Advertisement

ދުނިޔޭގެ ގަދީމީ ޅެންތަކުގެ ތެރެއިން 'ދަ އެޕިކް އޮފް ގިލްގަމޭޝް'

22 މާރިޗު 2024 - 10:26 1

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ދުނިޔޭގެ ގަދީމީ ޅެންތަކުގެ ތެރެއިން 'ދަ އެޕިކް އޮފް ގިލްގަމޭޝް'

22 މާރިޗު 2024 - 10:26 1

ގިލްގަމޭޝްއަކީ ދުނިޔޭގެ އެންމެ ގަދީމީ ހަޟާރަތު ކަމަށް ބެލެވިފައިވާ މެސޮޕޮޓޭމިއަން ހަޟާރަތުގައި އުރުކްގެ ސުމޭރިޔާގެ ރަސްގެފާނެވެ. މިހާރު އަޅުގަނޑުމެން މި ދަންނަ އިރާގުގެ މެދުއުތުރުގައި މީގެ އެންމެ ހަތަރުހާސް ފަސްސަތޭކަ ވަރަކަށް އަހަރު ކުރިން އޮތީ މެސޮޕޮޓޭމިއަން ހަޟާރަތެވެ. އެއީ މީލާދުގެ ދެހާސް ތިންސަތޭކަ ވަރަކަށް އަހަރު ކުރި އެވެ. އިންސާނީ މުއާމަލާތުތަކުގައި ބޭނުންކުރާ އަޑުތަކަށް ރަމްޒު އުފެދި، ލިޔެވި ތަރައްގީވާން ފެށި އަސްރަކީ މިއީ އެވެ. އިރާގާއި ސީރިއާއާއި ކުވައިތާއި ތުރުކީ ހިއްސާކުރާ ބޯޑަރުގެ ސަރަހައްދު ދިރާސާ ކުރިކުރިހެން މި ޒަމާނުގެ ހޯދުންތަކުން ފެންނާން އޮތީ އެ ހަޟާރަތުގެ މުއްސަނދިކަމެވެ.

ގިލްގަމޭޝް ރަސްގެފާނުގެ ހިތްވަރުފުޅުގަދަކަމާއި، އެ ރަސްގެފާނުގެ ރީތިކަމާއި ކުޅަދާނަކަމުގެ ވާހަކަތައް ގަދީމީ ސުމޭރިޔާގެ ވަރަށް ގިނަ ޅެންތަކުގައި ކިޔައި އުޅެ އެވެ. މީގެ ތެރެއިން އެންމެ ހާއްސަ އަދި އެންމެ ތަފްސީލު ބަޔާނަކަށް ފުދެނީ 'ދަ އެޕިކް އޮފް ގިލްގަމޭޝް' ޅެމެވެ. މިއީ މިހާތަނަށް ފެންނާން އޮތްގޮތުގައި އޭޝިއާގެ އެންމެ ގަދީމީ ޅެމެވެ. ޅެމުގައި ހާދިސާތައް ކިޔައިދީފައި ހުރީ އެއްވެސް ފުރޭނުމެއް ހިފެހެއްޓުމެއް ނެތި އެވެ. ގިލްގަމޭޝް ރަސްގެފާނު ރައްޔިތުންނާމެދު އަމަލުކުރަމުން ގެންދިޔަ އަނިޔާވެރި ގޮތުގެ ވާހަކަ ކިޔައިދީފައި އޮތްއިރު، ހުރާފީ ވާހަކަތައްވެސް މި ޅެމުގައި ހިމެނެ އެވެ. 'ކަލާނގެތައް' ގިލްގަމޭޝް ރަސްގެފާނަށް ދިން އިންޒާރުތަކާއި، އެ ރަސްގެފާނާ ހަނގުރާމަކުރުމަށް 'ކަލާނގެތައް' އުފެއްދެވި ހާއްސަ އިންސާނާ، އެންކިދުގެ ވާހަކަވެސް މި ޅެމުގައި ކިޔައިދެ އެވެ.

