Advertisement

މަސްވެރިންނަށް ފައިސާ ދިނުމުގައި އަނެއްކާވެސް 10 ދުވަހުގެ ބެކްލޮގަކަށް

19 މާރިޗު 2024 - 15:08 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މަސްވެރިން މަސްކިރަނީ : މަސްވެރިންނަށް ފައިސާ ދިނުމުގައި އަނެއްކާވެސް 10 ދުވަހުގެ ބެކްލޮގަކަށް ގޮސްފި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މަސްވެރިންނަށް ފައިސާ ދިނުމުގައި އަނެއްކާވެސް 10 ދުވަހުގެ ބެކްލޮގަކަށް

19 މާރިޗު 2024 - 15:08 0

މި މަހުގެ ހަތްވަނަ ދުވަހާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާ މި މަހު 10 ގައި ދިން ފަހުން، މަސްވެރިންނަށް ފައިސާ ނުދެވި މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ 10 ވަރަކަށް ދުވަހުގެ ބެކްލޮގެއް އުފެދިއްޖެ އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު އުފެދުނު ފަހުން މަސްވެރިން ކިރުވި މަހަށް ފައިސާ ނުދޭތާ ދެމަސްދުވަސް ވުމުން މިދިޔަ މަހު ގދ. ކޫއްޑޫގައި ހުންނަ މަސް ފެކްޓަރީ ބަންދުކޮށް އެތައް ދުވަހެއް ވަންދެން މަސްވެރިން މުޒާހަރާކުރި އެވެ. މަސްވެރިންނަށް ފައިސާ ދޫކުރަން ފެށީ އެ މުޒާހަރާގެ ތެރެއިންނެވެ.

މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމުގެ ކުރިން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެއްވެސް ފައިސާއެއް މަސްވެެރިންނަށް ނުލިބޭ ކަމަށް އެމީހުން ބުނެ އެވެ. ސަރުކާރުން ބުނާ ގޮތުގައި، ސަރުކާރާ ހަވާލުވި އިރު ވެސް 250 މިލިއަން ރުފިޔާ ބެކްލޮގުގައި ހުއްޓެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބުމުގެ މައްސަލައަކީ މަސްވެރިން ވަރަށް ގަދައަށް އަބަދުވެސް ދައްކާ ވާހަކައެކެވެ. ރައީސް މުއިއްޒުގެ ވައުދަކީ މަސްވެރިންނަށް ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމެވެ.

މަސްވެރިންގެ ބެކްލޮގް އެއްކޮށް ހަލާސްކުރުމަށް ފަހު އެމަނިކުފާނުގެ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. ނަމަވެސް އެ ވައުދު އަނެއްކާވެސް މި ވަނީ ދިގުލައިގެން ގޮސްފަ އެވެ.

ކޫއްޑޫގައި ކުރި މުޒާހަރާތަކާ ގުޅިގެން ރައީސް ވަނީ ގައުމުގެ މާލީ ހާލަތު މަސްވެރިންވެސް ގަބޫލުކުރަން ޖެހޭނެ ފަދަ ބީދައަކުން ވާހަކަދައްކަވާފަ އެވެ.

"އަޅުގަނޑުމެންނާ ހަވާލުވިއިރު 260 އެތައް މިލިއަން ރުފިޔާ އޭރު ވެސް ހުރީ ނުދައްކާ. އެ 260 އެވަނީ ދެއްކިފައި. އެހެން ނަމަވެސް, މަސްވެރިކަން ތިޔާގިކަމާ އެކު ކުރިއަށްދާތީ ފައިސާ ދައްކަން ޖެހޭނެ. އަޅުގަނޑުމެންގެ އަމާޒަކީ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ލިބޭ ނިޒާމު ގާއިމުކުރާނަމޭ. އަޅުގަނޑަކީ ވައުދުވާ ގޮތަށް ކަން ކުރާނެ މީހެއް. ޓާގެޓަށް ދާން ކުރާ މަސައްކަތް މިކުރަނީ. އެ ޓާގެޓަށް ދާނަން," ފެބްރުއަރީ، 20، ގައި ގދ. ފަރެސްމާތޮޑާގައި ހުންނަވާ ރައީސް ވިދާޅުވި އެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކުރަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތާ އެއްގޮތަށް އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް އެ ކުންފުނި ވަނީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުކޮށްފަ އެވެ. ނަމަވެސް މި ބަދަލަށްފަހުވެސް މިފްކޯއަށް ހެޔޮ ބަދަލުތަކެއް އަންނަ މަންޒަރެއް މިހާތަނަށް ފެނިފައެއް ނުވެ އެވެ.

މަސްވެރިންނަށް ލާރި ނުދެވުމުގެ މައްސަލާގެ އިތުރުން ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއް ބެލުމުގެ ގޮތުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު, އަހްމަދު ޝަމާހު މަގާމުގެ މަސްއޫލިއްޔަތުތަކުން އިއްޔެ ވަނީ ދުރުކޮށްފަ އެވެ.