Advertisement

މެންބަރު ރަޝީދު އަލުން ވާދަކުރަން ބޭނުންވެ މައްސަލަ ހައި ކޯޓަށް

19 މާރިޗު 2024 - 13:17 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މެންބަރު އަހުމަދު ރަޝީދު: އިންތިހާބުގައި އަލުން ވާދަކުރަން ބޭނުންވެ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފި - ފޮޓޯ: މަޖިލީސް


މެންބަރު ރަޝީދު އަލުން ވާދަކުރަން ބޭނުންވެ މައްސަލަ ހައި ކޯޓަށް

19 މާރިޗު 2024 - 13:17 0

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (އަރާއިރު، ޗެކްމާކް ރަޝީދު) އަލުން އިންތިހާބުގައި ވާދަކުރައްވަން ބޭނުންވެ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅުއްވައިފި އެވެ.

ހައި ކޯޓުގެ ރަޖިސްޓްރީން، މެންބަރު އަހުމަދު ރަޝީދު އިންތިހާބީ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފައިވާ ކަން ދައްކަ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އެނގިފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް މެންބަރު ރަޝީދު މައްސަލަ ހުށަހެޅީ، އިންތިހާބު ބާއްވާ ތާރީހަށް ބަދަލު ގެނައުމުން އިތުރު ފުރުސަތެއް ދޭން ޖެހޭނެ ކަމަށް ބުނެ އެވެ.

ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވަން ނިންމެވުމަށް ފަހު، ފަހުން މެންބަރު ރަޝީދު ވާދަނުކުރައްވަން ނިންމެވީ ރޯދަ މަހު އިންތިހާބު އޮންނާތީ ކަމަށް ވިދާޅުވެ އެވެ. މިހާރު ރޯދަ މަހުގެ ފަހުން އިންތިހާބު ބާއްވާތީ، އަލުން ވާދަކުރައްވަން ބޭނުންވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އެންމެ ފުރަތަމަ އިންތިހާބު ބާއްވާ ތާރީހަކަށް ކަނޑައެޅީ މާޗު 17، އެވެ. ނަމަވެސް އެ ދުވަސް ރޯދަ މަސް ތެރެއަށް ދިމާވާތީ، ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ބަދަލު ގެނެސް ރޯދަ މަހު އެއްވެސް އިންތިހާބެއް ބޭއްވުން މަނާކުރި އެވެ. މިހާރު އިންތިހާބު ބާއްވަން ނިންމި ތާރީހަކީ އޭޕްރީލް 21، އެވެ.

ހިތަދޫ މެދު ދާއިރާއަށް މިހާރު ވާދަކުރާ ކެންޑިޑޭޓުންނަކީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަދި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ޝުއާއުއާއި، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އަދި ދިޔަރެސް ނޫހުގެ ބާނީ އަހުމަދު އަޒާން އެވެ.