Advertisement

"އިންޑިއާ އައުޓު" ގޮވަން މި ސަރުކާރު ލަދުގަނެ، ބިރުގަނޭ: ޔާމީން

20 މާރިޗު 2024 - 09:55 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮތްއިރު، އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި ކުރި މުޒާހަރާއެއްގައި އޭރު އެ ކޯލިޝަންގެ އިސްވެރިން. މިހާރު އެ ބޭފުޅުންނަކީ މި ސަރުކާރުގެ ވެރިން. -- ފޮޓޯ: އަދަދު


"އިންޑިއާ އައުޓު" ގޮވަން މި ސަރުކާރު ލަދުގަނެ، ބިރުގަނޭ: ޔާމީން

20 މާރިޗު 2024 - 09:55 0

އިންޑިއާ ސިފައިން ބޭރުކުރާނެ ކަމުގެ ވައުދާ އެކު ވެރިކަމަށް ވަޑައިގެންނެވިޔަސް، "އިންޑިއާ އައުޓު"ގެ ވާހަކަ ދައްކަން މި ސަރުކާރުން ލަދުވެތިވެ، ބިރު ގަންނަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

"އިންޑިއާ އައުޓު ޖަހައިގެން، އިންޑިއާ ސިފައިން މިތާ ތިބެން ނުޖެހޭ ކަމަށް ގިނަ ދިވެހި ރައްޔިތުން ގަބޫލުކުރާތީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އޭރު ޕީޕީއެމް ފަރާތުން އަދި ޕީއެންސީގެ ބޭބޭފުޅުން ވެސް ހިމެނޭ ގޮތަށް. މިއަދު އެ ބޭފުޅުން ލަދުވެތިވޭ، ބިރުގަނޭ އެ ވާހަކަ ދައްކަން. މިއަދު އެއީ މައްސަލައެއް ނޫން ކަމަށް ވަނީ،" ޔާމީން އުފައްދަވާ ސިޔާސީ ޕާޓީ، ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި މި ސަރުކާރުގެ ފަރާތުން ނުވަތަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައެއް ކެންޑިޑޭޓޫން، މިހާރު ރާއްޖޭގައި އިންޑިއާ ސިފައިން ނުވެސް ނެތް ކަމަށް ގަބޫލުކުރާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމް ޕީއެންސީ އިދިކޮޅުގައި އޮތްއިރު، ބުނަމުން ދިޔައީ އެތައްހާސް އިންޑިއާ ސިފައިންނެއް ރާއްޖޭގައި ތިބި ކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު މިހާތަނަށް ހާމަ ކުރި އަދަދަކީ، ރާއްޖޭގައި ތިބީ އިންޑިއާގެ 89 ސިފައިން ކަމަށެވެ.

އޭގެ ތެރެއިން އައްޑޫގައި ތިބި ސިފައިން ގެންގޮސް، ހެލިކޮޕްޓަރު ދުއްވަން އިންޑިއާގެ މަދަނީން ވަނީ ގެނެސްފަ އެވެ. ނަމަވެސް އިންޑިއާ ސަރުކާރުގެ ވާހަކަ ހިފަހައްޓަމުން ދަނީ ސިފައިންގެ ބަދަލުގައި ގެނައީ "ޓެކްނިކަލް" މީހުން ކަމަށެވެ.

އެ މީހުންގެ ވަނަވަރެއް، ފޮޓޯއެއް ދެ ސަރުކާރުން ވެސް ހާމައެއް ނުކުރެ އެވެ. އަދި އައްޑޫގައި ތިބި އިންޑިއާ ސިފައިން ގެންދިޔައިރު އެ މީހުންގެ ފޮޓޯއެއް ވެސް އާންމެއް ނުކުރެ އެވެ.

އަމިއްލަ އެއާ އެމްބިއުލާންސާއި ހެލިކޮޕްޓަރު ހޯދަން މަސައްކަތް ކުރާއިރު، އިންޑިއާ ސިފައިން ޔުނިފޯމް ބާލައިގެން ރާއްޖޭގައި ތިބެން ނުޖެހޭނެ ކަމަށާއި ހެލިކޮޕްޓަރާއި މަތިންދާ ބޯޓާއެކު އިންޑިއާ ސިފައިން ރާއްޖޭން ދާނެ ތާރީހެއް ސަރުކާރަށް ބުނެވެންޖެހޭނެ ޔާމީން ވިދާޅުވި އެވެ.

އިންޑިއާ އައުޓުގެ ޝިޔާރު ފާޅުކުރުން ހުއްޓުވުމަށް ކުރީގެ ސަރުކާރުން، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރު، މި ސަރުކާރުން ބާތިލު ނުކުރާތީ، އަދި އެ ގަރާރު ބާތިލުކުރަން މަދަނީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަވަސްކުރަން ސަރުކާރުން މަސައްކަތް ނުކުރާތީވެ ޔާމީން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.