Advertisement

ކަރަންޓު އިގުތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ސްޓެލްކޯއިން އިލްތިމާސްކޮށްފި

20 މާރިޗު 2024 - 16:05 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ސްޓެލްކޯގެ މައި އޮފީސް : ކަރަންޓު އިގުތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި


ކަރަންޓު އިގުތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ސްޓެލްކޯއިން އިލްތިމާސްކޮށްފި

20 މާރިޗު 2024 - 16:05 0

މި ހިނގާ ރޯދަމަހު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރުމުގައި އިގުތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯއިން އިލްތިމާސް ކޮށްފި އެވެ.

ސްޓެލްކޯއިން ނޫސްތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މިދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރުކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ އަދި ރޯދަ މަހުގައި ކަރަންޓު ކަރަންޓުގެ ބޭނުންކުރާ މިންވަރު އިތުރުވާތީ މިދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭން އާއްމުންގެ ކިބައިން އެދޭ ކަމަށެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި އާއްމު މަހެއްގައި މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު 94 މެގަވޮޓަށް އެރި ނަމަވެސް މި ދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުންކުރަމުންދާކަން އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މާލެ ސަރަހައްދުގައި ކަރަންޓު އުފައްދާ މެކްސިމަމް ކެޕޭސިޓީއަކީ 122 މެގަވޮޓެވެ.

"އެހެންކަމުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަ ކުރުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރެއްވުމަށާއި، މި ދުވަސްވަރު ކަރަންޓު އިގުތިސާދު ކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަން," ސްޓެލްކޯގެ މެސެޖްގައި ބުންޏެވެ.

އެ ކުންފުނިން މިހެން ބުނެފައިވާއިރު މި އަހަރުގެ ރޯދަމަހު ކަރަންޓާއި ފެން ބިލު ބޮޑުނުވާނެ ގޮތަށް "ކެޕް" ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހުގެ ހަތަރެއްގައި ވިދާޅުވެފަ އެވެ.

ބ. އަތޮޅަށް ކުރެއްވި ދަތުރެއްގެ ތެރެއިން އާއްމު މަސްމަހުގައި ގޭބިސީތަކުގެ ބިލަށް އަރާ މިންވަރެއްވުރެ ބޮޑުނުވާނޭގޮތަށް ބިލުކުރުމަށް އެ ހިދުމަށް ފޯރުކޮށްދޭ ކުންފުނިތަކަށް އަންގާފައިވާކަމަށް އެ ދުވަހު ރައީސް ވިދާޅުވި އެވެ.

"އާންމު މަހެއްގަ އެ ހުންނަ ރޭޓްގަ ކެޕް ކޮށްފައި، މާނައަކީ އެއަށްވުރެ މައްޗަކަށް ނުދާނެ، އާންމު މަހެއްގަ ހުންނަ މިންވަރަށް ރޯދަ މަހު ކަރަންޓު ބިލާއި ފެން ބިލު ހުންނާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ފެނަކައާއި ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީއިން އެކަމުގައި ސަރުކާރުން އެދުނުގޮތަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ.