Advertisement

ވައިގެ ބާރާއި ޓީބީ-2 އާއެކު ސިފައިން ތާރީހުގެ ތެރެއަށް

16 މާރިޗު 2024 - 12:56 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އާޓް ވޯކް: ރައްޔާން މުހައްމަދު/އަދަދު


ވައިގެ ބާރާއި ޓީބީ-2 އާއެކު ސިފައިން ތާރީހުގެ ތެރެއަށް

16 މާރިޗު 2024 - 12:56 0

އޭޕްރީލް 21، 1892 ގައި ރަސްގެފާނު އިބްރާހިމް ނޫރައްދީންގެ އަމުރަށް ސިފައިން އުފެދުނު ފަހުން ފާއިތުވި 132 އަހަރު ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް މި ލިބުނީ އިއްޔެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި، މާޗް 15، 2024 ގައި ކަމަށް ބުނެވިދާނެ އެވެ.

ރާއްޖޭގެ ވައިގެ ބާރެއް މި އުފެދުނީ އިއްޔެ އަލަށެވެ. މީގެ ކުރިން ސިފައިންގެ ތެރޭގައި އޮންނަނީ މައިގަނޑުގެ ގޮތެއްގައި އޮންނަނީ މެރިން ކޯޕްސް އާއި ކޯސްޓް ގާޑާއި ފަޔާ އެންޑް ރެސްކިއު ސާވިސް އެވެ. އަދި ސަޕޯޓް ސާވިސްގެ ގޮތުގައި އޮންނަނީ ސާވިސް ކޯޕްސް އާއި ޑިފެންސް އިންޓެލިޖެންސް ސާވިސް އާއި މެޑިކަލް ކޯޕްސް އާއި އެޑްޖޫޓަންޓް ޖެނެރަލްސް ކޯޕްސް އެވެ.

ނަމަވެސް މިހާރު އެމްއެންޑީއެފްގެ ދަށަށް އެއާ ކޯ އިތުރުވެގެންދިޔައީ އެވެ. އެއާ ކޯގެ ދަށުގައި މިވަގުތު އޮތީ ތިން ޑްރޯން އެވެ.

"މި ބިޔަ ބޮޑު ސަރަހައްދު ބެލެހެއްޓުމަށްޓަކައި ދިވެހި އަސްކަރިއްޔާއަށް މި ލިބިގެންދިޔަ ގާބިލިއްޔަތުކަމަކީ އިރާދަކުރެއްވިޔާ މިއަދުގެ ޓެކްނޮލަޖީގައި އެންމެ މަތީ ފަންތީގައި ހިމެނޭ ޓެކްނޮލޮޖީ. އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި އަޅުގަނޑުމެންގެ އިގްތިސާދީ މަސައްކަތްތަކާއި އިންސާނީ ސަލާމާތްތެރިކަމަށްޓަކައި މިއަދު މި ފެށިގެންދަނީ ވަރަށް ބޮޑު، ވަރަށް ބިޔަ ގައުމީ މަސައްކަތެއް،" ޑްރޯންތައް އިފުތިތާހުކޮށްދެއްވުމަށްފަހު ރައީސް ވިދާޅުވި އެވެ.

ޓީބީ-2 ޑްރޯންއެއް ރޭ ނ. މާފަރުގައި ދައްކާލަނީ:


ރަސްމީކޮށް އެއީ ކޮން ބާވަތެއްގެ ޑްރޯންތަކެއް ސަރުކާރުން ނުބުނި ނަމަވެސް އެއީ ތުރުކީގެ ބޭރަކްތާރު ޓީބީ-2 ޑްރޯންކަން އެނގެ އެވެ.

