Advertisement

ޝާހިދުގެ ވީޑިއޯއާ ގުޅިގެން ރައީސް މުއިއްޒު ހިމެނޭހެން މުޅި ސަރުކާރު ޑިފެންސަށް!

24 މާރިޗު 2024 - 09:21 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރިޔާސީ އިންތިހާބުގެ ކެމްޕޭނު ޖަލްސާއެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އަދަދު


ޝާހިދުގެ ވީޑިއޯއާ ގުޅިގެން ރައީސް މުއިއްޒު ހިމެނޭހެން މުޅި ސަރުކާރު ޑިފެންސަށް!

24 މާރިޗު 2024 - 09:21 2

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް މ. ރަތްމަންދޫއަށް ވަޑައިގެން އެރަށުގައި ހުންނަވައި ވީޑިއޯ މެދުވެރިކޮށް އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު ދެއްކެވި ވާހަކައާ ގުޅިގެން ސަރުކާރުގެ މިނިސްޓަރުންނާއި ރައީސުލްޖުމްހޫރިއްޔާ ހިމެނޭހެން މުޅި ސަރުކާރު ޑިފެންސަށް ވެއްޓިއްޖެ އެވެ.

އެކްސްގައި ހިއްސާ ކުރެއްވި ވީޑިއޯގައި ޝާހިދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިދިޔަ ފަސް އަހަރު ގެންދިޔައީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ހިންގަމުން ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއެކު ރަށްރަށުގައި ހިނގަމުންދިޔަ ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދުގެ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި، ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ވަނީ ހުއްޓާލައިފަ، މިރަށުގެ [ރަތްމަންދޫގެ] ހުރިހާ މަޝްރޫއުތަކެއް ވަނީ ހުއްޓާލައިފަ،" ސަރުކާރަށް ފާޑު ވިދާޅުވަމުން ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ ވާހަކައިގައި ވަނީ ރަތްމަންދޫގައި މިދިޔަ ސަރުކާރުން ފެށި ފެނާއި ނަރުދަމާގެ މަޝްރޫއުގެ ވާހަކައާއި އިންޖީނުގޭގެ މަޝްރޫއުއަށް އަލިއަޅުވާލައި، އެ މަސައްކަތްތައް ހުއްޓިފައި ހުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވަމުން ދާ ކަމަށް ވިދާޅުވެފަ އެވެ.

"ރާއްޖޭގެ ރަށްރަށުން ފަށާފައިވާ ތަރައްގީގެ މަސައްކަތް މިދަނީ ވީރާނާވަމުން، ގެނެސްފައިވާ ތަކެތި ބޭކާރުވަމުން، ރައްޔިތުންގެ އިހުސާސްތަކަށް މި ސަރުކާރުން ދަނީ ފުރަގަސްދެމުން، މިސްރާބު ހަމަމަގަށް އެޅުވުމަށް ޖެހެނީ މި ސަބަބަށްޓަކައި،"

އެ ވާހަކަތަކަށް ރައްދުދެއްވައި ސަރުކާރުގެ ގިނަ މިނިސްޓަރުންތަކެއް ވަނީ ސަރުކާރުގެ ދިފާއުގައި އެކްސްގައި ޕޯސްޓުތައް ކުރަން ފަށްޓަވައިފަ އެވެ.

ޝާހިދުގެ ވީޑިއޯއަށް ރައްދުދެއްވައި މިނިސްޓަރު ޝަހީމް ކުރެއްވި ޕޯސްޓު ރައީސް މުއިއްޒު ރީޕޯސްޓު ކުރައްވާފައި


އެގޮތުން ކޮންސްޓްރަކްޝަން މިނިސްްޓަރު، އަބްދުއްﷲ މުއްތަލިބާއި ހެލްތު މިނިސްޓަރު، ޑރ. އަބްދުﷲ ހަލީލްގެ އިތުރުން ލޯކަލް ގަވަމަންޓު މިނިސްޓަރު، އާދަމް ޝަރީފްއާއި އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ހޯމް މިނިސްޓަރު، އަލީ އިހުސާން ވެސް ޝާހިދުގެ ވީޑިއޯއަށް ރައްދުދެއްވައި ޕޯސްޓު ކުރައްވާފައިވެ އެވެ.

