Advertisement

އެސްޑީއެފްސީން ލޯނު ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި

21 މާރިޗު 2024 - 14:30 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އެސްޑީއެފްސީ -- ފޮޓޯ: އަދަދު


އެސްޑީއެފްސީން ލޯނު ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި

21 މާރިޗު 2024 - 14:30 0

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ ބައެއް ލޯނުތައް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

އެ ކޯޕަރޭޝަނުގެ ސީނިއާ މާކެޓިން އެންޑް ޕީއާރް އޮފިސަރް މީކާއީލް "އަދަދު" އަށް ވިދާޅުވީ، އެސްޑީއެފްސީ އުފެއްދުނީއްސުރެ ކޮންމެ އަހަރަކު ވެސް އަހަރު ނިމޭއިރު ލޯނު އެޕްލިކޭޝަންތައް ނެގުން ހުއްޓާލާ ކަމަށެވެ. އަންނަ އޭޕްރީލު މަހުގައި އަލުން ލޯނު ދޫކުރަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮންމެ އަހަރަކު ވެސް އިޔާ އެންޑްގަ ލޯން އެޕްލިކޭޝަންސް ނެގުން ހުއްޓާލަން. ހުއްޓާލާފަ މިހިރީ އެސްޑީއެފްސީގެ އަމިއްލަ ލޯނު ޕްރޮޑަކްޓްސް،" މީކާއިލް ފާހަގަކުރެއްވި އެވެ.

އެގޮތުން އެޑްމިނިސްޓާ ކުރާ ދަނޑުވެރިކަމާ ކަނޑުފަޅުގެ ނަފާ ފަދަ ލޯނުތަކަށް މިހާރުވެސް އެޕްލައިކުރަމުން ދާކަމަށް މީކާއިލް ވިދާޅުވި އެވެ.

މީގެ އިތުރުން ވިޔަފާރި ކަނބަލުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްޑީއެފްސީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ތައާރަފުކޮށްފައިވާ "ފަށާ މަދަދު" ލޯނު އަދި "ފަށާ މަދަދު ލީސިން" ލޯނަށް އެޕްލައި ކުރުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް މީކާއީލް މައުލޫމާތުދެއްވި އެވެ.

އެސްޑީއެފްސީން މައިގަނޑުގޮތެއްގައި ލޯނުދޫކުރަނީ އިގްތިސާދީ އަށް ދާއިރާއަކަށެވެ. މިގޮތުން ލޯކަލް ޓުއަރިޒަމް، ދަނޑުވެރިކަން، މަސްވެރިކަން، އުފެއްދުންތެރިކަން، އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް އިސްކަންދީގެން ހާއްސަ ފުރުސަތުތަކެއް ހުޅުވާލެވިފައިވެ އެވެ. އަދި ކޮމާސް، ދަތުރުފަތުރު އަދި އިމާރާތްކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެސްޑީއެފްސީން އަންނަނީ ލޯނު ދޫކުރަމުންނެވެ.

މިހާތަނަށް އެސްޑިއެފްސީން އެންމެ ގިނައިން ދޫކޮށްފައިވަނީ 500،000.ރ އާއި އެއް މިލިއަން ރުފިޔާއާއި ދެމެދުގެ ލޯނެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި މާލީ އެހީ ލުއި އިންޓްރެސްޓް ރޭޓުގައި ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި، އެސްޑީއެފްސީ އިފްތިތާހުކުރީ 18 މާޗް، 2019 ގައެވެ. މިގޮތުން މިވިޔަފާރިތަކަށް ލޯނު ދިނުމުގެ އިތުރުން މާކެޓްގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ، ވިޔަފާރިތަކުގެ ފައިނޭންޝިއަލް ލިޓެރަސީ އިތުރުކުރުމަށް އެސްޑީއެފްސީން މަސައްކަތްކުރެ އެވެ.