Advertisement

އެސްޑީއެފްސީން ބުނީ ލޯނު ދޫކުރުން ހުއްޓާ ނުލާ ކަމަށް

24 މާރިޗު 2024 - 18:43 0

ނިމާ ހަސަން

ނިމާ ހަސަން

އެސްޑީއެފްސީ -- ފޮޓޯ: އަދަދު


އެސްޑީއެފްސީން ބުނީ ލޯނު ދޫކުރުން ހުއްޓާ ނުލާ ކަމަށް

24 މާރިޗު 2024 - 18:43 0

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ ބައެއް ލޯނުތައް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައި ނުވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

އެސްޑީއެފްސީން ނެރުނު ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނުން ލޯނު ދޫކރުުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށް ބުނެ ހަގީގަތާއި ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ކަމަށެވެ.

އެސްޑީއެފްސީން އެ ބަޔާން ނެރެފައިވާއިރު, އެ ކޯޕަރޭޝަނުގެ ސީނިއާ މާކެޓިން އެންޑް ޕީއާރް އޮފިސަރް މީކާއީލް މީގެ ކުރިން "އަދަދު" އަށް ވިދާޅުވީ، އެސްޑީއެފްސީ އުފެއްދުނީއްސުރެ ކޮންމެ އަހަރަކު ވެސް އަހަރު ނިމޭއިރު ލޯނު އެޕްލިކޭޝަންތައް ނެގުން ހުއްޓާލާ ކަމަށާއި އެގޮތުގެ މަތިން ހުއްޓާލީ އެ ކޯޕަރޭޝަނުގެ އަމިއްލަ ލޯނު ޕްރޮޑަކްޓްސް ކަމަށެވެ.

މީކާއިލް ވިދާޅުވި ގޮތުގައި އަންނަ އޭޕްރީލު މަހުގައި އަލުން ލޯނު ދޫކުރަން ފަށާނެ އެވެ. ބައެއް ލޯނު ޕްރޮޑަކްޓުތައް ވަގުތީގޮތުން ހުއްޓާލި ނަމަވެސް އެސްޑީއެފްސީން އެޑްމިނިސްޓާ ކުރާ ދަނޑުވެރިކަމާ ކަނޑުފަޅުގެ ނަފާ ފަދަ ލޯނުތަކަށް މިހާރުވެސް އެޕްލައިކުރަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޑީއެފްސީގެ ބަޔާނުގައި ބުނީ, ކަނޑު ފަޅު ނަފާއަށް ފަރުމަހުގެ މަސްވެރިކަމަށް ހާއްސަ ކެޓަގަރީއެއް އިތުރު ކުރުމާއެކު ދަނޑުވެރި ނަފާ އަދި އަންހެނުން ޝާމިލުވާ ވިޔަފާރިތަކަށް ފަށާ މަދަދުގެ ލޯނު ޕްރޮޑަކްޓުގެ ދަށުން މިހާރުވެސް ލޯނަށް އެދެވޭނެ ކަމަށެވެ. އަދި އެ ކޯޕަރޭޝަނުގެ ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި އޮތް އިރު އެ ދާއިރާތަކުގެ ލޯނު ހޯދުމަށް މިއަހަރު މިހާތަނަށް ވެސް ކަސްޓަމަރުންގެ ފަރާތުން ގިނަ ހުށަހެޅުންތަކެއް ލިބެމުންދާ ކަމަށް އެސްޑީއެފްސީން ބުނެ އެވެ.

އެސްޑީއެފްސީން މައިގަނޑުގޮތެއްގައި ލޯނުދޫކުރަނީ އިގްތިސާދީ އަށް ދާއިރާއަކަށެވެ. މިގޮތުން ލޯކަލް ޓުއަރިޒަމް، ދަނޑުވެރިކަން، މަސްވެރިކަން، އުފެއްދުންތެރިކަން، އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް އިސްކަންދީގެން ހާއްސަ ފުރުސަތުތަކެއް ހުޅުވާލެވިފައިވެ އެވެ. އަދި ކޮމާސް، ދަތުރުފަތުރު އަދި އިމާރާތްކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެސްޑީއެފްސީން އަންނަނީ ލޯނު ދޫކުރަމުންނެވެ.

މިހާތަނަށް އެސްޑިއެފްސީން އެންމެ ގިނައިން ދޫކޮށްފައިވަނީ 500،000.ރ އާއި އެއް މިލިއަން ރުފިޔާއާއި ދެމެދުގެ ލޯނެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި މާލީ އެހީ ލުއި އިންޓްރެސްޓް ރޭޓުގައި ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި، އެސްޑީއެފްސީ އިފްތިތާހުކުރީ 18 މާޗް، 2019 ގައެވެ. މިގޮތުން މިވިޔަފާރިތަކަށް ލޯނު ދިނުމުގެ އިތުރުން މާކެޓްގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ، ވިޔަފާރިތަކުގެ ފައިނޭންޝިއަލް ލިޓެރަސީ އިތުރުކުރުމަށް އެސްޑީއެފްސީން މަސައްކަތްކުރެ އެވެ.