Advertisement

ނިންމުން ބަދަލުކުރޭތޯ ބާސެލޯނާ އިން ޒަވީއާ ވާހަކަދައްކާނެ

24 މާރިޗު 2024 - 13:14 0


ނިންމުން ބަދަލުކުރޭތޯ ބާސެލޯނާ އިން ޒަވީއާ ވާހަކަދައްކާނެ

24 މާރިޗު 2024 - 13:14 0

ބާސެލޯނާ (މާޗް 24) - މި ސީޒަނަށް ފަހު ބާސެލޯނާގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ ޒަވީ ހެނާންޑޭޒްގެ އެ ނިންމުން ބަދަލުކުރޭތޯ، ސީޒަން ނިމުމުން ވާހަަކަ ދައްކާނެ ކަމަށް ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

ޒަވީ މީޑިއާގައިގައި މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ސީޒަން ފެށިއިރު ވެސް އޭނާ ވަނީ މި އަހަރަށް ފަހު ޓީމުގެ ކޯޗުކަން ދޫކޮށްލަން ނިންމައިފަ އެވެ.

ބާސެލޯނާގެ ކޯޗަކަށް ޒަވީ ހަމަޖެއްސީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. ގަތަރުގެ އަލް ސާދު ދޫކޮށް ބާސެލޯނާއާ ހަވާލުވި ޒަވީ ވަނީ އެ ޓީމުގައި ހޭދަކުރި ފުރަތަމަ ފުލް ސީޒަނުގައި އެ ޓީމަށް ސްޕެނިޝް ލީގު ކާމިޔާބު ކޮށްދީފަ އެވެ. އޭގެ ކުރިން، ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްދިނެވެ. އެކަމަކު، ކްލަބްގެ ހާލަތާއި އަމިއްލަ ކޯޗިން ކެރިއަރަށް ބަލާފައި، ޒަވީ އާ ޗެލެންޖަކާ ދިމާލަށް މިސްރާބު ޖަހަން ބާސެލޯނާއާ ވަކިވާން ނިންމީ އެވެ.

އެކަމަކު، އެ ނިންމުން ބަދަލުކުރަން، ބާސެލޯނާގެ ބޯޑުން ބާރު އަޅާނެ ކަމަށް އެ ކްލަބްގެ ރައީސް ލަޕޯޓާ ވަނީ ވިދާޅުވެފަ އެވެ.

"އަހަރެމެން ޒަވީއާ ވާހަކަ ދައްކާނަން، އެއީ އެކަމަކު، ސީޒަން ނިމުމުން، ބައެއް ފަހަރު އެހެން ނިންމާ ނިންމުންތައް އަލުން ވިސްނާފައި ބަދަލުކޮށްފައިވެސް އެބަހުރި،" ލަޕޯޓާ ވިދާޅުވި އެވެ.

"އަހަރެމެން ތަށްޓެއް ހޯދައިފިއްޔާ، ޔަގީނުން ވެސް ޒަވީ ހުންނަން އަހަރެން ބޭނުން. އަހަރެން ވާނީ އެ ކަން ޒަވީ އަށް ވެސް އަންގާފައި،"

ލަޕޯޓާ ވިދާޅުވީ، ޒަވީ އާއި ބާސެލޯނާއާ ދެމެދު ހާއްސަ ގުޅުމެއް އަބަދުވެސް އޮންނާނެ ކަމަށާއި ސީޒަން ނިމޭ ގޮތެއް ބަލާފައި ކުރިއަށްދާނެ ގޮތެއް ދެ ފަރާތް މެދުގައި މަޝްވަރާކޮށްފައި ނިންމާނެ ކަމަށެވެ.

ބާސެލޯނާ އަށް މި ވަގުތު ތަށްޓެއް ހޯދުމަށް ފުރުސަތެއް އޮތީ ދެ މުބާރާތުގަ އެވެ. އެއީ ސްޕެނިޝް ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ބާސެލޯނާ ކުޅޭނީ ޕީއެސްޖީއާ އެވެ. ސްޕެނިޝް ލީގުގެ ދެ ވަނައިގައި ބާސެލޯނާ އޮތީ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ އަށް ޕޮއިންޓް މަދުން ހޯދައިގެންނެވެ.