Advertisement

ޓްރެވަލް އެޖެންސީއާ ބެހޭ ބިލުގެ ފުރަތަމަ ކިއުން އިއްވިތާ ހަފުތާއެެއް ތެރޭގައި ސަރުކާރުން އަނބުރާ ގެންގޮސްފި

20 މާރިޗު 2024 - 14:23 0

އަމަން ހަލީމް

އަމަން ހަލީމް

އެއާޕޯޓުގެ އިންޓަނޭޝަނަލް އެރައިވަލް ސަރަހައްދު: ގިނަ ޓްރެވަލް އެޖެންސީތަކާއި ޓުވާ އޮޕަރޭޓަރުންތަކެއް ރާއްޖޭގައި ހަރަކާތްތެރިވޭ -- ފޮޓޯ:


ޓްރެވަލް އެޖެންސީއާ ބެހޭ ބިލުގެ ފުރަތަމަ ކިއުން އިއްވިތާ ހަފުތާއެެއް ތެރޭގައި ސަރުކާރުން އަނބުރާ ގެންގޮސްފި

20 މާރިޗު 2024 - 14:23 0

ޓްރެވަލް އެޖެންސީތަކާއި ޓުވާ އޮޕަރޭޓަރުންގެ ކަންކަން ރެގިއުލޭޓުކުރުމަށް މިހާރަށް ވުރެ ހަރުދަނާ ނިޒާމެއް ތައާރަފުކުރުމުގެ ބޭނުމުގައި ސަރުކާރުން ހުށަހެޅި ދަތުރުރާވައި ހިންގުމުގެ ހިދުމަތް ދިނުމާ ބެހޭ ބިލު ސަރުކާރުން އަނބުރާ ގެންގޮސްފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ޖަލްސާގައި މި ބިލު އަނބުރާ ގެންދެވިކަން އިއުލާންކުރައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި އޮންނަ އުސޫލުގެ ދަށުން މި ބިލު އަނބުރާ ގެންދަވަން މި ބިލު ހުށަހެޅުއްވި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ނިންމަވާފައިވާ ކަމަށެވެ.

އެ ބިލު އަނބުރާ ގެންދަވާކަން ޒަރީރު މަޖިލީހަށް އެންގެވީ މާޗް 18، ގައި ކަމަށް ވާއިރު އެ ބިލުގެ ފުރަތަމަ ކިއުން އިއްވީ މާޗް، 12، ގަ އެވެ.

ސަރުކާރުން ޓްރެވަލް އެޖެންސީއާބެހޭ ބިލު އަނބުރާ ގެންދަން ނިންމީ މަޖިލީހުގައި ފުރަތަމަ ކިޔުން އިއްވި ފަހުންނެވެ. މި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގައި އިއްވީ މިދިޔަ ހަފުތާގެ ތެރޭގަ އަންގާރަ ދުވަހު އެވެ. އެފަހުން ބިލު އަނބުރާ ގެންދިޔުމާ ހަމައަށް މަޖިލީހުގައި މި ބިލާ ގުޅޭ އިތުރު މަސައްކަތެއް ނުކުރެ އެވެ.

މި ބިލު އަނބުރާ ގެންދިޔަ ސަބަބު ސާފުކުރަން މެމްބަރު ޒަރީރަށް ގުޅިއިރު ފޯނަށް ޖަވާބު ނުދެއްވާތީ ބިލު އަނބުރާ ގެންދިޔަ ސަބަބެއް ނޭނގެ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކުރަނީ ބިލު އަނބުރާ ގެންދިޔައީ ބައެއް ކަންކަން އިސްލާހުކުރަން ސަރުކާރުން ބޭނުންވެގެން ކަމަށެވެ.

ޓްރެވަލް އެޖެންސީއާބެހޭ ބިލަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަގުޗާޓު "ހަފުތާ 14" ގައި ހިމަނޭ، 100 ޕަސެންޓު ފުރިހަމަކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނާ ވައުދެކެވެ.

ޓްރެވަލް އެޖެންސީއާބެހޭ ބިލުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ޓްރެވަލް އެޖެންސީތަކާއި ޓުވާ އޮޕަރޭޓަރުންނަށް ލައިސެންސް ދިނުމުގެ ޝަރުތުތަކާއި އުސޫލުތަކާއި ހަމަތައް ހިމެނެ އެވެ. އަދި ބިދޭސީ އޮޕަރޭޓަރުންނަށް ރާއްޖޭގެ އޮޕަރޭޓަރަކާ ގުޅިގެން މެނުވީ ހިދުމަތް ނުދެވޭނެ ކަމަށް ހިމަނާފައިވެ އެވެ.