Advertisement

ހުލާސާކޮށް އިއްޔެ: ޑްރޯން ގަތުމުގައި ހިޔާނާތުގެ ތުހުމަތު!

18 މާރިޗު 2024 - 08:19 0

އެމްއެންޑީއެފުން ނެގައި ޑްރޯންތައް ދައްކާލުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު، އޭގެ ޑްރޯނެއް ބައްލަވައިލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ޑްރޯން ގަތުމުގައި ހިޔާނާތުގެ ތުހުމަތު!

18 މާރިޗު 2024 - 08:19 0

ތުރުކީން ޑްރޯން ގަތުމަށް ހިންގި މުއާމަލާތުގައި "ސިއްސައިގެންދާވަރުގެ" ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކޮށް އެކަން ރައްޔިތުންގެ މަޖިލީހުން ބަލަން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ރޭ ގޮވައިލި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު އަހުމަދު އީސާ ވިދާޅުވީ، ދިވެހިރާއްޖޭގެ އަސްކަރީ ގާބިލިއްޔަތުކަން އިތުރު ކުރަންޖެހޭ ކަމަށާއި އެމްޑީޕީން އެކަމަށް ތާއީދު ކުރާ ކަމަށެވެ. ނަމަވެސް ޓެކްސް ފައިސާއިން ކުރާ ހަރަދުގެ ތަފުސީލު ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށެވެ.

"ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ހަރަދުގެ ދެ ފުށް ފެންނަންޖެހޭ. އޭގެ ތަފުސީލު ރައްޔިތުންނަށް އެނގެންވާނެ. އެހެން ނޫން ކަމަށްވާ ނަމަ ކޮރަޕްޝަނަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ. މި މުއާމަލާތުގެ ތެރޭގައި ސިއްސައިގެންދާވަރުގެ ބޮޑެތި ކޮރަޕްޝަންތައް ހިނގާފައިވާ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ހުކުރު ދުވަހު އިފުތިތާހު ކުރި ތިން ޑްރޯންގެ ތެރެއިން އެއް ޑްރޯނަކީ ހިލޭ ލިބުނު އެއްޗެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށް އީސާ ވިދާޅުވި އެވެ. އެހެންކަމުން އެންމެ ދެ ޑްރޯން ގަތުމަށް ސަރުކާރުން 39 މިލިއަން ޑޮލަރު ހަރަދު ކުރި ގޮތް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަތަރު ޑްރޯންއޭ ވިދާޅުވެ، ދެ ޑްރޯން ގަނެފަ، ހިލޭ އެއް ޑްރޯން ލިބިފަ، ދެން 39 މިލިއަން ޑޮލަރު އެކަމަށް ހަރަދު ކުރި ގޮތެއް ނޭނގޭ. އަދި އެންމެ ކަންބޮޑުވާ ކަމަކީ ބަޖެޓު ވެސް ނުކޮށް، ކޮންޓިންޖެންސީ ބަޖެޓުން މިކަން ކުރީމަ،" އީސާ ވިދާޅުވި އެވެ.

އީސާ ވިދާޅުވީ، ސަރުކާރުން އެ ހަރަދު ކުރީ ރަށްރަށުގައި ހިންގަމުން އައި 1720 މަޝްރޫއު ހުއްޓާލުމަށްފަހު ކަމަށެވެ.

"މި މަޝްރޫއުތަކަކީ ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅޭ ވަރަށް މުހިންމު މަޝްރޫއުތަކެއް. އަޅުގަނޑުމެން އަމަލު ކުރާ މި ގާނޫނުއަސާސީ ދައުލަތަށް، ރައީސްއަށް ލާޒިމު ކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާ ހަރަދު ކުރުމުގައި އިސްކަންދޭންވާނީ ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމަކޮށްދިނުމަށް ކަމަށް،" އީސާ ވިދާޅުވި އެވެ.

އެމްއެންޑީއެފްއަށް އަސްކަރީ ޑްރޯންތަކެއް ހޯދަން ތުރުކީގެ ކުންފުންޏަކާއެކު 560 މިލިއަން ރުފިޔާގެ އެއްބަސްވުމެއް ހަދައިފި ކަމަށް ފުރަތަމަ ފަޅައި އަރުވައިލީ، ޖެނުއަރީ 16، 2024، ގައި އަދަދު ނޫހުންނެވެ. ނަމަވެސް، މި ހަފުތާގައި ޑްރޯންތައް ރަސްމީކޮށް ދައްކާލުމާ ހަމައަށް އެ މުއާމަލާތާއި އެ ތަކެއްޗާއި ގުޅޭ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން އަދި ސަރުކާރުގެ އެހެން މުއައްސަސާއަކުން ވެސް ހާމައެއް ނުކުރި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދުމުން ވެސް މައުލޫމާތު ދީފައި ނުވެ އެވެ.

ދިވެހި އަސްކަރިއްޔާގެ ދިފާއީ ބާރު ވަރުގަދަކުރަން ޑްރޯން ގަތުން ރަނގަޅުކަން ފާހަގަ ކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި އޮތްވައި، ކޮންޓިންޖެންސީ ބަޖެޓުން މިވަރުގެ ބޮޑު ހަރަދެއްކޮށް މައުލޫމާތު ސިއްރު ކުރުމަކީ ވެސް ކަންބޮޑުވުން އޮތް ކަމެކެވެ.