Advertisement

ޕީސީބީން މައްސަލަ ބަލައި ނިމެންދެން މިފްކޯ ހިންގުން ސީއެފްއޯ އިލްޔާސް ހަނީފަށް

19 މާރިޗު 2024 - 15:18 0

އަމަން ހަލީމް

އަމަން ހަލީމް

މިފްކޯގެ ސީއެފްއޯ އިލްޔާސް ހަނީފް: އޭނާ ކުންފުނި ހިންގާނީ އޯވަސައިޓް ކޮމިޓީއެއްގެ ބެލުމުގެ ދަށުން -- ފޮޓޯ: މިފްކޯ


ޕީސީބީން މައްސަލަ ބަލައި ނިމެންދެން މިފްކޯ ހިންގުން ސީއެފްއޯ އިލްޔާސް ހަނީފަށް

19 މާރިޗު 2024 - 15:18 0

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިފްކޯގެ ސީއީއޯގެ މައްސަލަތައް ބަލައި ނިމެންދެން ކުންފުނި ހިންގުން ޗީފް ފައިނޭންސްޝަލް އޮފިސަރު (ސީއެފްއޯ) އިލްޔާސް ހަނީފާ އެ ބޯޑުން މިއަދު ހަވާލުކޮށްފި އެވެ.

ޕީސީބީން މިފްކޯގެ މައްސަލަތަކެއް ބަލަމުން އަންނާތީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު, އަހްމަދު ޝަމާހު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރިކަން އެ ބޯޑުން އިއުލާންކުރީ އިއްޔެ އެވެ.

މިކަމާ ގުޅޭ ގޮތުން ޕީސީބީން ނެރުނު ބަޔާނުގައި ބުނީ އެ ބޯޑަށް ހުށަހެޅި ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ މައްސަލަތަކެއްގެ ފުރިހަމަ އިންކުއަރީއެއް ކުރިއަށް ގެންދިޔުމުގެ ގޮތުން ސީއީއޯ ޝަމާހު 14 ދުވަހަށް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާ ކަމަށެވެ.

މިފްކޯ ހިންގުން ވަގުތީ ގޮތުން ހަނީފާ ހަވާލުކުރުމުގެ އިތުރުން، ޕީސީބީގެ އިރުޝާދުގެ ދަށުން، ކުންފުނީގެ ދުވަހުންދުވަހަށް ނިންމަން ޖެހޭ ކަންކަން ވިލަރެސްކުރުމަށްޓަކައި އެ ކުންފުނީގައި މިވަގުތު ތިބި އެންމެ އިސްވެރިންނާއި ދެ މެނޭޖަރަކު ހިމެނޭ ގޮތަށް ފަސް މެމްބަރުންގެ ވަގުތީ އޯވަސައިޓް ކޮމިޓީއެއް ވަނީ އެކުލަވާލާފަ އެވެ. މި ކޮމިޓީގެ ޗެއާއަކީ ކުންފުނީގެ ވެސް ޗެއާމަން އަހުމަދު ޝަރީފެވެ.

މިފްކޯގެ ވަގުތީ އޯވަސައިޓް ކޮމިޓީ

  1. އަހަމަދު ޝަރީފް - ބޯޑުގެ ޗެއާމަން
  2. އިލްޔާސް ހަނީފް - ޗީފް ފައިނޭންޝަލް އޮފިސާ (ސީއެފްއޯ)
  3. އަބްދުﷲ މުއީން - ޗީފް ޓެކްނިކަލް އޮފިސާ (ސީޓީއޯ)
  4. ހަފްޒަތު އަހުމަދު - ޖެނެރަލް މެނޭޖާ، މާކެޓިން
  5. އައިމިނަތު ސަނިއްޔާ ޝަރީފް - ޖެނެރަލް މެނޭޖާ، ބިޒްނަސް ޑިވެލޮޕްމަންޓް

މިފްކޯގެ ސީއީއޯ މަގާމުގެ ޒިންމާތަކުން އެކަހެރި ކުރީ އެ ކުންފުނީގެ މުވައްޒަފުންތަކެއް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެންނެވެ. ޕީސީބީގެ ވިސްލްބްލޮވާ ޕޯޓަލް މެދުވެރިކޮށް އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ މި ޝަކުވާތަކާ ގުޅިގެން 12 ކަމެއް އިސްލާހުކުރަން އަންގައި، އެ ބޯޑުގެ ރައީސް ހަމްދީ އަގީލު ޝަމާހުއަށް ފޮނުވި ސިޓީ ވެސް އާންމުވި އެވެ،.

އެ ސިޓީގައި އެންމެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މުވައްޒަފުންނަށް ބިރު ދެއްކުމެވެ. އޭގެ އިތުރުން ސީއީއޯއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހުންނަށް ވަޒީފާ ދިނުމާއި ސިޔާސީ ބޭނުމަށް ކުންފުނީގެ ވަސީލަތްތައް ބޭނުން ކުރުމުގެ މައްސަލަތައް ވެސް ހިމެނެ އެވެ.