި އެންމެ ބޮޑަށް ދިމާވީ މާލީ ދަތިކަމެވެ. އަތުގައި ރައްކާކޮށްފައި ހުރި ފައިސާގެ އިތުރުން ރައްޓެހިން ވެސް ވިޔަފާރި ފެށުމަށް އެހީތެރިވެދިން ކަން އޭނާ ފާހަގަކުރި އެވެ.

ސަރުކާރުން ލޯނު ހަމަޖެހުނު ނަމަވެސް، އެކަމަށް ދިގު މުއްދަތެއް ހޭދަވި ކަމަށް އޭނާ ބުންޏެވެ.

ލެޓިއުސް ހެއްދުމަށް ހައިޑްރޮފޯނިކްސް ފާމިން ބޭނުންކުރަން ޝާހިދު ނިންމީ، ދަނޑުވެރިކަމުގެ އެހެން އުކުޅުތަކަށް ވުރެ މިއިން ހެއްދޭ އަދަދު ވެސް ގިނަ ވާނެތީ އެވެ.

ހައިޑްރޮފޯނިކްސް ފާމިންއަށް ބޭނުންވާ މެޝިން އަދި އެހެނިހެން ސާމާނުގެ އިތުރުން، ލެޓިއުސްގެ އޮށް ރާއްޖޭއިން ނުލިބުމާއި، އަގު ބޮޑުވުމަކީ ވެސް "ކޯއްޓޭ ފާމްސް" ފެށުމުގައި ޝާހިދު ކުރިމަތިލި ދައްޗެކެވެ. އެ ތަކެތި ގެންނަން ޖެހެނީ އަވައްޓެރި ގައުމުތަކުންނެވެ.

މަސައްކަތް ފެށުމުގެ ކުރިން ދަސްކުރުމުގެ ގޮތުން އެކި ކަހަލަ ވީޑިއޯ އޭނާ ބެލި އެވެ. ދަނޑުވެރިކަމާ ގުޅޭ ފޮތްތަކުން އޭނާގެ މައުލޫމާތު މުއްސަނދި ކުރި އެވެ. ދަނޑުވެރިކަމަށް ހިތުގައި ޖެހިފައިވާ ލޯބީގެ ސަބަބުން ޗުއްޓީއަށް ރާއްޖެއިން ބޭރަށް ދިޔައަސް ކުރާ ކަމަކީ، ދަނޑުތަކަށާއި ވާޓިކަލް ފާމުތަކަށް ޒިޔާރަތް ކުރުމެވެ.

"ދަސްކުރީ އޮންލައިންކޮށް، ދެން ވަރަށް ފޮތްތައް ވެސް ކިޔާ ހަދަން ދަނޑުވެރިކަމާ ގުޅޭ، ފުރުސަތެއް ލިބުނީމަ ބޭރު ގައުމުތަކުގަ ހުންނަ ވާޓިކަލް ފާމްތަކަށް ގޮސް ބަލާ ހެދިން، މި ދަސްކުރަން، މި ކަންކުރާ ގޮތް ތަޖުރިބާކުރަން،" ހައިޑްރޮފޯނިކްސް ފާމިން ދަސްކުރަން އޭނާ ކުރި މަސައްކަތް ޝާހިދު ކިޔައިދިނެވެ.

ކޯއްޓޭ ފާމްސް -- ފޮޓޯ: މިރާން ނާޝިމް/އަދަދު


މީގެ ދޮޅު އަހަރެއްހައި ދުވަސް ކުރިން ޝާހިދުގެ ދަނޑުވެރި ސިކުޑިން ފެށި މަސައްކަތް މިހާރު ވަނީ ކާމިޔާބުވެފަ އެވެ. މާލެ ފަދަ ތަނެއްގައި ލެޓިއުސް ނުހެއްދޭނެ ކަމަށް އެތައް ބަޔަކު ބުނި ނަމަވެސް، އޭނާ ވަނީ އެއީ ކުރެވޭނެ ކަމެއް ކަން ސާބިތުކޮށްދީފަ އެވެ.

"ގިނަ މީހުން ބުނި ތި ކަމެއް ނުވާނެއޭ މާލޭގަ، އެކަމަކު ތި ބޭފުޅުން ބައްލަވާ، މިކަން މޮއޮތީ ވެފަ،" ވަރަށް ފަހުވެރިކަމާއެކު، އުފާވެރި އިހުސާސްތަކާ އެކީ ޝާހިދު ބުންޏެވެ.

ކޯއްޓޭ ފާމުގައި މިހާރު 5،600 ލެޓިއުސް ގަސް ހެއްދޭނެ ޖާގަ އެބަ ހުއްޓެވެ. އެއީ 2،700 ކިލޯ އެވެ. އަދި ކޮންމެ 30 ދުވަހަކުން ގަސް ކަނޑަން ލިބޭނެ ކަމުގެ ޔަގީންކަން ޝާހިދަށް އޮވެ އެވެ.

ލެޓިއުސްގެ އެކި ވައްތަރު ކޯއްޓޭ ފާމުގައި ހައްދަ އެވެ. އޭގެ ތެރޭގައި ރޮމެއިން, ރަތް އަދި ފެހި ބަޓާ ލެޓިއުސްގެ އިތުރުން ކޮރަލް އަދި ރަތާއި ފެހި ލޮއްލޮ ހިމެނެ އެވެ.

ކޯއްޓޭ ފާމްސް: ތަޒާ ލެޓިއުސް، އިންޑޯ ފާމަކުން


ލެޓިއުސް ހަދަން އޭނާ ފެށިތާ ފަސް މަސް ވެފައިވާއިރު، ވެލީގައި ހައްދާ ލެޓިއުސްއާ އޭނާގެ އިންޑޯ ދަނޑުގައި ހައްދާ ލެޓިއުސްގެ އެންމެ ބޮޑު ތަފާތަކީ ތާޒާ ކަމެވެ.

"ކަނޑާ ދުވަހުން ފެށިގެން ހަފްތާއަކަށް ލެޓިއުސް ތާޒާކޮށް މި ހުންނަނީ. ބޭރުން ގެންނައިރު ހަތަރު ދުވަސް އެބަ ވޭ. މިގޮތަށް ހެއްދީމަ މާބޮޑަށް ވެސް ތާޒާ. ކަސްޓަމަރުން ވެސް އެކަން ފާހަގަކުރޭ،" ޝާހިދު ކިޔައިދިނެވެ.

ކޯއްޓޭ ފާމްސްއިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް ލެޓިއުސް ވިއްކަ އެވެ. ޖަވާހިރު މަގުގައި ހުންނަ އެ ފާމުން މިހާރު ވެސް ތާޒާ ލެޓިއުސް ލިބެން ހުންނާނެ އެވެ. އަދި އެ ފާމުން މިހާރު އެންމެ ގިނައިން ލެޓިއުސް ގަންނަނީ ރެސްޓޯރެންޓުތަކާއި ފިހާރަތަކުންނެވެ.