Advertisement

ފާޑުކިޔުން އަމާޒުވި "އިހުސާސް" ޕްރޮގްރާމް ދެން ދައްކާނީ ކޮންޓެންޓު ބެލުމަށްފަހު

16 މާރިޗު 2024 - 21:30 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ފާޑުކިޔުން އަމާޒުވި "އިހުސާސް" ޕްރޮގްރާމް ދެން ދައްކާނީ ކޮންޓެންޓު ބެލުމަށްފަހު

16 މާރިޗު 2024 - 21:30 0

ޕީއެސްއެމްގެ ޓީވީއެމްއިން ގެނެސްދޭ "އިހުސާސް" ޕްރޮގްރާމަށް ފާޑު ކިޔުން އަމާޒުވުމުން، އެ ޕްގްރާމުގެ ކޮންޓެންޓު ދެން އޮންއެއާ ކުރާނީ އިތުރަށް ބެލުމަށްފަހު ކަމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ބުނެފި އެެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު "އަދަދު" އަށް ވިދާޅުވީ ޕްރޮގްރާމު ބުދަ ދުވަހު އޮންއެއާ ކުރުމަށްފަހު، ބުރާސްފަތި ދުވަހު އޮތް އެޗްއޯޑީ މީޓިންގައި ޕްރޮގްރާމުގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ފާހަގަކޮށް، މަޝްވަރާ ކުރި ކަމަށެވެ.

ނަމަވެސް ހުކުރު ދުވަހު އާންމުންގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ފާޅުކުރަން ފެށުމުން، އެފަދަ ސެންސެޓިވް ޕްރޮގްރާމުތައް މީގެ ފަހުން އޮންއެއާ ކުރާނީ ކޮންޓެންޓު ކޮމިޓީން ވަރަށް ރަނގަޅަށް ބެލުމަށްފަހު ކަމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

"އިހުސާސް ޕްރޮގްރާމު ގެނެސްދޭ ހަތަރު ވަނަ ސީޒަނަށްވުމުން ކޮންޓެންޓު ބަލަމުންދިޔައީ ޕްރޮޑިއުސާ. އަދި ވަކިވަކިން ހުރިހާ ޕްރޮގްރާމެއް ކޮންޓެންޓު ކޮމިޓީން ނުބަލާ. ނަމަވެސް އަލަށް އުފައްދާ ޕްރޮގްރާމެއް އޮންއެއާ ކުރާނީ ކޮންޓެންޓު ކޮމިޓީން ބެލުމަށްފަހު" ޒީނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އިހުސާސް ޕްރޮގްރާމާ ގުޅޭގޮތުން އާންމުންގެ ފާޑުކިޔުން އަމާޒުވީ، ނުކުޅެދުންތެރިކަން ހުރި ކުއްޖަކާ ގުޅޭގޮތުން ޕްރޮގްރާމުގެ ޕްރެޒެންޓަރު އާމިނަތު ނަމްޒާ ސުވާލުތައް ކުރި ގޮތުންނެވެ.

ދައުލަތުގެ މީޑިއާއިން މިފަދަ ޕްރޮގްރާމުތައް ގެނެސްދޭއިރު، ސަމާލުކަން ހޯދަން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭގޮތުން ދަށުދަރަޖައިގެ ސުވާލުތައް ނުކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލާއިފަ އެވެ.