Advertisement

ސާޖަރީއެއް ކުރާތީ, ޑރ. ޝަހީމް އިމާމުވެ ތަރާވީހު ކުރުން މެދުކަނޑާލައިފި

23 މާރިޗު 2024 - 14:09 0

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު. -- ފޮޓޯ: އަދަދު


ސާޖަރީއެއް ކުރާތީ, ޑރ. ޝަހީމް އިމާމުވެ ތަރާވީހު ކުރުން މެދުކަނޑާލައިފި

23 މާރިޗު 2024 - 14:09 0

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބަލިވެ ސާޖަރީއެއް ކުރަން ނިންމާފައިވާކަން އޭނާ އިއުލާނު ކުރައްވައިފި އެވެ.

ޝަހީމް، 47، ކުރަނީ ކޮން ކަހަލަ ސާޖަރީއެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ. އަދި ދިމާވެގެން އުޅޭ މައްސަލައެއް ވެސް ސީދާ ވިދާޅެއްނުވެ އެވެ. ނަމަވެސް އޭގެ ސަބަބުން ގިނަ ވަގުތު ކޮޅަށް ނުހުންނެވޭ ކަމަށް ވިދާޅުވި އެވެ.

ޑރ. ޝަހީމް ގެންދަވަނީ މި ރޯދަ މަހު ހުޅުމާލޭ ރަޝީދު މިސްކަތުގައި އިމާމުވެ ތަރާވީހު ނަމާދު ކުރަމުންނެވެ. ނަމަވެސް ސާޖަރީ ކުރަން ނިންމާފައިވާތީ މިއަދުން ފެށިގެން އެކަން މެދުކަނޑާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ އިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްހީ ސަބަބެއް މެދުވެރިވެގެން، ޑޮކްޓަރުންގެ ލަފާމަތިން މިރެއިން ފެށިގެން އިމާމުވެ ތަރާވީސްކުރުން މެދުކަނޑާލި ވާހަކަ ދަންނަވަން. ސާޖަރީއަކަށްދާތީވެ އެންމެހާ ލޮބުވެތި އަހުންނާއި އުހުތުންގެ ހެޔޮ ދުއާއަށް އެދެން،" ޝަހީމް އޭނާގެ ފޭސްބުކް އެކައުންޓުގައި ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ ސާޖަރީއަށްފަހު ފަރުވާގެ ކަންކަން ނިންމައިގެން އަލުން އިމާމުވެ ނަމާދު ކުރަން އުއްމީދު ކުރައްވާ ކަމަށެވެ.

"ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އިމާމުކަމަށް އައުމަށް ނުހަނު އުއްމީދުކުރަން. އިމާމުކަމަކީ ކުޑައިރުން ފެށިގެން ނުހަނު ލޯތްބާއި ޝައުގުވެރިކަމާއެކު ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.