19 އޭޕްރީލް 2024 - 09:53 1
ސްޕޯޓްސް މިނިސްޓަރު ރާފިއު.-- ފޮޓޯ: އަދަދު
19 އޭޕްރީލް 2024 - 09:53 1
ހޮންގް ކޮންގްގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޯލޮޖީއާ އެކު އެއްބަސްވުމެއް ހަދައި، މާލެ ސަރަހައްދުގައި ގާއިމްކުރާ ސާފިން ސްޓޭޑިއަމްގެ ސަބަބުން ރާއްޖެ އަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
އިއްޔެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، މިނިސްޓަރު ރާފިއު ވިދާޅުވީ، މި ސްޓޭޑިއަމްގެ މަސައްކަތަކީ، ވަރަށް ގިނަ ދުވަސްވަންދެން ސާފިން އެސޯސިއޭޝަނާއި ބޮޑީބޯޑިން އެސޯސިއޭޝަނުން ކުރަން ވެގެން ބޭނުންވެފައި އޮތް ކަމެއް ކަމަށެވެ.
އެ ގޮތުން، މި ކަންކަން ކުރަން ޖެހޭ ކަމަށް އެސޯސިއޭޝަންތަކުން ފާހަގަކުރި އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި ސާފިން އާއި ބޮޑީބޯޑިންގެ ބައިނަލްއަގުވާމީ މުބާރާތްތައް ބާއްވަމުންދާއިރުގައި ކުރިމަތިވަމުން އަންނަ ދަތިތަަކަށް ހައްލު ހޯދުމެވެ. އެ ގޮތުން، އާ ސްޓޭޑިއަމާ އެކު، ޖަޖުން ތިބޭނެ ތަންތަނާއި ކުޅިބަލަން ތިބޭ މީހުން ތިބޭ ތަން ރަނގަޅަށް ހަމަޖެހޭނެ އެވެ. އަދި މުބާރާތުގެ ކަންކަން ޕްރޮމޯޓްކުރަން ބޭނުންވާ މީޑިއާ އާއި އެހެނިހެން ފަރާތްތަކަށް ވެސް ޖާގައިގެ ކަންކަން ހައްލު ލިބޭނެ ކަމަށް މިނިސްޓަރު ރާފިއު ފާހަގަކުރެއްވި އެވެ.
"މި ކަހަލަ ތަންތަން ނެތުމަކީ، އަޅުގަނޑުމެންގެ މި ކުޅިވަރު ދިވެހި ރާއްޖޭގައި ކުރިއަށްގެންދާކަން ދުނިޔޭގެ އެހެން ތަންތަނަށް ދެއްކުމަށްޓަކައި ނޫނީ އިސްތިހާރު ކުރުމަށްޓަކައި، ކުރަން ޖެހޭ މި ބާވަތުގެ ގިނަ ކަންކަން ދަތިވެފައި ވަރަށް ބޮޑަށް އޮތް ކަމެއް ވީމަ އަޅުގަނޑުމެން ހާއްސަކޮށް ސަރުކާރުން ޑރ، މުހައްމަދު މުއިއްޒުގެ ދެންނެވުމަކަށް، އެ މަނިކުފާނުގެ ޕްލެޖެއް މިއީ. އެ ގޮތުގެ މަތިން މާލެ ސަރަހައްދުގައި، ސްޓޭޑިއަމެއް ގާއިމްކުރަން މި އެއްބަސްވީ،" ރާފިއު ވިދާޅުވި އެވެ.
މި ސްޓޭޑިއަމްގެ މަސައްކަތް މި އަހަރު ތެރޭ ފެށޭތޯ މަސައްކަތް ކުރާނެކަމަށް ވިދާޅުވެ، ރާފިއު ފާހަގަކުރެއްވީ ސްޓޭޑިއަމްގެ ޑިޒައިން މަސައްކަތް ނިމިގެންދިޔައީ، ސާފިން އާއި ބޮޑީބޯޑިން އެސޯސިއޭޝަނާ އެކު ވާހަކަ ދެކެވި، އެންމެން އެއްބަސްވެވޭ ގޮތަށް ކުރެހުން ވެސް ނިންމައިގެން ކަމަށެވެ.
ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޯލޮޖީގެ ޒޮއު ވިދާޅުވީ، ސާފިން އާއި ބޮޑީބޯޑިން އަކީ ރާއްޖޭގެ ރީތި ކަމާއި ސަގާފަތާއި އާދަކާދަ ދިރުވައިދޭ ކުޅިވަރުތަކެއް ކަމަށާއި އެ ފަދަ ކުޅިވަރުތަކެއްގެ މުސްތަގުބަލު ބިނާކުރާ ޕްރޮޖެކްޓެއް އެ ކުންފުންޏަށް ލިބުމަކީ ވަރަށް ޝައުގުވެރިކޮށް މަސައްކަތް ނިންމަން ހިތްވަރު ލިބޭ ކަމެއް ކަމަށެވެ.
ސްޕޯޓްސް މިނިސްޓްރީން ރާއްޖޭގެ ކުޅިވަރުގެ މުހިންމު ޕްރޮޖެކްޓްތައް އެ ކުންފުންޏަށް ދޭން ނިންމުމުން އެ ކަމަށްޓަކައި، ސަރުކާރާއި ސްޕޯޓްސް މިނިސްޓްރީ އަށް ޒޮއު .ވަނީ ޝުކުރުއަދާކޮށްފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ތުލުސްދޫ މޮހޮނު
12 months ago
ވަޒީރޫ. ތިތަން ތުލުސްގައި އަޅާބަލަ. ހުރިހާ އިސްޓޭޑިމެއް ފުރަމާލޭގައި އަޅައިގެން ތިބެވޭތަ! ރާޅާއެޅުމަކީ ރާޅުނަގާތަނެއްގައި ކުރެވޭނެ ކަމެއް. ކޮންމެހެން މީހުން ބައިބޯތަނެއްތޯ ބަލާކަށް ނުޖެހޭނެ.
Comment