އޭގެތެރެއިން މިނިސްޓަރު، މުއްތަލިބާއި މިނިސްޓަރު ޝަހީމްގެ އެކްސް ޕޯސްޓު، ރައީސް މުއިއްޒު ވަނީ ރީ ޕޯސްޓު ކުރައްވައިފަ އެވެ.

އެ ބޭބޭފުޅުންގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ސަސްޕެންޝަނުގައި ތިބި ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން ވެސް ސިޔާސީ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން ޝާހިދުގެ ވީޑިއޯއަށް ރައްދުދެއްވައި ޕޯސްޓު ކުރައްވާފައިވެ އެވެ. އޭގެތެރެއިން ބައެއް ބޭބޭފުޅުންގެ ޕޯސްޓުތަކުގައި ޒިންމާދާރު މަގާމެއްގައި ހުންނައިރު، ހިފަހައްޓަންޖެހޭ އަހުލާގީ އާންމު މިންގަނޑަށްވުރެ ދަން ފެންވަރުގެ ބަހުރުވަ ބޭނުންކޮށްފައި ވާތީ އާންމުންގެ ފާޑު ކިޔުން ވެސް އެ ބޭފުޅުންނަށް އަމާޒުވެފައިވެ އެވެ.

ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ޝާހިދު ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އެގޮތުން ސަރުކާރުގެ ދިފާއުގައި ނުކުންނެވި މިނިސްޓަރުންނާއި އިސް މަގާމުތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މިދިޔަ ސަރުކާރު ނިމުނުއިރު ވެސް ތަރައްގީގެ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށާއި މި ސަރުކާރުން ގެންދަނީ އެ މަޝްރޫއުތައް ފެށޭނެ ގޮތެއް ހޯދަމުން ކަމަށެވެ.

މިއީ މި ސަރުކާރު ވެރިކަމަށް އައިފަހުން ވަކި ވާހަކައަކާ ގުޅިގެން މުޅި ސަރުކާރު ދިފާއުއަށް ކުޅެން ނުކުންނެވި ފުރަތަމަ ފަހަރެވެ. މީގެ ކުރީގެ ވެރިކަންތަކުގައި ވެރިކަން ކުރާ ސަރުކާރަކުން މިވަރުގެ ޕްރެޝަރަކަށް ވެއްޓި ސޯޝަލްމީޑިއާގައި ސަރުކާރު ދިފާއު ކުރަން މަސައްކަތް ކޮށްފައެއް ނުވެ އެވެ.

މިދިޔަ ފެބްރުއަރީ 20، ގައި އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ޝާހިދުގެ ވީޑިއޯއަކަށް މުޅި ސަރުކާރުން ރައްދު ދިންއިރު، މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ސަރުކާރަށް ފާޑު ވިދާޅުވެފައިވެ އެވެ.

ޕީޕީއެމުން ވަކިވެވެވަޑައިގެން އަމިއްލަ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، ޔާމީން މި ސަރުކާރަށް ފާޑުވިދާޅުވަމުން މިދިޔަ ބުދަ ދުވަހުގެ ރޭ ވިދާޅުވީ މި ސަރުކާރުން މުވައްޒަފުންނަށް ކުރާ ހަރަދުތައް ބޮޑުވެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ.

ޔާމީންގެ ވާހަކައިގައި ވަނީ ސަރުކާރު ހިންގުމާ މިހާރު ހަވާލުވެ ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިބިއިރު، އެންމެ ބޮޑަށް ފާޑުކީ އޭރުގެ ސަރުކާރުގެ ހަރަދުތައް ބޮޑުވެގެން ކަމަށްވިޔަސް ވެރިކަމަށް އައުމަށްފަހު މި ސަރުކާރުން މުވައްޒަފުންނަށް ކުރާ ހަރަދު ކުރީ ސަރުކާރަށްވުރެ އިތުރުވެފައިވާ ކަމަށެވެ.

