Advertisement

އެމްޑީޕީގެ ކެންޑިޑޭޓު ސައްޔާހުގެ ކެމްޕޭނަށް ހުރަސްއެޅުން އެ ޕާޓީން ކުށްވެރިކޮށްފި

24 މާރިޗު 2024 - 10:33 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެމްޑީޕީގެ ކެންޑިޑޭޓު ސައްޔާހުގެ ކެމްޕޭނަށް ހުރަސްއެޅުން އެ ޕާޓީން ކުށްވެރިކޮށްފި

24 މާރިޗު 2024 - 10:33 0

އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގއ. ކޮލަމާފުށި ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ސައްޔާހު ހަލީލުގެ ކެމްޕެއިނަށް ހުރަސްއެޅުން، އެ ޕާޓީން މިރޭ ކުށްވެރި ކޮށްފި އެވެ.

އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮލަމާފުށި ދާއިރާއަށް ޕީއެންސީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓު އިއްޔެ އެ ދާއިރާގެ މާމެންދޫއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާތީ، ސައްޔާހުގެ ބެނާ ތަކާއި ޕޯސްޓަރުތަކުގައި ފިޔާތޮށި ކުލައިގެ ފޮތި އަޅައި، ކެމްޕޭނަށް ހުރަސްއެޅި ކަމަށެވެ.

މިކަން މިގޮތަށް ހިނގާފައިވަނިކޮށް، އިދިކޮޅު ފަރާތްތަކުން ހިންގާފައިވާ ނާތަހުޒީބު އަދި ޑިމޮކްރަޓިކް އުސޫލުތަކާ ހިލާފު އަމަލުތައް ކުށްވެރިކޮށް އެމްޑީޕީގެ ސަޕޯޓަރުންގެ ފަރާތުން އަޑުއުފުލާ ހިޔާލު ފާޅުކުރުމަށްވެސް ޕީއެންސީގެ އިސްވެރިން ވަނީ ހުރަސްއަޅާފައި ކަމަށް އެމްޑީޕީން ބުނެ އެވެ.

އެގޮތުން، އެމްޑީޕީން ބުނީ ޕީއެންސީގެ ކެންޑިޑޭޓާއެކު މާމެންދޫ އަށް ގޮސް އުޅޭ ޓީމުގައި ހަރަކާތްތެރިވަމުންދާ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވަނީ، ޕީއެންސީގެ މި އަމަލުތައް ކުށްވެރިކުރުމުގައި އުޅުނު ކުއްޖަކަށް ހަމަލާދީފައި ކަމަށެވެ.

"ދައުލަތުގެ އިންތިހާބީ މަގާމެއްގައި ހުރެ، އަދި ސަރުކާރު ތަމްސީލުކުރާ ޕާޓީގެ އިސް ފަރާތެއްގެ ގޮތުގައި ހުރެ ޑެޕިއުޓީ މޭޔަރގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމަކީ އެއްވެސް ދިވެހި ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫން. މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މި އަމަލުތައް ލޮލަށް ފެނުނު ހެކިންގެ މައުލޫމާތާއެކު، މައްސަލަ ބަލައިދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް ވާނީ މައްސަލަ ހުށަހަޅާފައި" އެމްޑީޕީން ވަނީ ބުނެފަ އެވެ.

އިންތިހާބުގައި ކެމްޕެއިން ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފަށް، އަދި ވާދަވެރި ކެންޑިޑޭޓުންގެ އިންތިހާބީ ހައްގުތަކަށް ހުރަސްއެޅޭ ގޮތަށް ހިންގާފައިވާ މި އަމަލުތައް ވީހާވެސް އަވަހަކަށް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ފުލުހުންނަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.

އޭގެއިތުރުން އެމްޑީޕީން ބުނީ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން އަދި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން، އެކަކު އަނެކެއްގެ އިންތިހާބީ ހައްގުތަކަށް އަރައިނުގަނެ، ސުލްހަވެރި ކެޕްމެއިނެއް ކުރިއަށް ގެންދެވޭނެ މާހައުލު ފަހިކޮށްދިނުމަށެވެ.

ވަކިން ހާއްސަކޮށް، ސަރުކާރު ނިސްބަތްވާ ޕާޓީ ތަމްސީލުކުރާ ފަރާތްތަކުގެ ކިބައިން މިފަދަ އަމަލުތައް ކުރިއަށް އޮތް ތަނުގައިވެސް ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށާއި ސަރުކާރަށް އެމްޑިޕީން ވަނީ ގޮވާލާފަ އެވެ.