Advertisement

އޮލިމްޕިކް ކޮމިޓީ އަށް މި އަހަރަށް 38 މިލިއަން ރުފިޔާގެ ބަޖެޓެއް

17 މާރިޗު 2024 - 09:49 0

އަތޫފް އާތިފް

އަތޫފް އާތިފް

އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުލްސައްތާރު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު


އޮލިމްޕިކް ކޮމިޓީ އަށް މި އަހަރަށް 38 މިލިއަން ރުފިޔާގެ ބަޖެޓެއް

17 މާރިޗު 2024 - 09:49 0

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އިން މި އަހަރަށް 38 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.

އެމްއޯސީގެ އަހަރީ އާންމު ޖަލްސާ ރޭ ހ. މީރުމާގައި ބޭއްވިއިރު, އެމްއޯސީ އިން މި އަހަރަށް ކަނޑައެޅި 38 މިލިއަން ރުފިޔާގެ ބަޖެޓް ފާސްކުރީ ޖަލްސާ އަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ގޮތުން، މި އަހަރަށް ކަނޑައެޅި ބަޖެޓުގެ ތެރެއިން 28 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވެނީ ކުޅިވަރާ ބެހޭ ވުޒާރާ މެދުވެރިކޮށެވެ. އަދި މި ބަޖެޓުގެ ތެރޭގައި މި އަހަރު ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސް އަށް ދާނެ ޚަރަދު ބަޖެޓު ކުރެވިފައި ވެއެވެ. އެކަމަކު، ސައުތު އޭޝިއަން ގޭމްސް ބޭއްވުމާއި މެދު އަދި ގޮތެއް ނުނިންމަ އެވެ. މީގެ އިތުރުން ބަޖެޓުގެ ބޮޑު ބައެއް ދެން ޚަރަދުވާނެ ކަމަށް ބެލެވެނީ ތައިލެންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް އަށެވެ. އެ ގޭމްސްގައި ރާއްޖެއިން 170 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

މީގެ އިތުރުން މި ފަހަރުގެ ބަޖެޓުގައި ނެޝަނަލް ގޭމްސް އެއް ފުރަތަމަ ފަހަރަށް ބޭއްވުމަށް ބަޖެޓު ކުރެވިފައިވެ އެވެ. އަދި ބަޖެޓުގެ ތެރެއިން 93 އިންސައްތަ ޚަރަދުވާނެ ކަމަށް ބެލެވެނީ ސީދާ ސްޕޯޓްސް ރިލޭޓެޑް އެކްސްޕެންސް އަށް ހަރަދު ކުރާނެ ބަޖެޓެއް ކަމަށް އެމްއޯސީ އިން ބުނެ އެވެ.

ބަޖެޓުގައި ދެން ހިމަނާފައިވަނީ ސްޕޯޓްސް ޑިވެލޮޕްމެންޓް ޕްލޭން އެއް ހެދުމަށް ހަރަދުވާނެ މިންވަރެވެ.

އޮލިމްޕިކް ކޮމިޓީ އިން ވަނީ މި އަހަރު ތިން އެސޯސިއޭޝަނަކަށް އަތޮޅު ތެރޭގައި ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމް ހިންގުމަށް އެހީތެރިވާން ނިންމާފަ އެވެ. މިއީ ޒުވާން ކުޅުންތެރިން ބިނާ ކުރުމަށް އެމްއޯސީ ކުރަމުން އަންނަ މަސައްކަތުގެ ތެރޭން ހުޅުވާލާ ފުރުސަތެކެވެ.

އެމްއޯސީ ކަލަންޑަރަށް ބަލާއިރު, މި އަހަރު ބަޖެޓުން ބޮޑު ހަރަދެއް ދާނެ ކަމަށް ބެލެވެނީ ސައުތު އޭޝިއަން ގޭމްސް އާއި އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް އަށެވެ. މީގެ އިތުރުން މި އަހަރަކީ އޮލިމްޕިކްސް އަހަރަށްވުމުން ޕެރިސްގައި ބާއްވާ އޮލިމްޕިކް ގޭމްސް އަށްވެސް ބޮޑު ހަރަދެއް ދާނެ އެވެ.