ޓީބީ-2 ގެ ބައެއް ސިފަތައް

  • 18،000 ފޫޓު މަތިން އޮޕަރޭޓް ކުރެވޭނެ
  • 25،000 ފޫޓު ހަމައަށް މައްޗަށް ދެވޭނެ
  • 27 ގަޑިއިރު މެދުނުކެނޑި ދުއްވޭނެ
  • އޮޓަމެޓިކް ފްލައިޓް ކޮންޓްރޯލް އަދި އޮޓޯޕައިލެޓް ސިސްޓަމެއް
  • ފުލީ އޮޓަމެޓިކް ލޭންޑިން އަދި ޓޭކްއޯފް ސިސްޓަމް
  • ޖީޕީއެސްއަށް ބަރޯސާނުވެ، އިންޓާނަލް ސެންސާ ފިއުޝާން ބޭނުންކޮށްގެން ދުއްވޭނެ
  • ކޮމިއުނިކޭޝަން ރޭންޖް: 300 ކިލޯ މީޓަރު
  • އެންމެ ބަރު ކުރެވޭ މިންވަރު: 150 ކިލޯ
  • ސްޕީޑް: 70 ނޮޓާއި 120 ނޮޓާ ދެމެދު
  • ފިއުލް ކެޕޭސިޓީ: 300 ލީޓަރު (ގެސޮލިން)
  • ފިޔަގަނޑުގެ ދިގުމުން: 12 މީޓަރު

ޓީބީ-2 އަކީ ހަނގުރާމަ މަތީ ބޯޓުފަހަރަށް ދިވެހިން އެންމެ ފުރަތަމަ ކީ މަރުހަބާ އެވެ. އެ ޑްރޯންގައި ހަތިޔާރު ހަރުކޮށްގެން ވެސް ދުއްވޭނެ އެވެ. ރޭ ޑްރޯންތައް ދައްކާލިއިރު ވެސް އޭގެ ތެރެއިން އެއް ޑްރޯންގައި ހަތިޔާރެއް ހަރުކޮށްފައި ހުރި ކަމަށް ބެލެވެ އެވެ.

ޑްރޯން ނުވަތަ ހަނގުރާމައިގެ ބޯޓެއް ދިވެހިންނަށް އިއްޔެ ތައާރަފުވި ނަމަވެސް މަތިންދާބޯޓު އުފެދުނީއްސުރެ ދުނިޔޭގެ ލަޝްކަރުތަކުން ހަނގުރާމައިގެ ނުވަތަ ދިފާއުގެ ބޭނުމަށް މަތިންދާބޯޓު ބޭނުން ކުރަން ވަނީ ފަށައިފަ އެވެ. ތިރީގައި މި ބަލައިލަނީ، ހަނގުރާމަމަތީ މަތިންދާބޯޓާއި ޑްރޯންތަކުގެ ތާރީހަށެވެ.

ވައިގެ ހަނގުރާމަތައް

ދުނިޔޭގެ ފުރަތަމަ މަތިންދާބޯޓު 1903 ގައި ރައިޓް ބްރަދާސްގެ އުފެއްދުމާއެކު ދުނިޔެއަށް ގެނައީ އިންގިލާބީ ބޮޑު ބަދަލެކެވެ. މަތިންދާބޯޓާއެކު ދުނިޔެ ކުޑަވެ، ދަތުރުފަތުރު ކުރުން ފަސޭހަވެގެންދިޔައިރު، ހަނގުރާމަތައް ވެސް ބޮޑުތަކުން ބަދަލުވި އެވެ.

މަތިންދާބޯޓު އުފެއްދުމުގެ ކުރިން ހަނގުރާމަ ކުރަމުންދިޔައީ ކަނޑާއި އެއްގަމު މަގުން އެހެން ގައުމުތަކަށް ގޮސްގެނެވެ. ނަމަވެސް މަތިންދާބޯޓު ތައާރަފުވުމާއެކު މައިދާން ބަދަލުވެ، ހަނގުރާމައެއްގައި އެންމެ މުހިންމު ލަޝްކަރަށް ވައިގެ ބާރުވި އެވެ.