މި ޅެން ލިޔެވިފައި އޮތް ހިލައިގެ ފިލާތައް އެންމެ ފުރަތަމަ ހޯދިފައި ވަނީ މީލާދީން 1850 ވަނަ އަހަރުގެ ތެރޭގައި ދަ ރޯޔަލް ލައިބްރަރީ އޮފް އަޝޫރުބަނިޕާލް އިން ކުރި ދިރާސާތަކުންނެވެ. އެ ފިލާތައް ހޯދުމަށްފަހު އޭގެ ވިއްސަކަށް އަހަރު ފަހުން އިނގިރޭސި މިއުސިއަމްގައި އެ ފިލާތައް ދިރާސާކުރެވުނެވެ. ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ މަސައްކަތަށްފަހު، އެ ޅެން އިނގިރޭސި ބަހަށް ތަރުޖަމާކުރެވި ޝާއިއު ކުރެވުނީ 1876 ވަނަ އަހަރު އެވެ. ޅެން ލިޔެވިފައި އޮތީ އަކާޑިއަން ބަހުންނެވެ.

މި ޅެމުން ކިޔައިދޭ ވާހަކަ ހިމެނެނީ ބާރަ ފިލާގެ މައްޗަށެވެ. ފުރަތަމަ ފިލާގައި ގިލްގަމޭޝްއާއި، އޫރުކް ސަހަރުގެ ހާލާތު ތަފްސީލުކޮށްދެ އެވެ. ގިލްގަމޭޝްއަކީ އާދަޔާ ހިލާފު ބާރުތަކެއް ލިބިގެންވާ އިންސާނެކެވެ. ޅެމުގައި ސިފަކޮށްދީފައިވާ ގޮތުން އޭނާގެ ސިފަތަކުގެ ތިންބައިކުޅަ ދެބަޔަކީ ކަލާނގެވަންތަ ސިފަތަކެވެ. އިންސާނަކަށް ވަނީ ތިންބައިކުޅަ އެއްބައެވެ. (نَعُوْذُ بِاللهِ)

ގިލްގަމޭޝް ރަސްގެފާނުގެ ގާނޫނު އޮންނަ ގޮތުން، އެ ސަހަރުގެ ރައްޔިތުންގެ ތެރެއިން އަންހެނަކު ކައިވެނިކޮށްފިނަމަ އެ އަންހެނަކާއެކު އެންމެ ފުރަތަމަ ރޭ ކުރުމުގެ ހައްގު ލިބެނީ ކަލާނގެވަންތަ ރަސްގެފާނަށެވެ. މިކަމާ ކިތަންމެ ނުރުހުންވިޔަސް ރަސްގެފާނުގެ ހުރި އާދަޔާ ހިލާފު ބާރުތަކާ ކުރިމަތިލެވޭނޭ ގޮތެއް ނެތި އަޅުވެތިވެފައި ތިބުން ނޫން ގޮތެއް ރައްޔިތުންނަކަށް ނެތެވެ. ރައްޔިތުން ގެންދިޔައީ އެކަމުން މިންޖުކުރައްވާތޯ 'ކަލާނގެތަކަށް' ދުއާ ކުރަމުންނެވެ. އެ ދުއާތައް އިޖާބަވެ، ގިލްގަމޭޝްއާ ކުރިމަތިލެވޭނޭ ވަރުގެ ބާރު ލިބިގެންވާ އެހެން އިންސާނެއް އުފެއްދި އެވެ. އޭނާގެ ނަމަކީ އެންކިދު އެވެ.

އޭނާ އެންމެ ފުރަތަމަ ފޮނުވުނީ ޖަންގައްޔަކަށެވެ. ގިލްގަމޭޝްއާ ކުރިމަތިލުމުގެ ކުރިން އޭނާއަށް ޖެހިފައި އޮތީ އިންސާނީ ތަހުޒީބު ދަސްކުރުމެވެ. އެކަމަށް މަގުފަހިވީ 'ފައްޅީގެ ހަށި ވިއްކާ އަންހެނާ'، 'ޝަމްހަތު' އާ ބައްދަލުވުމުންނެވެ. ހަ ދުވަހާއި ހަތް ރޭ ވަންދެން މެދުކެނޑުމެއްނެތި ނަގައިދިން އެކި ޒާތްޒާތުގެ ފިލާވަޅުތަކާއެކު އެންކިދު ދިޔައީ އިންސާނީ ދިރިއުޅުމަށް ފައްކާވަމުންނެވެ. އޭރު ގިލްގަމޭޝްއަށް ހުވަފެނުގައި ފެންނަނީ އޭނާއަށް މަދަދު ދޭނޭ ބައިވެރިއެއް ދާދި އަވަހަށް އަންނަން އުޅޭކަމުގެ ހަބަރެވެ.

