Advertisement

ގަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން އެއް އަހަރު ތެރޭ ހޯދާނަން: އިހުސާން

20 މާރިޗު 2024 - 11:51 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން. ބިދޭސީންގެ ކަންކަން މިހާރު ބަލަހައްޓަނީ އޭނާގެ މިނިސްޓްރީގެ ދަށުން --- ފޮޓޯ: ރައީސް އޮފީސް


ގަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން އެއް އަހަރު ތެރޭ ހޯދާނަން: އިހުސާން

20 މާރިޗު 2024 - 11:51 0

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު އެއް އަހަރު ތެރޭ ހޯދައި ހާމަކުރާނެ ކަމަށާއި އެކަން ކުރުމަށް ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމުގެ މަސައްކަތް ވަކި ނިޒާމެއްގެ ތެރެއިން ކުރަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ އިހުސާން ވަނީ މިއަދު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ. އޭގެ ތެރެއިން ގިނަ މެމްބަރުންގެ ސުވާލުތައް ހުރީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ކަންކަމާ ގުޅޭގޮތުންނެވެ.

"އެއް އަހަރު ތެރޭ އިރާދުކުރެއްވިއްޔާ މި އިއްޒަތްތެރި މަޖިލީހަށް ވެސް އެކަން ސާފުކޮށް ދައްކާނަން އަދި ދިވެހި ރައްޔިތުންނަށް ވެސް އެ މައުލޫމާތު ހާމަކޮށް އަރުވާނަން," އެކަން ކުރެވޭނެ ތާރީހެއް ދަންނަވަމުން އިހުސާން ވިދާޅުވި އެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި އެކަން ކުރުމަށް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ރަށްރަށުގައި ހުރި ކައުންސިލް އިދާރާތަކާއި ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށެވެ.

"އެ ސިސްޓަމަށް އެކްސެސް ކައުންސިލްތަކާއި ފުލުސް ސްޓޭޝަންތަކަށް ދެވިފައި, ފިންގާ ޕްރިންޓްގެ ޒަރިއްޔާއިން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން އައިޑީ ކުރަން ފަށާ ހިސާބުން," އިހުސާން ހާމަކުރެއްވި އެވެ.

ބިދޭސީންގެ ދަފްތަރު ކައުންސިލްތަކުގައި އޮތުން ގާނޫނުން މެންޑޭޓު ކުރާ ކަމަށާއި ނަމަވެސް ބިދޭސީން ޑޭޓާބޭސްއަށް ކައުންސިލްތަކަށް ނުވަދެވޭ ކަމަށް އިހުސާން ފާހަގަކުރެއްވި އެވެ.

"ކައުންސިލްތަކަށް އެ ފިންގަ ޕްރިންޓް ޑޭޓާބޭސްއަށް އެކްސެސް ދެވި ފިންގަ ޕްރިންޓް ސްކޭން ކުރާ މޯބައިލް ޑިވައިސްތަކާއި, ފިކްސްޑް ޑިވައިސް ކައުންސިލްތަކާއި ޕޮލިސް ސްޓޭޝަންތަކަށް ދެވި, އެ ތަނަށް އަންނަ ކޮންމެ ބިދޭސީއަކީ އިނގިލި ޖައްސާލީމާ ކާކުތޯ އެނގޭ ވަރު ކޮށްދިނުން," އޭނާ ވިދާޅުވި އެވެ.

އޭގެ ސަބަބުން ރަށްރަށުގައި އުޅޭ ބިދޭސީންގެ ތެރެއިން ފުރައިގެން ދަނީ ކޮން ބައެއްތޯ އަދި އަނބުރާ އަންނަނީ ކޮންބައެއްތޯ ވެސް ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން އެތެރެވުމުގެ މައްސަލައަކީ ދެހާހުގެ ފަހުކޮޅުން ފެށިގެން ބޮޑުވެފައިވާ މައްސަލައެެކެވެ. އެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި މީގެ ކުރީގެ އެކި ސަރުކާރުތަކުން ވެސް ބުރަ މަަސައްކަތްތަކެއް ކޮށްފައިވެ އެވެ.

އެގޮތުން މިދިޔަ ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އެންމެ ގިނައިން އުޅޭ ބިދޭސީން ނިސްބަތްވާ ބަންގުލަދޭޝްއިން ރާއްޖެއަށް ލޭބަރުން ނުގެނެވޭ ގޮތް ހަދައިފަ އެވެ. ނަމަވެސް, މި ސަރުކާރުން ވަނީ ބަންގުލަދޭޝްއިން "އަންސްކިލްޑް" ލޭބަރުން ގެނެވޭ ގޮތަށް އަލުން އުސޫލު ބަދަލުކޮށްފަ އެވެ.