Advertisement

ރައީސްގެ ވާހަކަ އާއި ރައީސް އޮފީހުގެ ޖަވާބު ދިމާ ނުވި، ރައީސް ވިދާޅުވީ ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލު ކުރެއްވި ކަމަށް!

18 މާރިޗު 2024 - 13:15 2

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: ރައްޔާން މުހައްމަދު / އަދަދު


ރައީސްގެ ވާހަކަ އާއި ރައީސް އޮފީހުގެ ޖަވާބު ދިމާ ނުވި، ރައީސް ވިދާޅުވީ ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލު ކުރެއްވި ކަމަށް!

18 މާރިޗު 2024 - 13:15 2

ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު، މިދިޔަ އަހަރުގެ ނޮވެމްބަރު 26، އިން އެ މަހުގެ ނިޔަލަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުގައި އެ ގައުމުގެ އެއްވެސް ވިޔަފާރިވެރިޔަކާ ބައްދަލުކުރިތޯ؟ އެއީ ކޮން ބައެއްތޯ؟ ބެލުމުގެ ޝައުގުގައި އެ ސުވާލުތަކުގެ އަޑު ފެތުރެން ދިޔަ އެވެ.

ރައީސްގެ ދަތުރުގައި ވިޔަފާރި ވެރިންނާ ބައްދަލުކުރުމުގެ އިތުރުން އަސްކަރީ މަޝްވަރާތަކެއް ކުރި ކަމުގެ ތުހުމަތު ވެސް ފެތުރުނެވެ. ބައެއް ފޮޓޯތައް ވެސް ދައުރުވި އެވެ.

ކަމުގެ ހަގީގަތް ހޯދުމަށްޓަކައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދަދު ނޫހުން ފޮނުވި ސުވާލުގައި؛ "ރައީސް ޑރ. މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބައްދަލުކުރެއްވި ވިޔަފާރި ވެރިންގެ ނަންތަކާއި އެ ފަރާތްތަށް ނިސްބަތްވާ ކުންފުނިތަކުގެ ނަންތައް" އެދިފައިވެ އެވެ.

މަހޯލި ޕޯޓަލުން އެ ސުވާލު ރައީސް އޮފީހަށް ފޮނުވީ ޑިސެމްބަރު 9، 2023، ގަ އެވެ.

ރައީސް އޮފީހުން ޑިސެމްބަރު 28، 2023، ގައި ދިން ޖަވާބަކީ މިއެވެ؛

"ރައީސުލްޖުމްހުރިއްޔާ ޑޮކްޓަ މުހައްމަދު މުއިއްޒު، ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެއްވެސް ވިޔަފާރިވެރިއަކާ ބައްދަލުކުރައްވައިފައި ނުވާ ކަމުގައި ދެންނެވިން،"

ރައީސް އޮފީހުން އާރުޓީއައި އަށް ދިން ޖަވާބު


ރައީސް އޮފީހުން މިހެން ބުނެފައިވަނިކޮށް، އެމްއެންޑީއެފް އެއާ ކޯ އިފްތިތާހުކުރަން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވަނީ ތުރުކީވިލާތުގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވި ކަމަށް އިއުތިރާފުވެވަޑައިގެންފަ އެވެ.

އެމަނިކުފާނު ބައްދަލު ކުރެއްވީ އެމްއެންޑީއެފްއަށް ގެނެސްފައިވާ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯންތައް އުފެއްދި ތުރުކީވިލާތުގެ ބައިކާރު ކުންފުނީގެ ވެރިންނާ އެވެ.

"ތުރުކީގެ ސަރުކާރުން ތުރުކީގެ ރައީސްގެ މި ގާތްކަމުގެ ތެރެއިން ބައިޑުކާރ ކުންފުނިން އެ ކުންފުނީގެ އިސް ދެ ބޭފުޅުން ސެލްޖުކާއި އަދި އޭނާގެ ބޭބެ ހަލުކް، މި ދެބޭފުޅުން އަޅުގަނޑުމެންނާ ބައްދަލުކުރެއްވި. ދެންމެ ވީޑިއޯގައިވެސް ފެނިގެންދިޔަ އެ ބައްދަލުވުމުގެ ކޮންމެވެސްވަރެއްގެ މަންޒަރެއް،" ރައީސް އޮފީހުގެ ވެބްސައިޓުގައި އެރޭ ރައީސް ދެއްކެވި ވާހަކަފުޅުގެ ގޮތުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ވެސް ވެއެވެ.

ޕީއެސްއެމުން އެރޭ ދުރަށް ދެއްކި ލައިވް އިވެންޓުގެ ވީޑިއޯގެ 1:35:16 އިން 1:35:30 އާ ހަމައަށް އެ ވާހަކަ އަހާލެވޭނެ އެވެ.

