Advertisement

ސަރުކާރުން ބުނީ މިހާތަނަށް ފޮނުވާލީ އިންޑިއާގެ 51 ސިފައިން ކަމަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ހައި ކޮމިޝަން: މިހާތަނަށް ފޮނުވާލީ އިންޑިއާގެ 51 ސިފައިން ކަމަށް ބުނެފި - ފޮޓޯ: ރައީސް އޮފީސް


ސަރުކާރުން ބުނީ މިހާތަނަށް ފޮނުވާލީ އިންޑިއާގެ 51 ސިފައިން ކަމަށް

އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތުގައި މިހާތަނަށް ފޮނުވާލީ ޖުމުލަ 51 ސިފައިން ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސިފައިންގެ ދެ ބެޗު ފޮނުވާލި ކަން ސަރުކާރުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް ސީދާ އަދަދެއް އޭރު ބުނެފައި ނެތުމުން، ރައީސް އޮފީހުން ކުރިން ބޭއްވި ޕްރެސް ކޮންފެރެންސްތަކުގައި ނޫސްވެރިން ސުވާލުކޮށްފައި ވެސް ވެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ ސުވާލު ތަކުރާރު ކުރުމުން، ހީނާ ވިދާޅުވީ މިހާތަނަށް ފޮނުވާލި ދެ ބެޗުގައި ހިމެނެނީ 51 ސިފައިން ކަމަށެވެ. ސަރުކާރުން ކުރިން ބުނި ގޮތުގައި، ރާއްޖޭގައި ތިބީ އިންޑިއާގެ 88 ސިފައިން ކަމަށެވެ.

މި ހިނގާ މެއި 10، ގެ ކުރިން ދެން ތިބި ސިފައިން ފޮނުވާލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ.

މިހާތަނަށް ފޮނުވާލީ ޑޯނިއާ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު އޮޕަރޭޓުކުރަން ތިބި ސިފައިންނެވެ. އޭގެ ތެރެއިން އައްޑޫގައި އޮތް ހެލިކޮޕްޓަރު ދުއްވާ ސިފައިންގެ ބެޗާއި ހދ. ހަނިމާދޫގައި އޮންނަ ޑޯނިއާ މަތިންދާބޯޓު ދުއްވާ ސިފައިންގެ ބެޗު ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެއް ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އަނެއް ހެލިކޮޕްޓަރަކީ، އިންޑިއާ ސިފައިން ތިބުމަށް މިހާރު ދެކޮޅު ހަދާ، ޔާމީނުގެ ވެރިކަމުގައި ގެނައި އުޅަނދެކެވެ. ޑޯނިއޯ މަތިންދާބޯޓު ގެނައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.