ގިލްގަމޭޝްއާ ފުރަތަމަ ކުރިމަތިލުމުގައި އެންކިދުއަށް ފާހަގަވީ ގިލްގަމޭޝް ބަލިކުރުމަކީ އިންސާނަކަށް ކުޅަދާނަވެގެންވާ ކަމެއް ނޫން ކަމެވެ. ނަތީޖާއެއްގެ ގޮތުން އޭނާ އަމާންދީ ގިލްގަމޭޝްގެ އެންމެ ގާތް މިތުރަކަށް ބަދަލުވި އެވެ. އެ ދެމީހުން އެކުގައި ބޮޑެތި ހަނގުރާމަތައްކޮށް އެތައް ސަރަހައްދެއް އެމީހުންގެ ބާރުވެރިކަމުގެ ދަށަށް ގެނެ އެވެ. މި މީހުންގެ ހަނގުރާމަތަކުގައި 'ހުމްބަބާ' އޭ ކިޔުނު މާރިދަކާއި، ކަލާނގެވަންތަ ސިފަތައް ލިބިގެންވާ އެތައް އިންސާނަކު މެރި އެވެ. މިކަމުގެ އަދަބެއްގެ ގޮތުން ކަލާނގެތަކުގެ ފަރާތުން ކަނޑައެޅުނީ މި ދެ މީހުންގެ ތެރެއިން އެކެއްގެ ފުރާނަ ހިފުމަށެވެ. އެމީހަކަށްވީ އެންކިދު އެވެ. އެކަމުގެ ހިތާމައިގައި ގިލްގަމޭޝްގެ ހަޔާތް ވެއަތުކުރަމުން ގެންދިޔައިރު، ފުރަތަމަ ފަހަރަށް އެހެން ބިރެއްވެސް އޭނާގެ ހިތުގައި ހިނގަން ފެށި އެވެ. އެއީ އެންކިދު ފަދައިން އޭނާވެސް މަރުވެދާނޭ ކަމުގެ ބިރެވެ.

އޭނާގެ އެ ބިރަށް ފަރުވާ ހޯދުމަށް ބައްދަލުކުރީ އުޓްނަޕިޝްތިމްއޭ ކިޔުނު ރަސްކަލަކާ އެވެ. އެ ރަސްގެފާނަކީ ދުވަހަކު މަރުވުމެއް ނެތް ގޮތަށް ލެހެއްޓިފައިވާ ރަސްކަލެއް ކަމުގައި ވި އެވެ. އޭނާއާ އެކަމުގެ ސިއްރާ ގުޅިގެން ސުވާލުކުރުމުން ބުނެ އެވެ. ދުނިޔޭގައި އުޅުނު އިންސާނުންގެ އުޅުން ކަމުނުދާތީ ކަލާނގެތަކުގެ ކޯފާއެއްގެ ގޮތުގައި މުޅި ދުނިޔެއަށް ބޮޑު ތޫފާނެއް ފޮނުވުނެވެ. ތިމަންނާއަށް ކަލާނގެތަކުގެ އިރުޝާދު ލިބުނީ ނަވެއް ބަނުމަށްފަހު ތިމަންނާއަށް ތަބާވި ބަޔަކާއި، މިލްކުގައިވާ ޖަނަވާރުތަކާއި، ގަސްގަހާގެހީގެ ވައްތަރުތައް ހިފައިގެން އެ ނަވަށް އެރުމަށެވެ. ތިމަންނާ ހަ ދުވަހާއި ހަތް ރޭ ވަންދެން އެ ނަވުގައި ހޭލާ ހުރީމެވެ. އެ ތޫފާން މައިތިރިވުމުން ތިމަންނާއަށް ކަލާނގެތަކުގެ ފަރާތުން ލިބުނު ރަހުމަތެއްގެ ގޮތުގައި ދާއިމީ ދިރިއުޅުމުގެ ނިއުމަތް ލިބުނީ އެވެ.

