Advertisement

ވާދަވެރިންގެ ހިތަށް މެސެޖެއް

22 މާރިޗު 2024 - 07:43 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ވާދަވެރިންގެ ހިތަށް މެސެޖެއް

22 މާރިޗު 2024 - 07:43 0

މުސްލިމުންގެ އިއްޒަތްތެރި ޚަލީފާ މުޢުތަޞިމްގެ ޒަމާނުން އިބުރަތްތެރި ފިލާވަޅެކެވެ. ރަށްފުށުން އައި ބަދަވީއަކު ގަނޑުވަރު ތެރެއަށް ވަދެ ޚަލީފާއާ ބައްދަލުކުރުމަށް އެދުނެވެ. މީނާގެ ވާހަކަ ދެއްކުންތެރިކަމުގެ މޮޅުކަމާއި ފަލްސަފާވެރިކަން ފެނިވަޑައިގެންފައި ޚަލީފާ ވަރަށް ބޮޑަށް މީނާއާ މެދު ޝައުގުވެރިވެ ދަރުބާރުގެ ބޮޑުންގެ ތެރޭގައި އޭނާ ލައްވައިފި އެވެ. އޭނާއަކީ ޚަލީފާ ދޭތެރެއަކުން ބައްދަލުކޮށް ވާހަކަ އަޑުއައްސަވާ ގާތް މީހަކު ކަމުގައި ހައްދަވައިފި އެވެ.

މިކަމެއް މިހިނގާ ގޮތް ފެނިފައި ޚަލީފާގެ އަރިސް ވަޒީރަކުގެ ހިތުގައި މިކަމާމެދު ވަރަށް ބޮޑަށް ހަސަދަވެރިކަން ހިނގައިފި އެވެ. އެއްދުވަހެއްގައި ރަށްފުށު މީހާއަށް ވަޒީރުގެ ގެއަށް ކެއުމަކަށް ދައުވަތުދިނެވެ. އަދި ކާން ތައްޔާރުކުރި އެއްޗެހީގައި ރަނގަޅަށް ރޯވެސް ނުފިލުވާ ގިނަ އަދަދަކަށް ލޮނުމެދު ހިމަނާފައި ހުއްޓެވެ. ރަށްފުށު މީހާ އާދަޔާ ހިލާފަށް ގިނައިން ކައިފި އެވެ.

އިސާހިތަކު މެންދުރު ފަހުގެ ދަރުބާރަށް ވަޒީރު ހާޒިރުވެފައި ޚަލީފާއަށް ދަންނަވައިފި އެވެ. އެއްކަލަ އައުރާބީ ކަލޭގެ މަނިކުފާނޭ ކިޔައިގެން ރަށުތެރޭގައި ވާހަކަ އެބަދައްކަ އެވެ. މަނިކުފާނުގެ އަނގަފުޅުން ދުވާ ނުބައިވަހުން ކައިރީގައި އިންނަން އުނދަގޫވާކަމަށެވެ. ޚަލީފާ ވިދާޅުވިއެވެ. އޭނާ ހަމަ އެފަދައިން ކިޔަނީ ހެއްޔެވެ؟ ވަޒީރު ދެންނެވިއެވެ. އާދޭހެވެ.

އިރުތަކެއް ނުވެ ރަށްފުށު މީހާ ދަރުބާރަށް އައެވެ. ޚަލީފާ މުޢުތަޞިމް އޭރު އިންނެވީ މީނާ ދެކެ ކޯފާވެވަޑައިގެންނެވެ. ވިދާޅުވި އެވެ. ކަލޭ ނިކަން މިތާ ކައިރިއަށް އާދެ ބަލާށެވެ. އޭނާ ކައިރިއަށް ޖެހުމުން ދެންވެސް ވިދާޅުވި އެވެ. އަދިވެސް ކައިރިއަށް ޖެހޭށެވެ! ރަށްފުށު ކަލޭގެ ހުރީ ނިކަން ގިނައިން ލޮނުމެދު ކައިގެން ކަމުން އޭނާގެ ކިބައިން ޚަލީފާއަށް އުނދަގުލެއް ޖެހިދާނެކަމަށްޓަކައި ޚަލީފާއާ އިތުރަށް ކައިރިއަށް ޖެހެމުން އަނގަމަތީގައި އޭނާ އަތްއަޅާލި އެވެ.

