Advertisement

ހާރިޖީ ސިޔާސަތު އޮންނަން ވާނީ އަވައްޓެރިންނާއެކީ ސުލުހަ މަސަލަސްކޮށް އުޅެވޭނެ ގޮތަށް: ހަސަން ލަތީފު

18 މާރިޗު 2024 - 21:14 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


ހާރިޖީ ސިޔާސަތު އޮންނަން ވާނީ އަވައްޓެރިންނާއެކީ ސުލުހަ މަސަލަސްކޮށް އުޅެވޭނެ ގޮތަށް: ހަސަން ލަތީފު

18 މާރިޗު 2024 - 21:14 1

ހާރިޖީ ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރާއިރު އަވައްޓެރިންނާއެކީ ރީތިކޮށް ސުލުހަ މަސަލަސްކަން ގާއިމުކޮށްގެން އުޅެވޭނެ ގޮތެއް އޮތުން މުހިއްމު ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، ދެމެހެއްޓެނިވި ސިޔާސަތެއްގެ ގޮތުގައި ހިފެހެއްޓުމަށް ސަރުކާރަށް ގޮވާލުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ދަ ޑިމޮކްރެޓްސްގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ހަސަން މިއަދު މަޖިލީހުގައި ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ގުޅުން ގޯސްވުމުގެ ގެއްލުން މިހާރު ވެސް ފެންނަމުންދާ ކަމަށެވެ.

ވޭތުވެދިޔަ ތިން އަހަރު ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ އިންޑިއާއިން ކަމަށާއި 2023 ވަނަ އަހަރު މާޗު މަސް ފެށުނިއިރު 48،000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށާއި ނަމަވެސް މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ޒިޔާރަތް ކުރީ 27،000 ފަތުރުވެރިންކަން ފާހަގަ ކުރެއްވި އެވެ.

"ބޮޑު އަދަދެއް ވެއްޓިފައި އެ ވަނީ އެ ގައުމުން އަންނަ ނިސްބަތަށް ބަލާއިރު،" ހަސަން ވިދާޅުވި އެވެ.

ފަތުރުވެރިންގެ އަދަދު އެހާ ބޮޑަށް މަދުވެގެން ދިޔުމަކީ މާލީ ގޮތުން ވެސް ލިބިގެން ދިޔަ ބޮޑު ގެއްލުމެއްކަން ހަސަން ފާހަގަ ކުރެއްވި އެވެ. ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކާ ހަވާލާ ދީ އޭނާ ވިދާޅުވީ އިންޑިއާގެ ފަތުރުވެރިން މަދުވި މިންވަރު ފައިސާއިން ގުނާ ނަމަ އެއީ އެތައް މިލިއަން ޑޮލަރުގެ ގެއްލުން ކަމަށެވެ.

"ހާރިޖީ ސިޔާސަތު ކަނޑައަޅާއިރު، އަޅުގަނޑުމެންގެ އިގުތިސާދަށް ވެސް ވިސްނައިގެން އެކަން ކުރަން ޖެހެނީ. އެހެން ނޫން ކަމަށް ވަންޏާ ރާއްޖެއަށްވާ ގެއްލުން ވަރަށް ބޮޑުވެދާނެ. އަޅުގަނޑު މި ވާހަކަ މި ދަންނަވަނީ ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރު ގިނަ ބޭފުޅުން އިއްތިފާގުވާ ކަމެއް އެއީ،" ހަސަން ވިދާޅުވި އެވެ.

ފަސް އަހަރު ދުވަހަށް އިންތިހާބުކުރާ ރައީސަކު ކުރައްވާ ރަނގަޅު ކަމެއް އަދި ކުރައްވާ ގޯސް ކަމެއްގެ ނަތީޖާ ވެސް ދިގު މުއްދަތަކަށް ދެމިގެންދާ ކަމަށާއި އެހެންވެ، ހާރިޖީ ސިޔާސަތު ބަދަލުކުރުމަކީ ވަރަށް ވިސްނުންތެރިކަމާއެކު ކުރަންޖެހޭ ކަމެއް ކަމަށް ހަސަން ފާހަގަ ކުރެއްވި އެވެ.