ބައިކާރު ކުންފުންޏަކީ ތުރުކީގެ ސަރުކާރާ ގާތް ގުޅުމެއް އޮންނަ އެ ގައުމުގެ އެންމެ ބޮޑު އެއް ޕްރައިވެޓް ޑިފެންސް ކުންފުންޏެވެ. އެ ކުންފުނި ހާއްސަ ވަނީ ޔޫއޭވީ އަދި ޑްރޯން އުފެއްދުމާއި ސީ4އައި އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާ އަށެވެ.

ސެލްޖުކް ބައިރަކުތާރު

ސެލްޖުކް ބައިރަކުތާރު، 44، އަކީ ބައިކާރު ކުންފުނީގެ ބޯޑުގެ ޗެއާމަން އަދި އެ ކުންފުނީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރެވެ. އޭނާ މަޝްހޫރުވެފައި ވަނީ ތުރުކީގެ އެންމެ ފުރަތަމަ މިލިޓަރީ ޔޫއޭވީ ފަރުމާކުރި މީހާގެ ގޮތުގަ އެވެ.

އޭނާ އިލެކްޓްރޯނިކްސް އާއި ކޮމިއުނިިކޭޝަން އިންޖިނިއަރިންގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލް ކުރީ 2002 ގައި ތުރުކީގެ އިސްތަންބުލް ޓެކްނިކަލް ޔުނިވަސިޓީއިންނެވެ. އެއަށް ފަހު 2004 ގައި އެމެރިކާގެ ޔުނިވާސިޓީ އޮފް ޕެންސަލްވީނިއާއިން އިންޖިނިއަރިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރި އެވެ. އަދި އެމެރިކާގެ އެމްއައިޓީއިން 2006 ގައި އިތުރު މާސްޓާސް ޑިގްރީއެއް ހާސިލްކުރި އެވެ.

ރައީސް މުއިއްޒު (ވ) ސެލްޖުކް (ކ) އާއެކު -


އޭނާ އެނބުރި ތުރުކީއަށް އައިސް ބައިކާރުގެ ސީޓީއޯގެ ގޮތުގައި ޔޫއޭވީ ފަރުމާ ކުރުމުގެ މަސައްކަތްތައް ފެށީ 2007 ގަ އެވެ.

ސެލްޖުކްގެ އަންހެނުންނަކީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންގެ ދަރިކަނބަލުން ސުމެއްޔެ އުރުދުގާން އެވެ. އެ ދެ މީހުން ކައިވެނި ކުރީ 2016 ގަ އެވެ. ތުރުކީގެ މީޑިއާތައް ބުނާ ގޮތުން އުރުދުގާންއަށް ފަހު ވެރިކަންކުރާ އޭކޭ ޕާޓީގެ ލީޑަރުގެ ގޮތުގައި ސެލްޖުކް ފެނުމުގެ ފުރުސަތު ބޮޑެވެ.

ބައިކާރުގެ އިތުރުން ސެލްޖުކް އަކީ ފެގާނީ ސްޕޭސް ޓެކްނޮލޮޖީސްގެ ސީއީއޯ އެވެ. އެ ކުންފުންޏަކީ ޖައްވީ ޓެކްނޮލޮޖީ އަދި އުޅަނދުތައް އުފެއްދުމަށް ސެލްޖުކް 2022 ގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން ސެޓްލައިޓް ފަދަ ޖައްވީ އުޅަނދުތައް ދަނީ އުފައްދަމުންނެވެ.

ހަލުކް ބައިރަކުތާރު

ހަލުކް ބައިރަކުތާރު، 45، އަކީ ބައިކާރު ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އެވެ. އޭނާ ބައިކާރުގައި މަސައްކަތް ކުރަން ފެށީ 2004 ގައި އިންޖިނިއަރިން މެނޭޖަރެއްގެ މަގާމުންނެވެ.

އިންޑަސްޓްރިއަލް އިންޖިނޭރިން އަދި ފައިނޭންޝަލް އިންޖިނޭރިންގެ ދާއިރާއިން ތުރުކީގެ މިޑްލް އީސްޓް ޓެކްނިކަލް ޔުނިވާސިޓީ އަދި އެމެރިކާގެ ކޮލަމްބިއާ ޔުނިވަސިޓީއިން އޭނާ ވަނީ ތައުލީމު ހާސިލްކޮށްފަ އެވެ.

