Advertisement

ކުޅިވަރަކީ މުޖުތަމައުގެ ގަދަރުވެރި ބަޔަކަށް ހަަދަންޖެހޭ: މިނިސްޓަރު ރާފިއު

17 މާރިޗު 2024 - 16:23 0

ރޭ ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި ސްޕޯޓްސް މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.---


ކުޅިވަރަކީ މުޖުތަމައުގެ ގަދަރުވެރި ބަޔަކަށް ހަަދަންޖެހޭ: މިނިސްޓަރު ރާފިއު

17 މާރިޗު 2024 - 16:23 0

ކުޅިވަރުގެ ދާއިރާ އަކީ މުުޅި މުޖުތަމައު އަށް ބަލާއިރު، ގަދަރުވެރި ބައެއްގެ ގޮތުގައި އުޅޭ ތަނަކަށް ހަދަން ޖެހޭ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މި ގޮތަށް ވިދާޅުވީ، ރޭ ހ. މީރުމާގައި ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ގޮތުން، މިނިސްޓަރު ރާފިއު ވިދާޅުވީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި މިނިސްޓަރީ ގުޅިގެން، މިހާރު އޮތް ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންކަން ފުރިހަަމަ ކުރަން ހާއްސަ ކަންތައްތަކެއް މިހާތަނަށް ވެސް ކުރެވިފައިވާ ކަމަށެވެ.

ކުރެވިފައިވާ ކަންކަމަށް އަލި އަޅުވާލަަމުން ރާފިއު ވިދާޅުވީ، ގައުމީ އަދި ބައިނަލްއަގުވާމީ މުބާރާތްތައް ކުޅެވެމުންދާއިރު އެ ތަނުގައި ހުންނަންޖެހޭ ފަސްޓް އެއިޑްގެ ހިދުމަތް ދިނުން ވެސް ތައާރަފްކުރެވިފައިވާ ކަމަށާއި މޮޅެތި އެތުލީޓުން ބިނާކުރުމަށް ދިގު ރާސްތާ ޕްލޭނެެއްގެ މަސައްކަތް ވެސް ފެށިފައިވާ ކަމަށެވެ.

އަދި ކުރީގެ ކުޅުންތެރިން ނޫނީ ވެޓެރަންސްގެ ހާއްސަ ދަފްތަރެއް އެކުލަވާލައި، ކުރިއަށް ވުރެ ބޮޑަށް އެ މީހުން ކުޅިވަރު ތެރޭގައި ބޭނުންހިފައި، ކުޅިވަރުގެ ކަންކަން ވީހާވެސް ގިނަ ބަޔެއްގެ ބައިވެރިވުމާ އެކު ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ކަންކަން ކުރުމުގައި ކަލްޗަރަލް ޗޭންޖެއް އެބަ ގެންނަންޖެހޭ. މާނަ އަކީ ކުޑައިރުއްސުރެ ވަކި ބައްޓަމަކަށް ކުޅިވަރު ދަސްކޮށްދީ އޮލިމްޕިޒަމްގެ މާނަ އެކުދިންގެ ގައިގައި އަށަގަންނަން އެބަޖެހޭ. މީގެ މާނަ އަކީ ކުޅިވަރުގެ ތެރެއިން ކިޔެވުމާއި އުފާވެރިކަން ގެނެސްދީ އެ ކުދިންނަކީ ރިވެތި އާދަ އަށަގަނެ، ކުޅިވަރަކީ މުުޅި މުޖުތަމައު ގަދަރުވެރި ބައެއްގެ ގޮތުގައި އުޅޭނެ ތަނަކަށް ހަދަން އެބަޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޕްލޭނުގައިވާ ގޮތަށް ކަންކަން ކުރިއަށް ގޮސްފިނަމަ، ރާފިއު ދެކިލައްވާ ގޮތުގައި، ކުރިއަށް އޮތް 10 ވަރަކަށް އަހަރު ތެރޭގައި މި ދިވެހިރާއްޖޭގައި އައިއޯއައިޖީ އާއި ސައުތު އޭޝިއަން ގޭމްސް ބޭއްވުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި 2030 ނޫނީ 2034 ވަނަ އަހަރުގެ އޭޝިއަން ގޭމްސް އިން ޕޯޑިއަމް ފިނިޝް ރާއްޖެ އަށް ލިބުމުގެ އުންމީދު ވެސް އޮންނާނެ ކަމަށާއި 2034 ވަނަ އަހަރު ނޫނީ 2040 ވަނަ އަހަރު އޮންނަ ސަމާ އޮލިމްޕިކްސްގައި ރާއްޖެ ވަނަތަކެއް ހާސިލްކުރުމުގެ ފުރުސަތެއް ވެސް އޮންނާނެ ކަމަށެވެ.

މި ކަންކަމަކީ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭނުގައި ދާންވީ ރާސްތާ ބަޔާންކޮށް ހިމަނާފައިވާ ކަންކަން ކަމަށް ރާފިއު ފާހަގަކުރެއްވި އެވެ.

ރާފިއު ވިދާޅުވީ ޕްލޭނުގައި ހުރި މިކަންކަން ކުރުމަށްޓަކައި ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާއި މުއައްސަސާތަކުގެ އެއްބާރުލުން ވަރަށް މުހިންމުވާނެ ކަމަށެވެ.

"މިއީ ޒާތީ ވެގެން ކުރެވޭނެ ކަމެއް ނޫން. އެ އަށް ވުރެ މާ ބޮޑު އަދި މާ މާތް މަގުސަދެއްގައި ކުރަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މި އަހަރު ޖުލައި/އޮގަސްޓްގައި ބާއްވާ ޕެރިސް އޮލިމްޕިކްސް އާއި ނޮވެމްބަރުގައި އޮންނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސްގައި ރާއްޖެ ތަމްސީލްކުރުމަށް ސްޕޯޓްސް މިިނިސްޓްރީން ދެވެން އޮތް ހުރިހާ އެހީއެއް އެންމެ ފަހު މިނިޓަށް ލަސްނުކޮށް ވަގުތު އޮއްވައި ކަންކަން ހަމަޖައްސައިދޭނެ ކަމަށް ރާފިއު ވަނީ ވިދާޅުވެފަ އެވެ.