Advertisement

ޖަރުމަނުން އެޑިޑާސް ދޫކޮށްލާތީ ސިޔާސީ ފަރާތްތަކުގެ ފާޑުކިއުން

23 މާރިޗު 2024 - 16:18 0


ޖަރުމަނުން އެޑިޑާސް ދޫކޮށްލާތީ ސިޔާސީ ފަރާތްތަކުގެ ފާޑުކިއުން

23 މާރިޗު 2024 - 16:18 0

ބާލިން (މާޗު 23) - ޖަރުމަނުގެ ޤައުމީ ފުޓްބޯޅަ ޓީމުތައް 70 އަހަރަށް ފަހު އެޑިޑާސް ބްރޭންޑް ދޫކޮށްލައި، ނައިކީ އަށް ބަދަލުވާން ނިންމާފައިވާތީ އެ ގައުމުގެ ބައެއް ވަޒީރުންނާއި ޕާލަމެންޓް މެމްބަރުންގެ ފާޑުކިއުން އަމާޒުވެއްޖެ އެެވެ.

ޖަރުމަންގެ ފުޓްބޯލް ފެޑަރޭޝަން އިން ނިންމާފައިވަނީ އެޑިޑާޑްސްއާ އެކު މިހާރު ހަދާ ކިޓް ސްޕޮންސަޝިޕްގެ އެއްބަސްވުން 2026 ވަނަ އަހަރު ހަމަވުމާ އެކު، 2027 އިން ފެށިގެން 2034 އާ ހަމައަށް ޖަރުމަންގެ ކިޓުތައް ހަދާނީ ނައިކީ އިން ކަމަށެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ނައިކީ އިން ވަނީ ކިޓް ސްޕޮންސާޝިޕްގެ ފީގެ ގޮތުގައި އަހަރަކު 100 މިލިއަން ޑޮލަަރު ޖަރުމަންގެ ފެޑަރޭޝަނަށް ދޭން އެއްބަސްވެފަ އެވެ.

އެޑިޑާޑްސް އިން އަހަރަކަށް ދެނީ 50 މިލިއަން ޑޮލަރު އެވެ.

ޖަރުމަންގެ ޖޯޒީގެ ބްރޭންޑް 70 އަހަރަށް ފަހު ބަދަލުކުރުމަށް ނިންމުމާ ގުޅިގެން، ޖަރުމަންގެ ބައެއް ވަޒީރުންނާއި ޕާލަމެންޓް މެމްބަރުން ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ.

ޖަރުމަންގެ އިކޮނޮމިކް މިނިސްޓަަރު ރޮބަޓް ހާބެކް ވިދާޅުވީ ޖަރުމަނަށް ނިސްބަތްވާ އެޑިޑާޑްސް ދޫކޮށްލަން ޖަރުމަންގެ ފުޓްބޯލް ފެޑަރޭޝަން ނިންމިއިރު، "ވަތަނީ" ވިސްނުމަކުން ގޮތެއް ނިންމިނަމަ ރަނގަޅުވީސް ކަމަށެވެ.

"އަހަންނަށް ހަމަ (އެޑިޑާޑްސް އިން ބޭނުންކުރާ) ތިން ރޮނގު ނުލައި ޖަރުމަންގެ ޖޯޒީއެއް ހިތަށްވެސް ނުގެނެވޭނެ. އަހަރެން ގަބޫލްކުރާ ގޮތުގައި އެޑިޑާޑްްސް އާއި ކަޅާއި ރަތާއި ގޯލްޑް ކުލަ އަބަދުވެސް ފެންނަންވާނީ އެއްކޮށް. އެއީ ޖަރުމަންގެ އައިޑެންޓިޓީގެ ބައެއް،" ހާބެކް ވިދާޅުވި އެވެ.

ޖަރުމަންގެ ހެލްތު މިނިސްޓަރު ކާލް ލައުޓަބަކް ވިދާޅުވީ އެޑިޑާޑްސް ދޫކޮށްލުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ.

"ޒަމާންވީ، ސަގާފަތާ ގުޅިފައި އޮތް ކަމެއް އެ ހަރާބުކޮށްލީ ކޮމާޝަލް ވިސްނުމަކުން ގޮތް ނިންމުމުން،" ލައުޓަބަކް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ބައެއް ޕާލިމަންޓް މެމްބަރުންނާއި ސަރުކާރުގެ ބައެއް އިސް އޮފިޝަލުން ވަނީ ނައިކީއާއެކު ޑީލް ހެދުމާ ދެކޮޅަށް ވާހަކަދައްކައިފައެވެ.

ޖަރުމަންގެ ފެޑަރޭޝަން އިން އެޑިޑާޑްސް ދޫކޮށް ނައިކީ އަށް ބަދަލުވުމުން ގިނަ ފަރާތްތަކެއް އެކަމާމެދު ހިތްހަމަނުޖެހޭކަން އެނގޭ ކަމަށެވެ. އެކަމަކު އެއީ ފެޑަރޭޝަންގެ އާމްދަނީ އިތުރުކޮށް، ޖަރުމަންގެ ފުޓްބޯޅަ އަށް ރަނގަޅަކަށް އެ ފެޑަރޭޝަނުން ގެނައި ބަދަލެއް ކަމަށެވެ.