ހަނގުރާމައެއްގައި އެންމެ ފުރަތަމަ މަތިންދާބޯޓު ބޭނުން ކުރީ އިޓަލީ އާއި ތުރުކީއާ ކުރި ހަނގުރާމައެއްގައި 1911 ވަނަ އަހަރެވެ. އެ ހަނގުރާމަ ކުރީ މަތިންދާބޯޓު އުފެއްދިތާ އެންމެ އަށް އަހަރު ފަހުންނެވެ. އެކަމަކު، ފުޅާ ދާއިރާއެއްގައި މަތިންދާބޯޓު ހަނގުރާމަތަކުގައި ބޭނުން ކުރަން ފެށީ 1914 ވަނަ އަހަރު ފެށި ފުރަތަމަ ބޮޑު ހަނގުރާމައިގަ އެވެ.

ފުރަތަމަ ބޮޑު ހަނގުރާމަ (1914-1918)

ފުރަތަމަ ބޮޑު ހަނގުރާމައިގެ ކުރީކޮޅު މަތިންދާބޯޓު ބޭނުން ކުރީ ސަވައިލެންސްގެ ބޭނުމަށެވެ. ބޯޓުގައި ގޮސް އަނެއް ލަޝްކަރު އޮތް ހިސާބާއި ކުރާ ކަންތަކާއި އެ ލަޝްކަރެއްގެ އާރާއި ބާރު ވަޒަންކޮށްލުމަށެވެ.

ނަމަވެސް އިސާހިތަކު، ދުޝްމަނުންނަށް ހަމަލާ ދިނުމަށް ސީދާ މަތިންދާބޯޓު ބޭނުން ކުރަން ފެށި އެވެ. މަތިންދާބޯޓު ބޭނުންކޮށްގެން ފާރުލުމުން ލިބޭ އެޑްވާންޓޭޖް ކޮންމެހެން ވެސް ހުއްޓުވަންޖެހޭނެކަން ގައުމުތަކަށް އެނގުނެވެ.

އެހެންކަމުން މަތިންދާބޯޓުގައި މެޝިން ބަޑި ހަރުކޮށްގެން ފާރަލާން އަންނަ ބޯޓުތައް ވައްޓާލަން ފެށި އެވެ. އެއިރު ހުންނަ މެޝިން ބަޑިއެއްގެ ރޭންޖަކީ ގާތްގަނޑަކަށް 200 މީޓަރެވެ. އެހެންކަމުން އެއް ބޯޓު އަނެއް ބޯޓާ ހަމަލާދިނުމަށް ވަރަށް ކައިރިއަށް އަންނަންޖެހެ އެވެ.

ހަނގުރާމައިގެ ދެ ވަނަ އަހަރު މަތިންދާބޯޓު ބޭނުންކޮށްގެން ހަމަލާދިނުމުގެ އާ ޓެކްޓިކްސް ނުވަތަ އުކުޅުތައް ތައާރަފުވަމުންދިޔަ އެވެ. އެންމެ މަގުބޫލުވީ ބޯޓު ބޭނުންކޮށްގެން ކުއްލިއަކަށް ދޭ ހަމަލާތަކެވެ. އެއިރު ބޯޓުތައް ޓްރެކްކޮށް، ހަމަލާއެއް ދޭން އަންނަކަން ކުރިން ބެލޭނެ ގޮތެއް ނޯވެ އެވެ. ބޯޓެއް އަންނަކަން އެނގެނީ އެ ލޮލަށް ފެނުނީމަ އެވެ. އެހެންކަމުން، އިރުމަތީފަރާތުން އައިސް ދޭ ކުއްލި ހަމަލާތައް މަގުބޫލުވި އެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގައި އެންމެ ގިނައިން މީހުން މަރުވި އެއް ގޮތަކީ ވެސް ކުއްލިއަކަށް އައިސް މަތިންދާބޯޓުން ދިން ހަމަލާތަކެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގައި ފްރާންސްގެ މަތިންދާބޯޓެއް ހަރަކާތްތެރިވަނީ:


