Advertisement

ރެކޯޑް ދަމަހައްޓައި ލެވަކޫސަނުން އިތުބާރާ އެކު ކުރިއަށް

18 މާރިޗު 2024 - 10:21 0


ރެކޯޑް ދަމަހައްޓައި ލެވަކޫސަނުން އިތުބާރާ އެކު ކުރިއަށް

18 މާރިޗު 2024 - 10:21 0

ބާލިން (މާޗް 18) - ޖަރުމަނު ލީގުގައި ރޭ ފްރެއިބާގް އަތުން 3-2 އިން މޮޅުވެ، ބަޔާ ލެވަކޫސަނުން ލީގު ހޯދުމަށް ކުރާ މަސައްކަތުގައި ފޯމު ދަމަހައްޓައިފި އެވެ.

މި ސީޒަނުގައި މެޗަކުން ބަލިނުވެ އޮތް ލެވަކޫސަނުން ރޭގެ ނަތީޖާއާ އެކު، ބަލިނުވެ 38 މެޗު ހަމަކޮށްފައިވާއިރު، އެ ޓީމު ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތީ 26 މެޗުން 70 ޕޮއިންޓާ އެކު އެވެ. އެއީ ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ބަޔާން މިއުނިކް އަށް ވުރެ 10 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ބަޔާން އަށް ވަނީ 26 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ.

ފްލޯރިއަން ވާޓްޒްގެ ގޯލުން ލެވަކޫސަނުން ދެ ވަނަ މިނިޓްގައި ލީޑުނަގާފައިވަނިކޮށް، 10 ވަނަ މިނިޓްގައި ރިޓްސޫ ޑޮއާން ވަނީ ފްރެއިބާގް އަށް އެއްވަރުކޮށްދީފަ އެވެ.

ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް، ލެވަކޫސަނަށް ލީޑުނަގައިދިނީ، އެޑަމް ލޮޒެކް އެވެ. އަދި ދެ ވަނަ ހާފުގެ ކުޅުން ފެށިގެން، އަށް މިނިޓް ތެރޭ ލެވަކޫސަނުން ވަނީ އިތުރު ގޯލެއް ޖަހައި، ލީޑުފުޅާކޮށްފަ އެވެ. މި ލަނޑު ޖެހީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ޕެޓްރިކް ޝިކް އެވެ.

މެޗުގެ 79 ވަނަ މިނިޓްގައި ފްރެއިބާގުން ގޯލެއް ޖެހި އެވެ. މި ލަނޑު ކާމިޔާބުކުރީ، ޔަނިކް ކެއިޓެލް އެވެ.

ޖަރުމަނު ލީގުގައި ލެވަކޫސަނަށް ދެން ބާކީ އޮތީ އަށް މެޗެެވެ. މި މެޗުތަކުގައި އެ ޓީމުން ފޯމު ދަމަަހައްޓައިފިނަމަ، ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލީގު ތަށި ލިބޭނެ އެވެ.