Advertisement

ތަށި ނުލިބުނަސް ކޭންގެ އަމިއްލަ ރެކޯޑަށް ކުރިއެރުން

21 އޭޕްރީލް 2024 - 10:23 0


ތަށި ނުލިބުނަސް ކޭންގެ އަމިއްލަ ރެކޯޑަށް ކުރިއެރުން

21 އޭޕްރީލް 2024 - 10:23 0

މިއުނިކް (އޭޕްރީލް 21) - ޖަރުމަނު ލީގުގައި ރޭ ޔޫނިއަން ބާލިން އަތުން 5-1 އިން ބަޔާން މިއުނިކް މޮޅުވި މެޗުގައި އެ ޓީމުގެ ފޯވާޑް ހެރީ ކޭން ދެއްކި ކުޅުމާ އެކު، ސީޒަނެއްގައި އޭނާ މިހާތަނަށް ދެއްކި އެންމެ ރަނގަޅު ކުޅުމުގެ ރެކޯޑް މުގުރާލައިފި އެވެ.

ޖެހިޖެހިގެން 11 އަހަރު ބަޔާނުން ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދައިފައިވާއިރު، މި ސީޒަނުގައި ކޭން ވަނީ ބޮޑު އަގުގައި އެ ޓީމަށް ބަދަލުވެފަ އެވެ. ކޭން ބަދަލުވި ސީޒަނުގައި ބަޔާނަށް ލީގު ޗެމްޕިއަންކަން ނުލިބުނެވެ. އެކަމަކު، ކޭން ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު، މިއީ ކެރިއަރުގައި އޭނާގެ އެންމެ ރަނގަޅު ސީޒަނެވެ.

ޔޫނިއަން ބާލިން އަތުން ރޭ ބަޔާން މޮޅުވިއިރު، ކޭން ވަނީ ހިލޭ ޖެހުމަކުން ގޯލެއް ޖަހައި، އެ ޓީމުގެ މަތީސް ޓެލް ޖެހި ލަނޑަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މިއާ އެކު، ކޭން ވަނީ ސީޒަނުގައި ޖުމްލަ އެކު، 40 ގޯލު ޖަހައި، 11 ލަނޑު ޖަަހަން ފުރުސަތު ހޯދައިދީފަ އެވެ. ކޭން، ވަނީ ޖަރުމަނު ލީގުގައި އެކަނި 33 ލަނޑު ޖަހައިފަ އެވެ.

މީގެ ކުރިން ކޭން އަށް ސީޒަނެއްގައި، ލަނޑު ޖެހުމާއި ލަނޑު ޖަހަން އެސިސްޓް ކޮށްދިނުމުގެ އެންމެ ރަނގަޅު ރެކޯޑެއް އޮތީ، ޓޮޓެންހަމް ހޮޓްސްޕާސްއާ އެކު، 2020/2021 ވަނަ ސީޒަނުގަ އެެވެ. އެ ފަހަރު، ކޭން ވަނީ ލަނޑު ޖެހުމާއި ލަނޑުޖަހަން ފުރުސަތު ދިނުމުގެ ޖުމްލަ އެކު، 50 ގޯލުގައި ހިއްސާ އަދާކޮށްފަ އެވެ.

ބަޔާނަށް ރޭގެ މެޗުގައި އަނެއް ލަނޑުތައް ޖަހައިިދިނީ، ތޯމަސް މުލާ ދެ ގޯލާއި ލެއޯން ގޮރެޓްޒްކާ އެވެ. ޔޫނިއަން ބާލިންގެ ލަނޑު ޖެހީ، ޔޯބް ވާޓެސަން އެވެ.

މި މޮޅާ އެކު، ބަޔާން ލީގުގެ ދެ ވަނައިގައި އޮތީ 30 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނައިގައި އޮތީ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ، ބަޔާ ލެވަކޫސަން އެވެ. އެ ޓީމަށް ވަނީ 29 މެޗުން 79 ޕޮއިންޓް ލިބިފަ އެވެ.