ބައިކާރުގެ ސީއީއޯ ހަލުކް : އޭނާވެސް ރައީސް އާ ބައްދަލުކުރި ކަމަށް އެމަނިކުފާނު ވިދާޅުވި -


ބައިކާރުގެ ސީއީއޯގެ މަގާމުގެ އިތުރުން ހަލުކް އަކީ ތުރުކީގައި އެކި ވިޔަފާރި ހިންގާ މީހެކެވެ. އޭނާއަކީ އަސްކަރީ އަދި ސަލާމަތީ ދާއިރާގެ ތުރުކީގެ ކުންފުނިތައް އެކުވެގެން އުފައްދާފައިވާ ކްލަސްޓާ 'ސާހާ' ގެ ބޯޑުގެ ޗެއާމަނެވެ. ހަލުކް އެ މަގާމު އަދާކުރަން ފެށީ 2017 ގަ އެވެ.

އޭގެ އިތުރުން ހަލުކް އެހެން ބައެއް ކުންފުނިތަކުގައި ވެސް ބައިވެރިވާ ވިޔަފާރިވެރި އެކެވެ. އެއީ؛

  • 'ބްލެކްސީ ޝީލްޑް' ކިޔާ އަސްކަރީ ކުންފުންޏެއްގެ ބޯޑުގެ ޗެއާމަން
  • 'ސެޒެރީ އޭއައި' ކިޔާ އާޓިފިޝަލް އިންޓެލިޖެންސް ކުންފުންޏެއްގެ ކޯފައުންޑަރު
  • 'ޓާކީ ޓެކްނޮލޮޖީ ޓީމް' ކިޔާ ކުންފުންޏެއްގެ ކޯ ފައުންޑަރު އަދި ކުރީގެ ޗެއާމަން
  • ތުރުކީގެ ސައިންސް އެންޑް ޓެކްނޮލޮޖީ ރިސާޗު ފައުންޑޭޝަން (ޓުބިޓަކް) ގެ ބޯޑު މެންބަރު

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގުމަށް ފަހު އެންމެ ފުރަތަމަ ވެސް ވަޑައިގަތީ ތުރިކީ ވިލާތަށެވެ. އެއަށް ފަހު އިތުރު ދަތުރެއް އެ މަނިކުފާނު ތުރިކީ ވިލާތަށް ކުރައްވާފައެއް ނެތެވެ. ޑްރޯންތައް ރާއްޖެއަށް ގެނައުން ހަގީގަތަކަށް ވެގެން ދިޔުމުގެ އަސްލަކީ އެ ދަތުރުކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސްގެ އެ ދަތުރުގައި ތުރުކީވިލާތުގެ ވިޔަފާރިވެރިންނާ ބައްދަލުނުކުރައްވާ ކަމަށް ރައީސް އޮފީހުން ލިޔުމުން ޖަވާބު ދީފައި ވާއިރު، އެ ޖަވާބާއި ރައީސް މާފަރުގައި ހުކުރު ދުވަހުގެ ރޭ ދެއްކެވި ވާހަކައިގައި ބައިކާރު ކުންފުނީގެ ވެރިންނާ ބައްދަލު ކުރެއްވި ކަމަށް އިއުތިރާފުވެވަޑައިގެންފައި ވާއިރު، އިތުރު ވިޔަފާރިވެރިންނާ ވެސް ބައްދަލު ނުކުރައްވާ ކަމެއް މިހާރު ނޭނގެ އެވެ. ސަބަބަކީ ރައީސްގެ ވާހަކަ އާއި ރައީސް އޮފީހުގެ ޖަވާބު ދިމާނުވުމެވެ.

ބައިކާރުގެ ޑްރޯންތައް ދުއްވުމުގެ ތަމްރީނު ހޯދާ އެހެން ގައުމުތަކުގެ އަސްކަރިއްޔާގެ ތަފުސީލާއި ޑީލުތަކުގެ ބައެއް ތަފުސީލު އެ ކުންފުނީގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ނަމަވެސް ރާއްޖޭގެ އެއްބަސްވުމާ ގުޅޭ އެއްވެސް ވާހަކައެއް އެ ކުންފުނީގެ ވެބްސައިޓުގައި ނެތެވެ. އަދި ސެލްޖުކް އަދި ހަލުކްގެ ސޯޝަލް މީޑިއާ އަދި ރައީސް އޮފީހުގެ ސޯޝަލް މީޑިއާގައިވެސް މި ބައްދަލުވުމުގެ އެއްވެސް މައުލޫމާތެއް، ފޮޓޯއެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ބައިކާރު ކުންފުނީގެ މި ޑްރޯންތައް ގަތުމަށް ދިވެހި ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން ކުއްލި ގޮތަކަށް 560 މިލިއަނެއްހާ ރުފިޔާ ހަމަޖެއްސިއިރު، އެ އެއްބަސްވުމުގައި އެމްއެންޑީއެފް އާއި ސަރުކާރުން ވަނީ ތަޅުއަޅުވައިފަ އެވެ.