މިތަން ފެނިވަޑައިގަތްފައި މުޢުތަޞިމް ހިތްޕުޅަށް އެރިއެވެ. ވަޒީރު އެކިޔަނީ ހަމަ ތެދެވެ. މިހެން ހިއްތަވާފައި، މުޢުތަޞިމް ވިދާޅު ބަސްފުޅު އިއްވެވީ ގަނޑަކާ ގަލަމަކާ ގެންނެވުމަށެވެ. އެއަށްފަހު އެލިއްޔުވި އެއްޗެއް ލިޔުއްވާފައި، ރަށްފުށު ކަލޭގެ އަތަށް އެދެއްވާފައި ވިދާޅުވިއެވެ. މިހިފައިގެން ގޮސް މިވެނި ރަށުގައި ހުރި އަހަރެންގެ ގަވަރުނަރުގެ އަތަށް ދޭށެވެ.

މިމަންޒަރު ބަލަންހުރެފައި އެއްކަލަ ވަޒީރު ހިތަށް އެރިއެވެ. މިވަރު ކުރީމާވެސް އެކަލޭގެ އެސަލާމަތްވީ އެވެ. ރަނގަޅަށް ވިއްޔާ ޚަލީފާ އޭނާއަށް އެދެއްވީ އަގުބޮޑު ހަދިޔާއެކެވެ. މިވަރުން އަދި ދޫކޮށްނުލާނަމޭ ހިތާފައި، ރަށްފުށު މީހާގެ ފަސްފަހަތުން ވަޒީރު ގޮސް، އޭނާ މިސްކިތަށް އެރުމުން އޭނާއާއެކު މިސްކިތަށް އަރާފައި، މިސްކިތުން ފޭބި ވަގުތު ބައްދަލުކޮށްފައި ބުނެފި އެވެ. ކަލޭގެ އަތަށް ޚަލީފާ އެއްޗެއް ދޭތަން ދުށީމެވެ. އެއީ އަނެއްކާ ކޮން އެއްޗެއްހެޔެވެ؟ އެމީހާ ބުންޏެވެ. ޚަލީފާ ދެއްވީ ސިޓީއެކެވެ. އަދި އެ ހުޅުވުމަކާ ނުލައި އެހިފައިގެން ގޮސް މިވެނި ރަށުގެ ގަވަރުނަރާ ހަވާލުކުރުމަށް ޚަލީފާ އެންގެވިއެވެ.

ވަޒީރު ހިތަށް އެރިއެވެ. ނަސީބުވެސް ގަދަ މީހެއްތާއެވެ! ޚަލީފާ އޭނާ ދެކެ ކޯފާ ވީމާ ވެސް ދުރުގައި ހުރި އަމީރެއްގެ ދަރުބާރަށް އެފޮނުވަނީ ޝަރަފުވެރިކަން ދެއްވާފައިވިއްޔާ އެވެ. އަނެއްކާ ވެސް ހަސަދަވެރިކަމުގެ އަލިފާން ހިތުގައި އަނދައިގަތެވެ. އެއަށްފަހު ވަޒީރު ބުންޏެވެ. އެހާ ދުރަށް ދިއުމުގެ ބުރަ ތިބާ އުފުލާނެ ކަމެއް ނެތެވެ. އަހަރެންގެ އަތަށް ތިޔަ ސިޓީ ދޭށެވެ! އަހަރެން ތިޔަ ސިޓީ ގެންގޮސްދީފާނަމެވެ.

ރަށްފުށު ކަލޭގެ ވަޒީރަށް އެކަމަށްޓަކައި ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައި ސިޓީ، ވަޒީރުއާ ހަވާލުކޮށްފި އެވެ. ވަޒީރު ވީ މޮޅައިގެން އުފަލުން ގޮސް އެބުނާ އަމީރަކުގެ ދަރުބާރަށް އެސިޓީ ގެންގޮސް، ގަވަރުނަރުގެ އަތްޕުޅަށް އަރުވައިފިއެވެ. ގަވަރުނަރު އެބެއްލެވިއިރު އޭގައި އޮތީ މި ސިޓީ ހިފައިގެންދާ މީހާ އިތުރު ތަހުގީގަކާ ނުލައި، ގަތުލުކުރުމަށެވެ. ހިނދުން ހިނދަށް ޚަލީފާގެ އަމުރުފުޅު އެއްވެސް ފަސްޖެހުމަކާ ނުލައި ތަންފީޒުވެ ނިމިއްޖެ އެވެ.

