Advertisement

ޒުވާން ފޯވަޑް އެންޑްރިކްގެ ލަނޑާ އެކު އިންގްލެންޑް އަތުން ބްރެޒިލް އަށް މޮޅެއް

24 މާރިޗު 2024 - 11:54 0


ޒުވާން ފޯވަޑް އެންޑްރިކްގެ ލަނޑާ އެކު އިންގްލެންޑް އަތުން ބްރެޒިލް އަށް މޮޅެއް

24 މާރިޗު 2024 - 11:54 0

ލަންޑަން (މާޗު 24) - ޒުވާން ފޯވަޑް އެންޑްރިކް ޖެހި ލަނޑާ އެކު ރޭ ކުޅުނު އެކުވެރިިކަމުގެ މެޗުގައި އިންގްލެންޑް އަތުން 1-0 އިން ބްރެޒިލް މޮޅުވެއްޖެއެވެ.

ވެމްބްލީ ސްޓޭޑިއަމްގްއި ރޭ ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރައި، މެޗުގެ ހަމައެކަނި ލަނޑު އެންޑްރިކް ޖެހީ 80 ވަނަ މިނިޓުގައެވެ.

އުމުރުން 17 އަހަރުގެ އެންޑްރިކް މި ވަގުތު ބްރެޒިލްގެ ޕަލްމޭރާސް އަށް ކުޅުނު ނަމަވެސް، މި ސީޒަނަށް ފަހު އޭނާ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާނެ އެވެ.

މެޗުގެ އިތުރު ވަގުތުގައި އެންޑްރިކް އަށް ދެ ވަނަ ލަނޑެއް ޖެހުމަށް ފުރުސަތު ލިބުނު ނަަމަވެސް، އިންގްލެންޑްގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ އެންޑްރިކް ފޮނުވާލި ހަމަލާ ދިފާއުކޮށްފަ އެވެ.

މިއީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޑެންމާކް އަތުން ބަލިވި ފަހުން އިންގްލެންޑް ވެމްބްލީގައި ކުޅުނު މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.

ބްރެޒިލްގެ އާ ކޯޗު ޑޮރިވާލް ޖޫނިއާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން މޮޅުވުމަކީ އެ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުކެމެވެ.

ބްރެޒިލް އިން މެޗުގެ ފަހު 10 މިނިޓުގައި ލީޑު ނެގި ނަމަވެސް، އޭގެ ކުރިންވެސް ލީޑު ނެގުމަށް ބްރެޒިލް އަށް ރަނގަޅު ފުރުސުަތުތަކެއް ލިބުނެވެ. މެޗުގެ ކުރީކޮޅު އިންގްލެންޑް ޑިފެންޑަރު ކައިލް ވޯކާ އަށް އަނިޔާވިއިރު، މުޅި މެޗުގައިވެސް އިންގްލެންޑްގެ ޑިފެންސް ފެނުނީ ބަލިކޮށެވެ. ހާއްސަކޮށް ޑިފެންޑަރު ހެރީ މެގުއާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނުނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑްގެ އޮލީ ވަޓްކިންސް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. އިންގްލެންޑް ކެޕްޓަން ހެރީ ކޭން އަށް އަނިޔާވެ، މި މެޗުގައި ނުކުޅުމުން ފުރަތަމަ 11 އިން ޖާގަ ލިބުނު ވަޓްކިންސް އަށް އޭރިޔާ ތެރެއިން ގޯލަށް ބޯޅަ އަމާޒުކޮށްނުލެވުނެވެ.

މި މެޗުގައި ބްރެޒިލްގެ ކޯޗު ޑޮރިވާލް ޖޫނިއާ ވަނީ ގިނަ ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައެވެ. އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓްވެސް ވަނީ އާ ކުޅުންތެރިން ކަމަށްވާ ނިއުކާސަލްގެ އެންތަނީ ގޯޑަން އާއި އެސްޓަން ވިލާގެ ޑިފެންޑަރު އެޒްރީ ކޮންސާ އަދި މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ކޯބީ މައިނޫ އަށް ފުރުސަތު ދީފައެވެ.