Advertisement

ގާސިމްގެ މަރު: އަދުހަމް މަރަންކުރި ހުކުމް ހައި ކޯޓަށް ހުށަހަޅައިފި

16 މާރިޗު 2024 - 13:09 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ގާސިމް މަރާލުމުގެ ދައުވާ އުފުލާފައިވާ އަދުހަމް؛ އަދުހަމް މަރާލުމަށް ދަށު ކޯޓުން ކުރި ހުކުމް ހައި ކޯޓަށް ހުށަހަޅައިފި


ގާސިމްގެ މަރު: އަދުހަމް މަރަންކުރި ހުކުމް ހައި ކޯޓަށް ހުށަހަޅައިފި

16 މާރިޗު 2024 - 13:09 0

ހުޅުމާލޭގައި މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޓެކްސީ ޑްރައިވަރު ގާސިމް ހަސަން, 59, ގެ މަރާލި މައްސަލައިގައި، ދަށު ކޯޓުން މަރުގެ އަދަބު ކަނޑައަޅާފައިވާ އަދުހަމް މުހައްމަދަށް އިއްވި އެ ހުކުމުގެ މުރަޖާއަށް ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށް ކުށް ސާބިތުވެ އޭނާއަށް މަރުގެ އަދަބު ދިނުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އޭޕްރީލް 16، 2023 ގަ އެވެ. ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ ހުށަހެޅީ މި މާޗު މަހު 5، ގަ އެވެ.

އޭނާގެ މައްޗަށް އުފުލި ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

ހައި ކޯޓުގައި އެ މައްސަލަ އަދި ރަޖިސްޓްރީކޮށްފައި ނެތް ނަމަވެސް، ގާނޫނު ބުނާ ގޮތުން މަރުގެ އަދަބުގެ ހުކުމްތައް ތަންފީޒު ކުރެވޭނީ ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަ ކުރުމަށް ފަހު އެވެ. ދަށު ކޯޓުން ކުރާ އެފަދަ ހުކުމެއް، ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް މުރާޖައާ ކުރުމަށް ގާނޫނުން ލާޒިމުކޮށްފައިވެ އެވެ.

ތަހުގީގީ މަރުހަލާގައި އަދި ޝަރީއަތުގައި އަދުހަމް، ގާސިމަށް ހަމަލާދިން ގޮތް އެކި ފަހަރު އެކި ގޮތަށް ސިފަކޮށްދިން ނަމަވެސް އެ ހުރިހާ ފަހަރެއްގައި ވެސް ހަމަލާދިން ވަޅި އޮތީ އަދުހަމްގެ އަތުގައި ކަމަށާއި ގާސިމްގެ ކަރަށް ވަޅި ހެރީ އަދުހަމްގެ އަތުން ކަން އެނގޭ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެ އެވެ.

އަދުހަމް ފަހުން ބުނަމުން އައީ ގާސިމަށް ހަމަލާ ދިނީ ގަސްތުގައި ނޫން ކަމަށެވެ. އަދި އޭނާއަށް އެ ކަމެއް ކުރެވުނީ މަސްތުގެ ހާލަތުގައި ކަމަށެވެ. އެކަމަކު ދަށު ކޯޓުން ކުރި ހުކުމުގައި ނިންމާފައިވަނީ، އޭނާ އެ ދުވަހު އަމިއްލަ އިހުތިޔާރުގައި މަސްތުވެގެން ހުރީ، އަމިއްލައަށް ކުރެވޭ އަމަލުގެ ނަތީޖާ ވިސްނައި ނުގަނެވޭ ހާލަތުގައި ނޫން ކަމަށެވެ.

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލާފައި އޮއްވާ ފެނުނީ ޑިސެމްބަރު 4، 2019 ވަނަ ދުވަހެވެ. މި މައްސަލައިގައި އަދުހަމް ހައްޔަރު ކޮށްފައި ވަނީ އޭގެ 15 ދުވަސް ފަހުން ޑިސެމްބަރު 15، 2019 ގައެވެ. އަދި ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފުވުމާއެކު ދައުވާ އުފުލިގެން ދިޔަ އެވެ.

ގާސިމްއަކީ އދ. މާމިގިލީ މީހެކެެވެ. ޑްރައިވަރު ގާސިމް މަރާލިއިރު އުމުރުން 59 އަހަރެވެ. އޭރު އަނބިމީހާއާއި ފަސް ދަރިން ދުނިޔޭގައި ތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ.

އަދުހަމަކީ މަސްތުވާތަކެއްޗާއި ކުށުގެ ރެކޯޑު އޮތް މީހެކެވެ. ގާސިމް މަރާލި ދުވަހު ވެސް އޭނާ އުޅުނީ މަސްތުވާތަކެތި ގަންނަން ބޭނުންވާ ފައިސާ ހޯދަން ފޭރުމާއި ވައްކަމުގެ ކަމެއް ކުރުމަށެވެ. އެ ދުވަހު އޭނާ ވަޅިއެއް ހޯދީ ވެސް މީހަކަށް ބިރު ދައްކައިގެން ފައިސާ ފޭރުމުގެ ބޭނުމުގަ އެވެ.