ލަސްތަކެއް ނުވެ ޚަލީފާގެ ވަޒީރަކު ގަތުލުކުރި ޚަބަރު ދައުރުވަމުން ގޮސް ޚަލީފާ މުޢުތަޞިމްގެ ކަންފަތްޕުޅާ ހަމައަށް ފޯރައިފި އެވެ. ވަގުތުން ގަވަރުނަރު ދަރުބާރަށް ހާޒިރުކޮށް ވަޒީރު ގަތުލުކުޅައީ ކީއްވެގެންތޯ ސުވާލުކުރައްވައިފި އެވެ. ގަވަރުނަރު ދެންނެވިއެވެ. ޚަލީފާގެ ފަތްކޮޅު ލިބުނުއިރު އޭގައި އޮތީ އެހިފައިގެން އަންނަ މީހަކު ގަތުލުކުރުމަށެވެ.

މި ޖަވާބު އައްސަވާފައި، ޚަލީފާ އޭނާގެ ދަރުބާރަށް އެންގެވީ، އެއްކަލަ ރަށްފުށު ކަލޭގެ ހޯދައިގެން ގެނައުމަށެވެ. އޭނާ އައުމުން އޭނާއާ ޚަލީފާ ސުވާލުކުރެއްވި އެވެ. އެ މީހާ ކަންވީ ގޮތް ކިޔައިދިނެވެ. ސިޓީ ހިފައިގެން ދަނިކޮށް ވަޒީރު ބައްދަލުކޮށް، ވަޒީރު އެ ސިޓީ ގެންދަން ބޭނުންވާ ވާހަކަ ބުނުމުން، ސިޓީ ވަޒީރުއާ ހަވާލުކުރީކަމުގައި ބުންޏެވެ.

ޚަލީފާ ވިދާޅުވި އެވެ. ތިޔަހެންޏާ ތިމަން މަނިކުފާނާ ބެހޭ ގޮތުން ރަށު ތެރޭގައި ކަލޭ ވާހަކަ ދެއްކީ ކީއްވެ ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ތިޔައީ ދުވަހަކު ތިމަންނާ ހިތަށްވެސް އެރި ކަމެއް ނޫނެވެ. އެހިނދު ޚަލީފާ ވިދާޅުވި އެވެ. ތިޔަހެން ވިއްޔާ އެދުވަހު އަހަރެންނާ ގާތްވި ވަގުތު އަނގަމަތީގައި އަތްއެޅީ ކީއްވެ ހެއްޔެވެ؟ އެމީހާ ބުންޏެވެ. އެދުވަހު ހުރީ ވަރަށް ގިނަ އަދަދަކަށް ރޯވެސް ނުފިލުވާހުރި ލޮނުމެދުތަކެއް ހިމެނޭ ކާއެއްޗެއް ކައިގެންނެވެ. އެއީ އެދުވަހު މެންދުރަށް ވަޒީރު ދެއްވި ދައުވަތެކެވެ. ޚަލީފާ އަރިހަށް އެދުވަހު އައިއިރު، ޚަލީފާއާ މާ ކައިރިއަށް އަންނަން ޖެހިދާނެ ކަމަށް ހީވެފައެއް ވެސް ނެތެވެ. އެކަމަކު ޚަލީފާ ކައިރިއަށް ޖެހެން އެންގުމުން އަނގަމަތީގައި އަތްއެޅީ އަޅުގަނޑުގެ ކިބައިން މަނިކުފާނަށް އުނދަގުލެއް ޖެހިދާނެކަމަށްޓަކަ އެވެ.

ހަސަދަވެރިކަމަކީ އެކަހަލަ ކަމަކެވެ. ހަސަދަވެރިޔާ އޭނާ އެއްގޮތަކަށް ހީވެސް ނުކުރާ ކަންކަމުގެ ތެރެއަށް ހަސަދަވެރިކަން އޭނާ ގެންގޮސް ވައްދައެވެ. މަޑުމައިތިރި އިންސާނާ ހަސަދަވެރިކަމުގެ ސަބަބުން އަދާވާތްތެރި ނުރައްކާތެރި އަނިޔާވެރިއަކަށް ބަދަލުކުރުވައެވެ. އަނެކުންނަށް ލިބޭ މޮޅާއި އުފަލަށްޓަކައި ހިތްހަމަޖެހެން ނޭނގޭ ހަސަދަވެރިންނަށް އެމީހުންގެ ހަސަދައިގެ ސަބަބުން ލިބޭ މޮޅެއްވެސް ހަގީގަތުގައި ނޯވެ އެވެ. އޭގެ ސަބަބުން އެބައިމީހުންނަށް ނަފުސާނީ ވަރުބަލިކަން ލިބެއެވެ. ހިތާމައާއި ހިތްދަތިކަން ގުނަވެދެ އެވެ.