މަތިންދާބޯޓުގެ ބޭނުން ދެން އެންމެ ބޮޑަށް ހިފީ ތިރިން އުދުހި ބަޑި އާއި ބޮމުން ހަމަލާދިނުމަށެވެ. އެފަދަ ހަމަލާތަކުގެ ސަބަބުން ބިމުގެ ލަޝްކަރަށް ކުރިއަށް ދިޔުމަށް އެހީއަކަށްވެ އެވެ. އަދި ބަލިވަމުންދާ ލަޝްކަރުން އެފަދަ ހަމަލާއެއްދިނުމުން ފަހަތަށް ޖެހެން ފަސޭހަވެ އެވެ.

މަތިންދާބޯޓުތަކުން އައިސް އެގޮތަށް ދޭ ހަމަލާތަކުގެ ތުރާ ބޮޑުވެގެން، ފުރަތަމަ ބޮޑު ހަނގުރާމައިގެ ފަހުކޮޅު، ލަޝްކަރުތައް އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރަންޖެހުނީ ރޭގަނޑުގެ ކަޅު އަނދިރީގައި ނުވަތަ މޫސުން ގޯސް އިރެއްގައި، މަތިންދާބޯޓެއް ނުދުއްވޭ ހާލަތުގަ އެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގެ ފަހުކޮޅު ދެން ފެށުނު ކަމަކީ މަތިންދާބޯޓުގެ ފޯކަސް ހަނގުރާމައިގެ ކުރީސަފުން ދުރުކޮށް، ފެކްޓަރީތައް، މަގުތައް، ރޭލު ޓްރެކުތައް އަދި ސަޕްލައި ލައިނުތަކަށް ހަމަލާދިނުމެވެ. ބޭނުމަކީ ދުޝްމަނުން ގާބިލިއްޔަތުކަން ކުޑަކޮށް، ނިކަމެތިކޮށްލުމެވެ. އެ ބޭނުމަށް ބޯޓުތަކުގެ ބޭނުން ފުރަތަމަ ބޮޑު ހަނގުރާމައިގައި އެންމެ ރަނގަޅަށް ނުހިފުނު ނަމަވެސް އެކަން ފެށީ އެ ހަނގުރާމައިގަ އެވެ.

ދެ ވަނަ ބޮޑު ހަނގުރާމަ (1939-1945)

ދެ ވަނަ ބޮޑު ހަނގުރާމަ 1939 ގައި ފެށި އިރު މަތިންދާބޯޓުތައް ހުރީ ވަރަށް ބޮޑަށް ތަރައްގީވެފަ އެވެ. އެއިރުގެ ހަނގުރާމަ މަތީ ބޯޓުތަކަށް އޮތީ 30،000 ފޫޓު މަތިން އަދި ގަޑިއަކު 400 މޭލު ބާރުމިނުގައި ދުއްވުމުގެ ގާބިލުކަން ލިބިފަ އެވެ. ކުރިއާ ހިލާފަށް 600 މީޓަރު ދުރުން އަމާޒަށް މަޑިޖަހާލެވެ އެވެ. އަދި އެންމެ ބޮޑު އެއް ކުރިއެރުމަކަށްވީ ރޭޑިއޯ މެދުވެރިކޮށް އެހެން ބޯޓުތަކާއި މައި ލަޝްކަރާ މުއާމަލާތް ކުރެވުމެވެ.

