Advertisement

119 ކިލޯގެ ޑްރަގް މައްސަލަ: ކުށް ސާބިތުވީ އެކަކު މައްޗަށް، 25 އަހަރަށް ޖަލަށް

21 މާރިޗު 2024 - 14:09 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

119 ކިލޯގެ މައްސަލާގައި ދައުވާކުރި ތިން މީހުން: ކުށް ސާބިތުވި ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެކަކުގެ މައްޗަށް


119 ކިލޯގެ ޑްރަގް މައްސަލަ: ކުށް ސާބިތުވީ އެކަކު މައްޗަށް، 25 އަހަރަށް ޖަލަށް

21 މާރިޗު 2024 - 14:09 0

މީގެ ދެ އަހަރު ކުރިން ފުލުހުން ހިންގި ހާއްސަ ޑްރަގު އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާކުރި އެކަކުގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރު ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ކުށް ސާބިތުވީ ދައުވާކުރި މީހުންގެ ތެރެއިން ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ މައްޗަށެވެ.

ދެން ދައުވާކުރި، ގދ. ހޯނޑެއްދޫ އިރމަތީގެ، އަހުމަދު ސުނައިނު އަދި، ގދ. ހޯނޑެއްދޫ އަލޯރާ އަހުމަދު މުޖާހިދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމުގައިވެ އެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވާ ގޮތުން ޒުބައިރުގެ ސައިކަލު މަޑިދަށުން މަސްތުވާތަކެތި ފެނުނު އިރު ބަލައިފާސްކުރީ ޒުބައިރުގެ ހާޒިރުގައި އެކަންޏެވެ. ދެން ތިބި ދެ މީހުންގެ ހާޒިރުގައި ބަލައި ފާސްކޮށްފައި ނެތުމުން ގުޅެވޭނެ ގޮތެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

ދެން، ކާރުންނާއި ޓެކްސީން ފެނުނު މަސްތުވާތަކެއްޗާ ގުޅިގެން ވެސް ޒުބައިރު ފިޔަވައި އެހެން މީހަކާ ގުޅުވޭނެ ގޮތެއް ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ. ކާރަކީ، ޒުބައިރުގެ ކާރެއް ކަމަށް އޭނާ ވެސް ބުނެފައިވެ އެވެ.

ޒުބައިރުގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއްގެ އިތުރަށް 100،000 ރުފިޔާއިން ޖޫރިމަނާ ކުރަން ވެސް ހުކުމްކުރި އެވެ.

މި މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރީގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރަނީ، ކުރިން ވެސް އެފަދަ ތުހުމަތުތައް އޮތް ގދ. ހޯނޑެއްދޫ، އަލޯރާ އަރުޝަދު ހާލިދަށެވެ. މަސްތުވާތަކެތި އަތުލައިގަތް އިރު އޭނާ ހުރީ ސްރީ ލަންކާގަ އެވެ. ނަމަވެސް ފަހުން އޭނާ މާލެ އައުމުން ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު ބަންދުގައި ބެހެއްޓޭނެވަރުގެ ހެއްކެއް ފުލުހުންނަކަށް ނުހޯދުނެވެ.