ގިލްގަމޭޝްއަށް އެ ނިއުމަތް ލިބޭނީ ނުނިދައި ހަ ދުވަހާއި ހަތް ރޭ ހޭދަކޮށްފިނަމަ ކަމަށްވެސް ރަސްގެފާނު ބުނެ އެވެ. މަރުގެ މައްޗަށް ފަތަހަ ހޯދަން މަސައްކަތް ކުރި ގިލްގަމޭޝްއަށް ނިދީގެ މައްޗަކަށްވެސް ބާރެއް ނުފޯރުވުނެވެ. ދެ ރޭ ދެ ދުވާ ހޭދަވިއިރު ގިލްގަމޭޝްއަށް ނިދިއްޖެ އެވެ. އެހެންވެ، ދާއިމަށް ދިރިއުޅުމުގެ ނިއުމަތް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ.

ހުރާފާތުގެ މައްޗަށް އޮތް މި ޅެން ދިރާސާކުރި ދާރިސުން މި ޅެމުގައި ހުރި ވާހަކަތަކަކީ ހަގީގަތެއް ކަމަކަށް ނުދެކެ އެވެ. އެހެން ނަމަވެސް ޅެމެއް ހަދާފައި އޮތުން އޭގެ ޒާތުގައިވެސް ވީ ފާހަގަކުރަންޖެހޭ ކަމަކަށެވެ. އެއީ އެ ހަޟާރަތުގެ އާދައިގެ އާންމު ބަސްމަގުތޯ ނުވަތަ ޅެންވެރިކަން އެއީ ވަކި ފަންނެއްގެ ގޮތުގައި އޮތް ކަމެއްތޯވެސް ދިރާސާ ކުރެވުނެވެ. ހޯދުނު އެހެން ބައެއް ލިޔުންތަކުގައި ބޭނުންކޮށްފައި ހުރި ބަސްމަގާއި މި ފިލާތަކުގެ ބަސްމަގަށް ބެލުމުން، މެސެޕޮޓޭމިއާގެ ތަހުޒީބުގައި ޅެންވެރިކަން ވަކި ފަންނެއްގެ ގޮތުގައި ތަރައްގީވެފައި އޮތްކަމަށް ގަބޫލުކުރެވޭ ހެކި ލިބުނެވެ.

ޅެމުގައި ގިލްގަމޭޝް ސިފަކޮށްދެމުން ބުނެފައި އޮތް ދެތިން ޖުމުލައެއްގެ ތަރުޖަމާ ގެނެސްދެވޭތޯ ބަލަމެވެ.

ވަންހަނާ ވެގެންވާހައި ކަންކަން އެނގިހުރި، ގައުމިއްޔަތުގެ ތަނބެވެ.

އެއީ ގިލްގަމޭޝް އެވެ. ހުރިހާ ކަމެއް މޮޅަށް އެނގޭ، ހުރިހާ ގޮތަކުންވެސް ފުރިހަމަ އެވެ.

އޭނާ ހުރިހާ ތާކު ވެއެވެ.

ހުރިހާ އިލްމެއްގެ އެންމެ އަޑިއާ ހަމައަށް އޭނާ ދަނެ އެވެ.

ފޮރުވިފައިވާ ސިއްރުތައް އޭނާއަށް ފެނެ އެވެ. ވަންހަނާކުރެވިފައިވާ ކަންތައްތައް ހޯދައެވެ.

ދުނިޔެ ގަންބާލި ތޫފާނުގެ ކުރީގެ ހާލާތުވެސް އޭނާ ހޯދައިފި އެވެ.