މަޝްހޫރު ފިޤުހުވެރިޔާ އަބުއްލައިޘް އައްސަމަރުޤަންދީ ވިދާޅުވެފައިވެ އެވެ. ހަސަދަވެރިވެވޭ މީހާއާ ހަމައަށް ހަސަދަވެރިޔާގެ ހަސަދަ ފޯރުމުގެ ކުރިން ހަސަދަވެރިޔާ ފަސް އުގޫބާތަކާ ކުރިމަތިލަ އެވެ. މެދުކެނޑުމެއް ނެތް ކަންބޮޑުވުމެވެ. ސަވާބު ނުލިބޭ ފަދައިން ކެތްކުރަންޖެހޭ މުސީބާތެވެ. ތައުރީފެއް ނުލިބޭނޭ ފަދަ ނިކަމެތިކަމެވެ. ﷲ ގެ ނުރުހިވޮޑިގަތުމެވެ. އަދި ކަންކަމަށް މާތް ﷲ ދެއްވާ ތައުފީޤު (މަގުފަހިވުމަށް ކަލާނގެ މިންވަރުކުރައްވާ ކުރެއްވުމު) ގެ ދޮރު ބަންދުވެދިއުމެވެ.

އިމާމް ޙަސަނުން ބަޞަރީ ވިދާޅުވެފައިވެ އެވެ. ހަސަދަވެރިކަމަށްވުރެ އޭގެ ސާހިބާއަށް ބަދު ނަސީބު އެހެން ކަމެއް ތިމަން ނުދެކެމެވެ. އޭގެ އުނދަގޫ އެންމެ ފުރަތަމައަށް ވެސް ޖެހޭނީ އޭގެ ވެރިޔާއަށެވެ. އަދި އެހަސަދަވެރިކަމުން ފުރަތަމައަށް ހަލާކުވެ ނިމިދާނީވެސް ހަމަ އޭގެ ވެރިޔާ އެވެ.

ހަސަދަވެރިކަމާމެދު އެވޭލާ ހަކީމުންގެ ބުއްދިވެރި ބަސްތަކާއި ނަސޭހަތްތައް ވެސް ގިނަ އެވެ. ހަސަދަވެރިކަން ސިފަކުރަނީ ނުބައިކަންތައްތަކުގެ ތެރެއިންވެސް އެންމެ މޮޔަ ކަންތަކުގެ ގޮތުގައެވެ. އެހެނީ އެޔަކީ އޭގެ ވެރިޔާއަށް އެއްވެސް ހެވެތެއް ގެނެސްދޭ އެއްޗަކަށް ނުވުމުގެ އިތުރުން އަބަދާއި އަބަދުގެ ނަފުސާނީ ހަމަނުޖެހުމާއި ގެއްލުން ގެނެސްދޭ އެއްޗަކަށްވާތީއެވެ. ވަރަށް ގިނަ ނުބައި ކަންކަމަކީ އެކަން ގެނެސްގަންނަ ވަގުތުގައި ވެސް ތިމާއަށް އުފާވެރިކަމާއެކު ހުރެވިދާނެ ކަންކަމެވެ. ނަމަވެސް ހަސަދަވެރިކަމާއި އުފާވެރިކަން އެއްހިތެއްގައި އެއްފަހަރާ ޖަމާނުވާނެއެވެ.

މި ލިޔުން ނިންމާލާނީ އަންނިސާއު ސޫރަތުގެ 32 ވަނަ އާޔަތުގެ ތަރުޖަމާ ހުށަހަޅައިދެމުންނެވެ. "ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު މާތްކުރައްވައި، މޮޅުކުރެއްވި ކަންތަކަށް ތިޔަބައިމީހުން ނޭދޭށެވެ! ފިރިހެނުންނަށްވެސް، އެއުރެން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި، އަންހެނުންނަށްވެސް، އެކަނބަލުން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި ﷲ ގެ ދީލަތިވަންތަކަމުގެ ތެރެއިން، (ދެއްވުމަށް) ތިޔަބައިމީހުން އެދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ކަމުގައިވެއެވެ."