19 މާރިޗު 2024 - 11:53 0
މުހައްމަދު އުޝާމް
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު: އޭނާގެ އަތުން އެމްޑީޕީގެ ޓިކެޓު އަތުލައި އެހެން ކެންޑިޑޭޓަކަށް ދިނުން ހުއްޓުވަން އެދުނު އަމުރު ކޯޓުން ނުދިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
19 މާރިޗު 2024 - 11:53 0
ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ބޭފުޅަކު ހޮވަން ބޭއްވި ޕްރައިމަރީ، އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު އަބްދުﷲ ޖާބިރު ކާމިޔާބު ކުރެއްވި ނަމަވެސް އޭނާގެ އަތުން ޓިކެޓު އަތުލައި، އެހެން ކެންޑިޑޭޓަކު ނެރެފައިވާ އެ ކަން ހުއްޓުވައިދޭން އެދުމުން، އެ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ޖާބިރުގެ އަތުން ޓިކެޓު އަތުލީ، އެމްޑީޕީގައި އޮންނަ މެންބަރުންގެ ސުލޫކީ މައްސަލަތައް ބަލައި ކޮމިޓީން އޭނާގެ މައްސަލައެއް ބެލުމަށް ފަހު ޕާޓީގެ މެންބަރު ކަމުން އޭނާ ވަކިކުރުމަށް ފަހުގަ އެވެ. އޭނާއަށް އެ ފިޔަވަޅު އެޅީ މި ފަހުން އާންމު ތަންތަނުގައި ޖާބިރުގެ އަހުލާގީ މިންގަނޑު ދަށްކޮށް ބެހެއްޓުމާއި، އެ މިންގަނޑަށް ނުފެތޭ ބަހުރުވައިން ވާހަކަ ދައްކާފައި ވާތީ އެވެ.
މި މައްސަލާގައި ޖާބިރު ސިވިލް ކޯޓަށް ވަޑައިގެން، އެމްޑީޕީން އެހެން ކެންޑިޑޭޓެއް ނެރުން ހުއްޓުވަން ވަގުތީ އަމުރަކަށް އެދިވަޑައިގެންފައިވެ އެވެ. ނަމަވެސް އޭރު މަޖިލިސް އިންތިހާބަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު ބަންދުވެ، އެ މުއްދަތުގެ ތެރޭގައި އެމްޑީޕީން ކާށިދޫ ދާއިރާއަށް ވާދަކުރާނެ ކެންޑިޑޭޓެއްގެ ފޯމު ވަނީ ހުށަހަޅައިފަ އެވެ. އެހެންވެ ދެން ވަގުތީ ފަރުވާއެއް ކޯޓަށް ހޯދައިދެވެން ނެތް ކަމަށް އަމުރުކުރި އެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީން ކާށިދޫ ދާއިރާއަށް ވާދަކުރަނީ ގާނޫނީ ވަކީލު އަދި ރައީސް އޮފީހުގެ ކުރީގެ އަންޑަ ސެކްރެޓަރީ އަބްދުﷲ ނަސީރަށެވެ. ގދ. ގައްދުއަށް އުފަން ނަސީރަކީ އެމްޑީޕީގެ އެތެރޭގައި ވާދަކުރެއްވި ބޭފުޅެއް ނޫނެވެ. ޖާބިރުއާ، ޕްރައިމަރީގައި ވާދަކުރެއްވީ ޅ. ހިންނަވަރު، އަބްދުﷲ ރިފްއަތެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ޖާބިރު ހުށަހަޅުއްވައިފަ އެވެ. ނަވާރަވަނަ މަޖިލީހުގެ އިންތިހާބުގައި ވެސް ޖާބިރު ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އޭރު އެމްޑީޕީގެ ޕްރައިމަރީން އޭނާ ނާކާމިޔާބު ވެސް ވި އެވެ.
ޖާބިރާއި ނަސީރުގެ އިތުރުން ދެން އެ ދާއިރާއަށް ވާދަކުރަނީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު މުންތަސިމް އިބްރާހިމާއި، އަމިއްލަ ގޮތުން ވާދަކުރާ އަހުމަދު ސޮބާހު އަދި މުހައްމަދު ކަމާލް އެވެ.
Comment