އޭގެއިތުރުން ކުރީގެ ރައީސް ސޯލިހު ވެސް ވަނީ މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައިވާކަން ފާހަގަކުރައްވައި މި ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.

ސަރުކާރު ބަދަލުވި ނަމަވެސް ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ހުއްޓައިނުލައްވާނެ ކަމަށް ރިޔާސީ ކެމްޕޭނު ތެރޭގައި ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެމްޑީޕީގެ ސަރުކާރުގައި ފެށި ހުރިހާ މަޝްރޫއުތަކެއް ހެން މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް މިމަހު 9، ގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

އަތޮޅު ތެރޭގައި ކުރީ ސަރުކާރުން ހިންގަން ފެށި ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާ ކަމުގެ ތުހުމަތު ސަރުކާރަށް އަމާޒުވެފައި އޮއްވައި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ އަދާހަމަ ފެންނަ އައިލްސް ވެބްސައިޓު ވެސް މިދިޔަ ހޯމަ ދުވަހު ވަނީ ޑައުން ކޮށްލައިފަ އެވެ.

އެ ވެބްސައިޓަށް ވަންނައިރު މިހާރު ފެންނަނީ "2025 ވަނަ އަހަރުގެ ބަޖެޓާ ގުޅުންހުރި މަސައްކަތްތަކެއް ކުރުމަށް މި ވެބްސައިޓު އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ" ކަމަށެވެ.

ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ އަދާހަމަ ފެންނަ ގޮތަށް އައިލްސްގެ ނަމުގައި ވެބްސައިޓެއް ރައީސް އޮފީހުން ހިންގަން ފެށީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގެ ދުވަސްވަރު އެވެ. އޭރުން ފެށިގެން ރައީސް ސޯލިހުގެ ސަރުކާރު ނިމުނުއިރު ވެސް "އަޕްޑޭޓެއް" ކުރުމަށްވިޔަސް އެ ވެބްސައިޓަށް ނުވަދެވޭ ގޮތް ހަދައިފައެއް ނުވެ އެވެ.

ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް އިދިކޮޅުން ބުނާއިރު، ދަރަނި އިންތިހާއަށް އިތުރުވެ ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްްރޫއުތައް ނުފެށި ލަސްވާނެ ކަމުގެ އިޝާރާތެއް ފެބްރުއަރީ މަހު ކުރީކޮޅު ރައީސް މުއިއްޒު ތ. އަތޮޅަށް ކުރެއްވި ދަތުރުގައި ވިދާޅުވެފައިވެ އެވެ.

"އެ ކަންކަން [ދަރަނި މެނޭޖު] ކުރުމުގެ މަސައްކަތް ކުރާއިރު ޕީއެސްއައީޕީ މަޝްރޫއުތައް ތަރައްގީގެ މަޝްރޫއުތައް އެއްފަހަރާ ކުރިއަށްގެންދިޔުމުގެ ދަތިތައް ހުރި. އަޅުގަނޑަކީ ވަރަށް ބޮޑަށް ހާއްސަކޮށް މިކަހަލަ ތަރައްގީގެ މަޝްރޫއުތައް ވަރަށް ގިނައިން ކުރިއަށްގެންދަން ބޭނުންވާ މީހެއް. އެކަމަކު އެއްފަހަރާ ހުރިހާ ރަށެއްގައި ހުއްޓިފައި ހުރި މަޝްރޫއުތައް ވެސް އަދި އަލަށް ފަށަން ހުރި މަޝްރޫއުތައް ވެސް ނުފެށޭނީ މިހެންވެގެން," ރައީސް ވިދާޅުވި އެވެ.