Advertisement

ފަވަރައިން ދެ ލައްކަ ރުފިޔާއާއި ހަމައަށް ޓްރާންސްްފާ ކުރެވޭ ގޮތަށް ލިމިޓު އިތުރުކޮށްފި

17 މާރިޗު 2024 - 13:51 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) -- ފޮޓޯ: އަދަދު


ފަވަރައިން ދެ ލައްކަ ރުފިޔާއާއި ހަމައަށް ޓްރާންސްްފާ ކުރެވޭ ގޮތަށް ލިމިޓު އިތުރުކޮށްފި

17 މާރިޗު 2024 - 13:51 0

އެއް ބޭންކުން އަނެއް ބޭންކަށް ކުރާ ޓްރާންސްފާތައް ވަގުތުން އެކައުންޓަށް ޖަމާވުން ފަދަ ޒަމާނީ ސިފަތައް ހިމެނޭ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް 'ފަވަރަ' އިން ދެ ލައްކަ ރުފިޔާއާއި ހަމައަށް ޓްރާންސްފާ ކުރެވޭ ގޮތް ހަދައި، ލިމިޓު ބޮޑުކޮށްފި އެވެ.

ފަވަރައިގެ އެކްސް އެކައުންޓުން މިއަދު ކުރި އިއުލާނެއްގައި ބުނީ ފަވަރަ މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ ލިމިޓު މިއަދުން ފެށިގެން އިތުރުކޮށްފައިވާ ކަމަށެވެ. އިތުރުކޮށްފައިވާ ލިމިޓުތަކުގެ ތެރޭގައި ހިމެނެނީ:

  • ފަވަރަ ޓްރާންސްފާ - 200،000 ރ. އާއި ހަމައަށް
  • ފަވަރަ ރިކުއެސްޓް ޓު ޕޭ - 10،000 ރ. އާއި ހަމައަށް

ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން ކުރެވޭ ކަންކަމުގެ ތެރޭގައި އިންސްޓަންޓް ޕޭމަންޓްސް، ރިކުއެސްޓް ޓު ޕޭ، ސްމާޓް އެޑްރެސިން އަދި އެކައުންޓް ވެރިފިކޭޝަން ހިމެނެ އެވެ.

މި ސިސްޓަމުގެ ތެރެއިން ހިދުމަތް ލިބޭ ބޭންކުތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް), ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބޭންކް އޮފް ސިލޯން އަދި މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ހިމެނެ އެވެ.

ފަވަރަ އަކީ ރާއްޖޭގެ ޕޭމަންޓް ސްޓްރަކްޗާއަށް މިފަހުން ގެނައި އެންމެ ބޮޑު ބަދަލެވެ. އަދި މި ނިޒާމު ވުޖޫދަށް އައުމާ ގުޅިގެން މާލީ މުއާމަލާތްތައް ރައްކާތެރިކަމާ އެކީ ފަސޭހަވެ އަވަސްވެ، މުޅި މާލީ ނިޒާމަށް އީޖާދީ، އިންގިލާ ބަދަލުތަކެއް އަންނާނެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެ އެވެ.