Advertisement

އެފްއައިޔޫ ރިޕޯޓާމެދު ސުވާލު ނުއުފައްދަވައި، ރައީސް ވިދާޅުވީ ލީކުވީ ފުލުހުންގެ ޑްރާފްޓު ރިޕޯޓެއް ކަމަށް

17 އޭޕްރީލް 2024 - 08:06 3

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު : ރައީސް ވިދާޅުވީ ލީކުވީ ފުލުހުންގެ ޑްރާފްޓު ރިޕޯޓެއް ކަމަށް - ފޮޓޯ: ޕޮލިސް


އެފްއައިޔޫ ރިޕޯޓާމެދު ސުވާލު ނުއުފައްދަވައި، ރައީސް ވިދާޅުވީ ލީކުވީ ފުލުހުންގެ ޑްރާފްޓު ރިޕޯޓެއް ކަމަށް

17 އޭޕްރީލް 2024 - 08:06 3

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ލީކުވެފައި ވަނީ ފުލުހުން ތައްޔާރު ކުރި ޑްރާފްޓު ރިޕޯޓެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ލީކުކޮށްލި ރިޕޯޓާމެދު ސުވާލު އުފެއްދެވި ނަމަވެސް، އެ ރިޕޯޓާއެކު ލީކުވި އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް (އެފްއައިޔޫ) ރިޕޯޓާމެދު އެމަނިކުފާނު ސުވާލު އުފައްދާފައެއް ނުވެ އެވެ.

"ޑްރާފްޓު ރިޕޯޓެއް، ޕޮލިސް ރިޕޯޓެކޯ، އެއީ ޑްރާފްޓެއް، އޭގަ ނެތް ތައްގަނޑެއްވެސް ތާރީހެއްވެސް، އެބޭފުޅުން ބޭނުންގޮތަކަށް ހަދާލާފަ. އެބޭފުޅުން ހޯދިނަމަ ފެންނާނެ ނޫންތޯ އެމީހުންގެ ވެރިކަން މިދިޔަ ފަސް އަހަރު އޮތީ،" ރޭ ބޭއްވި ކެމްޕެއިން އިވެންޓެއްގައު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވާ ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ބޮލުގަ ކުށެއްގެ ތުހުމަތު އަޅުވަން އުޅެ އުޅެވެސް ކަމެއް ނުފެނުނު ކަމަށެވެ.

އޭގެ އިތުރުން ރައީސް ރޭ ވިދާޅުވީ އެއީ މަޖިލިސް އިންތިހާބާމެދު އިދިކޮޅު ފަރާތްތަކަށް އޮތް އުއްމީދު ގެއްލުމުން ސިޔާސީ ބޭނުމެއްގައި ލީކުކޮށްލާފައިވާ ރިޕޯޓުތަކެއް ކަމަށެވެ. އަދި ގާނޫނާ ހިލާފު ކަމެއް ކުރައްވާފަ ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ތިބޭފުޅުން އަދި ތިގޮތަށް އަޅުގަނޑުގެ ބޮލުގަ ކަމެއް އަޅުވަން އުޅެގެން، ކުރީގަވެސް ނުވި ކަމެއް ދެނެއްވެސް ނުވާނެ. އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއް ކަމެއް ވެސް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު އެމްޑީޕީ އަދި ޕީއެންއެފުން ވަނީ ރައީސްގެ މައްޗަށް ކުރެވޭ މި ބޮޑެތި ތުހުތަމުތައް ބެލުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާފަ އެވެ. ނަމަވެސް މިކަމާ ގުޅިގެން ސަރުކާރުގެ ތަހުގީގީ އެއްވެސް އިދާރާއަކުން މިހާތަނަށް ބަހެއް ބުނެފައެއް ނުވެ އެވެ.