Advertisement

ވިލާ ކޮލެޖުން ތުލުސްދޫގައި ހަދާ ޕޮލިޓެކްނިކްގެ ބިންގާ އަޅައިފި

18 މާރިޗު 2024 - 09:33 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ތުލުސްދޫގައި ތަރައްގީކުރާ ޕޮލިޓެކްނިކްގެ ބިންގާ އެޅުން -- ފޮޓޯ: ހަޔާ އެޑިއުކޭޝަން


ވިލާ ކޮލެޖުން ތުލުސްދޫގައި ހަދާ ޕޮލިޓެކްނިކްގެ ބިންގާ އަޅައިފި

18 މާރިޗު 2024 - 09:33 0

ވޯޓާ ސްޕޯޓްސް އާއި މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ކޯސްތައް ހިންގަން ހާއްސަކޮށްގެން ވިލާ ކޮލެޖުން ކ.ތުލުސްދޫގައި ހަދާ ޕޮލިޓެކްނިކްގެ ބިންގާ އިއްޔެ އަޅައިފި އެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި ފެށި ޕްރޮޖެކްޓްތަކުގެ ތެރެއިން ކ.ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްގީކޮށް ހިންގުން ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ ނޮވެމްބަރު 2022 ގަ އެވެ.

އެ މަރުކަޒު އިމާރާތް ކުރުމަށް ތުލުސްދޫއިން 32،581 އަކަފޫޓްގެ ބިމެއް އެ ރަށު ކައުންސިލުން 50 އަހަރަށް ދީފައިވެ އެވެ. ވޯޓާ ސްޕޯޓްސް ދާއިރާގެ ތަމްރީނުތަކަށް 1200 އަކަފޫޓުގެ ބިމެއް އަތިރިމަތިން ހަމަޖައްސާފައިވެ އެވެ.

ތުލުސްދޫގެ ޕޮލިޓެކްނިކް ޕްރޮޖެކްޓް ސައިޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ވިލާ ކޮލެޖުގެ ރެކްޓާ ޑރ.އަހުމަދު އަންވަރު އެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ މި ޕްރޮޖެކްޓަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް މަތީތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، އެ އިންސްޓިޓިޔުޓުގެ ސަބަބުން ތުލުސްދޫގެ ޒުވާނުންނަށް އަމިއްލަ ފަސްގަނޑުގައި އާއިލާ އާއިއެކު ތިބެގެން، އެކަށޭނަ އަދި އެ ޒުވާނުންގެ ހުރި ހުނަރު އިތުރަށް ތަރައްގީކޮށް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށެވެ.

އެ ފުރުސަތުތަކުގެ ބޭނުން ހިފައި ޒުވާނުންނަށް އެކަށޭނެ އާމްދަނީއެއް ލިބޭ ވަޒީފާއެއް ހޯދުމަށް މަގުފަހިވެގެން ދާނެކަމަށް ގަބޫލުފުޅު ކުރައްވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ މަޝްރޫއަކީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން އިމާރާތް ކުރުމުގެ މަސައްކަތާއި ހިންގުމުގެ މަސައްކަތް ޕްރޮޖެކްޓް ހިންގާ ފަރާތުން ފަންޑުކޮށްގެން ކުރުމަށް ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއާ ހަވާލުކޮށްގެން ކުރިއަށްދާ މަސައްކަތެކެވެ.

މި ޕޮލިޓެކްނިކް ހާއްސަ ކޮށްފައިވަނީ ވޯޓާ ސްޕޯޓްސްއާއި މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށާއި، ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ހިންގުމަށް ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެ އެވެ.

ޕްރޮޖެކްޓް އެއްކޮށް ނިމޭއިރު ޕޮލިޓެކްނިކުގައި އެކޮމަޑޭޝަންގެ ހިދުމަތާއި، ޓޫރިޒަމްގެ ފަންނީ ތަމްރީނުތައް ދިނުމުގެ އިތުރުން ދަރިވަރުންނަށް ބޭނުންވާ އަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއް ބިނާ ކުރާނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެ އެވެ.

މީގެ އިތުރުން ކްލާސް ރޫމްތަކާއި، އައިސީޓީ ލެބޯޓަރީއަކާއި، އޮޑިޓޯރިއަމްއެއްގެ އިތުރުން ލައިބްރަރީއެއްވެސް ހުންނާނެކަން ފާހަގަކޮށް ހަޔާ އެޑިއުކޭޝަނުން ބުނީ އިދާރީ ހިދުމަތްތަކަށް ހާއްސަ ސަރަހައްދަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ ސަރަހައްދެއްގެ އިތުރުން މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތައް ވެސް ހުންނާނެ ކަމަށެވެ.