އޭނާގެ ބާރުވެރިކަމަށް ގޮންޖަހާލެވޭނޭ މީހަކު އެބަހުރި ހެއްޔެވެ؟

އޭނާ ކުރިމަތީގައި ހުއްޓި ހުރެ 'ރަސްކަލަކީ ތިމަންނާއޭ' ބުނަންކެރޭނޭ މީހަކު އެބަހުރި ހެއްޔެވެ؟

އޭނާ އުފަންވީ ދުވަހުއްސުރެ އޭނާގެ ނަމަކީ ގިލްގަމޭޝް އެވެ.

އޭނާގެ ތިންބައިކުޅަ ދެބަޔަކީ ކަލާނގެވަންތަކަމެވެ. ތިންބައިކުޅަ އެއްބައި އިންސާނެކެވެ. އެއީ ގިލްގަމޭޝް އެވެ.

އޭނާ ވަރަށް ދިގު ރާސްތާއެއް ކަނޑައްތުކޮށްފި އެވެ.

ބޮޑެތި ފަރުބަދަތަކުން ހުރަސް އެޅި، ބަންދުވެފައި ހުރި މަގުތައް ހުޅުވައިފި އެވެ.

އުސްބިންތަކުގައި ފުނަށް ކޮނެ، ވަޅުތަކުން ފެން ނެރެފި އެވެ. އެއީ ގިލްގަމޭޝް އެވެ.

މިއީ އޭނާގެ ޝަރަފުގައި ކިޔޭ ހައްގު ސަނާ އެކެވެ.

'ދަ އެޕިކް އޮފް ގިލްގަމޭޝް' އަކީ އަދިވެސް ދިރާސާ ކުރެވެމުންދާ ޅެމެކެވެ. މިހާތަނަށް ފެނިފައިވާ ބާރަ ފިލައަކީ އެ ޅެމުގެ ބައިކުޅަ ބައެކެވެ. ޅެމުގައި ދައްކާފައި ހުރި ވާހަކަތައް ދިރާސާކުރާއިރު، މާ ފަހުގެ ހާދިސާތަކެއް ކަމަށް ބެލެވި ދިރާސާ ކުރެވޭ ހާދިސާތަކެއްގެ ވާހަކަވެސް މި ޅެމުގައި އާދެ އެވެ. ދުނިޔެ ގަންބާލި ފެންބޮޑުވުމުގެ ވާހަކައަކީ ވެސް ތަފާތު ހަޟާރަތްތަކުގައި ކުދި ތަފާތުތަކާއެކު ހިމެނިފައި އޮންނަ އާންމު ގަބޫލުކުރުމެކެވެ.

ގިލްގަމޭޝްއާ ގުޅޭ ޅެން ލިޔެވިފައި އޮތީ، އެ ޅެމުގައި ކިޔައިދޭ ހާދިސާތައް ހިނގި ޒަމާނުގައިތޯ ނުވަތަ އޭގެ މާފަހުގެ ޒަމާނެއްގައިތޯ އެއީ ކަށަވަރުކޮށް އެނގެން ނެތްކަމެކެވެ. މި ފިލާތަކުން ހާމަވީ އިންސާނީ ހަޟާރަތްތަކުގެ އެންމެ ޒަމާންވީ ހަޟާރަތްތަކުގައިވެސް ޅެންވެރިކަމަކީ ފަންނެއްގެ ގޮތުގައި ބަލައިގަނެވިފައި އޮތްކަމެވެ. ރަސްކަލުންނާއި، މަތީ ފަންތީގެ ބޭފުޅުންނަށް ކުރެވޭ ވެދުމެއް ނުވަތަ އެރުވޭ ޝަރަފެއްގެ ގޮތުން މަދަހަ ސަނާ ކިޔުމަށް ޅެންވެރިކަން ބޭނުންކުރުމަކީ އެންމެ އެޒަމާނުން ފެށިގެން މިއަދާ ހަމައަށްވެސް އޮތް ސަގާފަތެކެވެ. ބަސްމަގުގެ ފަށުވިކަމުން، ބުނާ ބަހުގެ ބުރަދަނަށް ބަދަލު އާދެ އެވެ. ޅެންވެރިކަމަކީ ހާއްސަ ފަންނަކަށް ވަނީ އެހެންވީމަ އެވެ.