Advertisement

ބުޅާ ފެސިލިޓީގެ މަސައްކަތް ދެ މަސް ތެރޭ ނިމޭނެ: މޭޔަރު އާޒިމް

19 މާރިޗު 2024 - 13:04 0

ނިމާ ހަސަން

ނިމާ ހަސަން

ހުޅުމާލޭގައި ބުޅާ ފެސިލިޓީ ގާއިމުކުރާ ބިން; އެތަނުގެ މަސައްކަތް މިއަދު ވަނީ ފަށާފައި -- ފޮޓޯ: އިޔާދް/ އަދަދު


ބުޅާ ފެސިލިޓީގެ މަސައްކަތް ދެ މަސް ތެރޭ ނިމޭނެ: މޭޔަރު އާޒިމް

19 މާރިޗު 2024 - 13:04 0

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް ބަލަހައްޓަން ގާއިމު ކުރާ ޕެޓް ކެއާ ފެސިލިޓީގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މާލެ ސަރަހައްދުގައި ބުޅާ ބަލަހައްޓާ ފެސިލިޓީއެއް ގާއިމުކުރަނީ އެގްރިކަލްޗާ މިނިސްޓްރީއަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ދީފައިވާ 18,000 އަކަފޫޓުގެ ބިމުން 5,000 އަކަފޫޓެވެ.

އެނިމަލް ވެލްފެއާ މިނިސްޓްރީ އާއި ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫއާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިއަދު ފަށަނީ އެތަނުގައި ފެންސު ޖެހުމުގެ މަސައްކަތް ކަމަށެވެ.

އާޒިމް ވިދާޅުވީ ކުރިއަށް އޮތް 20 ވަރަކަށް ދުވަހުން ފެންސު ޖެހުން ނިންމާލެވޭނެ ކަމަށާއި, އަންނަ ހަފްތާ ތެރޭގައި އިމާރާތުގެ މަސައްކަތް ފަށައިގަނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް މަހެއް, ދެ މަހެއް ތެރެގައި ފެސިލިޓީ ބިނާކޮށް, މާލެ ތެރޭގައި އުޅޭ ބުޅާތައް ފެސިލިޓީއަށް ބަދަލުކޮށް, ނިއުޓާ ކުރެވިގެން އެތަނުގައި ގެންގުޅެވޭނެ ނިޒާމު ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަގުމަތީގައި އުޅޭ ބުޅާތަކުގެ ސަބަބުން މާލެ, ހުޅުމާލެ, ވިލިމާލެ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ މުޖުތަމައެއް އުފެދި ކުރިއަށްދާއިރުގައި ލޯތްބާއި އޯގާތެރިކަން އުފައްދަންޖެހޭ ކަމަށާއި, ޖަނަވާރުދެކެ ލޯބިވުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.

"އަޅުގަނޑަށް ވެސް އެބަފެނޭ ބުޅާތައް އުޅޭ ހާލު. އެހެންވީމަ ބުޅަލަށް ވެސް އަދި ދޫންޏެއް ވެސް އެއްވެސް އެއްޗަކީ އެއަށް އޯގާތެރިކަން ނުލިބޭ މުޖުތަމައުއެއް ތެރޭ އުޅެންޖެހޭ އެއްޗެއް ކަމަށް ނުދެކެން," އާޒިމް ވިދާޅުވި އެވެ.

"ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅާ މި މަސައްކަތް އަވަސްކުރަން. އެހެންވީމަ އަޅުގަނޑުމެން ފަރާތުން ވެސް މުޅި ސިޓީ ކައުންސިލް އެއްކޮށް ކަހަލަ ގޮތަކަށް މިކަމާ ގުޅޭ ހުރިހާ މުވައްޒަފުން ބައިވެރިވެގެން އަމަލީ ގޮތުން މަސައްކަތް ކުރަމުންދަނީ"

ބުޅާ ޝެލްޓަރުގެ މަސައްކަތުގައި މާލޭ ސިޓީ ކައުންސިލަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެނީ ޓެކްނިކަލް އެސިސްޓެންސް ދެމުން ގެންދަނީ އެނިމަލް ވެލްފެއާ މިނިސްޓްރީންނެވެ. މިކަމަށްޓަކައި އާޒިމް ވަނީ އެ ވުޒާރާގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރަށް އަދި މިނިސްޓަރު އައިޝަތު ރަމީލާއަށް ޝުކުރު ދަންނަވާފަ އެވެ.