Advertisement

ހުލާސާކޮށް އިއްޔެ: އެމްއެންޑީއެފް އެއާ ކޯ އިފްތިތާހު ކުރުމާއި ޑްރޯންތައް ދައްކާލުން

16 މާރިޗު 2024 - 07:24 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އެމްއެންޑީއެފްގެ ޑްރޯނެއް މާފަރު އެއާޕޯޓުގައި. -- ފޮޓޯ: އަހުމަދު އާއިދު/ އަދަދު


ހުލާސާކޮށް އިއްޔެ: އެމްއެންޑީއެފް އެއާ ކޯ އިފްތިތާހު ކުރުމާއި ޑްރޯންތައް ދައްކާލުން

16 މާރިޗު 2024 - 07:24 0

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޮމްބެޓް އެންޑް މެނޫވާ ފޯސްތަކުގެ ތެރޭގައި ވައިގެ ދިފާއުއަށް ޒިންމާވާ ބާރެއްގެ ގޮތުގައި އެމްއެންޑީއެފް އެއާ ކޯ އުފައްދަވައި، އަންމޭންޑް އޭރިޔަލް ވެހިކަލް (ޔޫއޭވީ) ނުވަތަ އަސްކަރީ ޑްރޯން ސިފައިންގެ ހިދުމަތަށް ތައާރަފުކޮށް އެ ތަކެތި ދައްކައިލި އެވެ.

އެމްއެންޑީއެފް އެއާ ކޯ އިފުތިތާހުކޮށްދެއްވީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުއިއްޒުއެވެ. އެ ރަސްމިއްޔާތުގައި، އެއާ ކޯގެ ދިދަ ދައްކައިލި އެވެ. އަދި އެއާ ކޯ ތައާރަފުކުރު ގުޅިގެން ރޭގެ ރަސްމިއްޔާތުގައި ރައީސްގެ ޝަރަފުގައި ދިވެހި ސިފައިން ރިޔާސީ ކުރުނީހެއް އެރުވި އެވެ.

ދިވެހި އަސްކަރިއްޔާގެ އެއާ ކޯގެ މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމުގެ ގޮތުން، އެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގުމާއި، ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ އެންމެހާ ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމަށްޓަކައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޭރިއަލް ސަރވެއިލަންސް އޮޕަރޭޝަންތައް ކޯސްޓްގާޑާއި ގުޅިގެން ހިންގުމާއި، ނޭޝަނަލް ސްޓްރެޓެޖިކް އިންސްޓޮލޭޝަންތަކާއި ކްރިޓިކަލް އިންފްރާސްޓްރަކްޗާތައް ވައިގެ މަގުން ރައްކާތެރިކޮށް ބެލެހެއްޓުމާއި އަދި ދިވެހިރާއްޖޭގެ ސަރަހައްދުތަކުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ގެއްލޭ މީހުންނާއި އުޅަނދުފަހަރު ހޯދުމުގެ ގޮތުން ހިންގަންޖެހޭ ސާޗް އޮޕަރޭޝަންތައް ހިންގުމުގައި އެހީތެރިވުމެވެ.

އަސްކަރީ ވައިގެ ހިދުމަތާއެކު، ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމުގެ ގޮތުން، އެ ސަރަޙައްދު ބެލެހެއްޓުމަށް ޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައި ހިންގާނީ އެމްއެންޑީއެފް އެއާ ކޯއިންނެވެ.

އެއާ ކޯއާއެކު ރޭ ތައާރަފުކުރި ޔޫއޭވީތަކަކީ ތުރުކީން ގެނެސްފައިވާ ތަކެއްޗެވެ. އެތަކެތި ރޭގެ ރަސްމިއްޔާތުގައި ދައްކާލައި ޓެސްޓު ދަތުރެއް ކުރި އެވެ. މި ތަކެތި އުދުއްސަނީ މާފަރުގައި ގާއިމުކޮށްފައިވާ ކޮންޓްރޯލް ޔުނިޓުން، ދިވެހި ސިފައިން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ޔޫއޭވީގެ ހިދުމަތަކީ ރައީސް މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގެން ތުރުކީވިލާތަށް ފުރަތަމަ ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ފެއްޓެވި މަސައްކަތްޕުޅުގެ ދަށުން، އެމްއެންޑީއެފްގެ އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ހޯއްދެވި ވަސީލަތެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މުހިއްމު ބައެއް ހަބަރު