Advertisement

އާސެނަލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވީ އަންހެނަކަށްޓަކައި، އެއީ ހެދުނު ގޯހެއް: ޕެޓިޓް

23 މާރިޗު 2024 - 10:34 0


އާސެނަލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވީ އަންހެނަކަށްޓަކައި، އެއީ ހެދުނު ގޯހެއް: ޕެޓިޓް

23 މާރިޗު 2024 - 10:34 0

ޕެރިސް (މާޗު 23) - އާސެނަލް ދޫކޮށް ބާސެލޯނާ އަށް 2000 ވަނަ އަހަރު ބަދަލުވި ސަބަބު ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އެމަނުއެލް ޕެޓިޓް ހާމަކޮށްފި އެވެ.

ފްރާންސާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި ޕެޓިޓް ބުނީ ބާސެލޯނާ އަށް ބަދަލުވީ "އަންހެނަކަށްޓަކައި" ކަމަށެވެ.

ފްރާންސްގައި 1998 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސްގެ ޓީމުގައި ހިމެނޭ ޕެޓިޓް, 53, އާސެނަލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވީ 2001/2000 ވަނަ އަހަރުގެ ސީޒަންގަ އެވެ.

އާސެނަލް އަށް ކުޅެމުންދިޔަ ނެދަލޭންޑްސްގެ ވިންގާ މާކް އޯވަމާސްއާ އެކު ޕެޓިޓް ބާސެލޯނާ އަށް ބަދަލުވީ 14 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ.

އެކަމަކު، ބާސެލޯނާގައި ޕެޓިޓް ހޭދަކުރީ އެންމެ ސީޒަނެކެވެ. ޖެހިގެންއައި ސީޒަންގައި އޭނާ ވަނީ ޗެލްސީ އަށް ބަދަލުވެފަ އެވެ.

ގިނަ އަހަރުތަކަކަށް ފަހު، ޕެޓިޓް ބުނީ އޭނާ އާސެނަލް ދޫކޮށް ބާސެލޯނާއަށް ބަދަލުވީ އަންހެނަކަށްޓަކައި ކަމަށެވެ. އަދި އެއީ އޭނާގެ ކެރިއަރުގައި ހެދުނު އެންމެ ބޮޑު އެއް ގޯސް ކަމަށެވެ.

"އަހަރެން އަބަދުވެސް ގަބޫލް ކުރަނީ ބާސެލޯނާ އާއި ރެއާލް މެޑްރިޑަކީ ދުނިޔޭގެ އެންމެ ބޮޑު ދެ ކްލަބު ކަމަށް. އެކަމަކު އާސެނަލް ދޫކޮށްލުމަކީ އަހަންނަށް ހެދުނު ގޯހެއް،" ޕެޓިޓް ބުންޏެވެ.

"ބައެއް ފަހަރު އެހެން ތަނަކަށް ބަދަލުވިޔަސް މާ ބޮޑު މޮޅެއް ނުލިބޭނެ. އެއަށްވުރެ ރަނގަޅުވާނެ އުފާވެރިކަން އިހުސާސްކުރެވޭ ތަނެއްގައި މަޑުކުރަން. މިހާރު ހިތަށްއަރާ އޭރު އާސެނަލްގައި މަޑުކުރެވުނުނަމައޭ."

ޕެޓީޓް ވަނީ ފްރާންސްގެ ބަތަލާއެއް ކަމަށްވާ އަގާތޭ ޑެލަ ފޮންޓޯނޭ 2000 ވަނަ އަހަރު ކައިވެނިކޮށްފަ އެވެ. އެ ކައިވެނި ރޫޅުނީ 2002 ވަނަ އަހަރެވެ.

ބާސެލޯނާގައި އެއް ސީޒަން ހޭދަކުރުމަށް ފަހު، ޕެޓިޓް ބަދަލުވީ ޗެލްސީ އަށެވެ. ޗެލްސީގައި ހަތަރު ސީޒަން ހޭދަކުރުމަށް ފަހު 2004 ވަނަ އަހަރު ޕެޓިޓް ކުޅުން ހުއްޓާލީ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

ޕެޓިޓް ބުނީ ބާސެލޯނާ އަށް އޭނާ ބަދަލުވީ ވަރަށް ގޯސް ދަނޑިވަޅެއްގައި ކަމަށެވެ. އަދި އޭރު ބާސެލޯނާގެ ކޯޗަކަށްހުރި ސެރާ ފެރާގެ މައްސަލަތައް ވެސް ފާހަގަވި ކަމަށެވެ.

"އޭރު ބާސެލޯނާގެ ޓީމުގައި އޮތީ ވަރަށް ބޮޑު މައްސަލައެއް އުފެދިފައި. ކަޓަލާންގެ ކުޅުންތެރިންނާއި ޑަޗު ކުޅުންތެރިން މެދުގައި އޮތީ މައްސަލަތައް އުފެދިފައި،" ޕެޓިޓް ބުންޏެވެ.

"އޭރު ކޯޗަކަށްހުރި ސެރާ ފެރާ އަކީ އެވަރުގެ ޓީމެއް ގެންގުޅެން އެކަށީގެންވާ ކޯޗެއް ނޫން."