ހަނގުރާމަ މަތީ ބޯޓުތަކަށް ލިބުނު ކުރިއެރުމާއެކު، ހާއްސަކޮށް ދުއްވޭ ބާރުމިނަށް ލިބުނު ކުރިއެރުމާއެކު މުޅިން އާ އުކުޅުތައް ތައާރަފުވަމުންދިޔަ އެވެ. އެގޮތުން އެންމެ މަޝްހޫރުވީ ދެ ބޯޓު އެކުއެކީ ގާތްގާތުގައި، ގާތްގަނޑަކަށް 200 މީޓަރު ދުރުމުގައި އުދުހިފައި އައިސް ހަމަލާ ދިނުމެވެ. ޖަރުމަނުން ތައާރަފު ކުރި އެ ފޯމޭޝަން ބޮޑެތި ހުރިހާ ލަޝްކަރަކުން ވެސް ފަހުން ބޭނުން ކުރި އެވެ.

އެމެރިކާގެ ބޯޓުތަކެއް ޖަޕާނުގެ ސިފައިންނާ ދެކޮޅަށް ވައިގެ ހަމަލާތަކެއް ދެނީ:


ހަމަލާދޭން އަންނަ ބޯޓުތައް ހުއްޓުވަން ނުކުންނަ ބޯޓުތަކަށް މަގު ދައްކައިދެނީ އެއްގަމުގައި ހުންނަ ރާޑަރު ސްޓޭޝަނުންނެވެ. ރާޑަރުތަކަށް އަރާ ހިސާބަށްވުރެ ދުރުން އަންނަ ބޯޓުތައް ބަލަންޖެހެނީ ހަމަލޮލުންނެވެ. އެގޮތަށް ހަމަލޮލުން ބަލައި ދިފާއުގައި ހަމަލާދިނުން ދުވާލު ފަސޭހަ ނަމަވެސް ރޭގަނޑު އެކަންވަނީ އުނދަގޫ މަސައްކަތަކަށެވެ. އެކަން ބަދަލުވީ ސީދާ މަތިންދާބޯޓުގައި ރާޑަރު ހަރުކުރަން ފެށި ހިސާބުންނެވެ.

އެއްގަމު މަގުން ހަނގުރާމަ ކުރާ ލަޝްކަރަށް އެހީތެރިވެދިނުމުގައި ދެ ވަނަ ބޮޑު ހަނގުރާމައިގައި ބޯޓުތަކުން ބޮޑު ރޯލެއް އަދާ ކުރި އެވެ. ބޯޓުތަކުން ކުރަ ކަމަކީ މަތީގައި ބުރު އަޅާލުމަށްފަހު ގާތްގަނޑަކަށް 2000 ފޫޓަށް ތިރިވެލާފައި ބޮން އަޅާލުމެވެ. ދެން އަނެއްކާ ވެސް މައްޗަށް ޖެހިލައި، ބުރު އަޅާލާފައި ބޮން އަޅަން ތިރި ވަނީ އެވެ.

ފުރަތަމަ ބޮޑު ހަނގުރާމައާ ހިލާފަށް، ދެ ވަނަ ބޮޑު ހަނގުރާމައިގައި ފެކްޓަރީތަކާއި މަގުތައް އަދި އެފަދަ މުހިންމު ތަންތަނަށް ބޮން އެޅުން އޮތީ އާންމުވެފަ އެވެ. އެތައް ހާސް ބޯޓުތަކުން އެއް ފަހަރާ އައިސް ރަށެއް ނުވަތަ ސިޓީއެއް ހަލާކުކޮށްލާފައިދެ އެވެ.

އެންޓި-އެއާކްރާފްޓް ބަޑިތައް އަދި އެއާ ޑިފެންސް ސިސްޓެމް

ދެ ވަނަ ބޮޑު ހަނގުރާމައިގެ ފަހުކޮޅު ޖަރުމުން ޖެޓް ފައިޓާސް ތައާރަފު ކުރި އެވެ. ޖެޓަކަށް ގަޑިއަކު ގާތްގަނޑަކަށް 660 މޭލު ބާރުމިނުމުގައި އަދި 36،000 ފޫޓު މަތިން އުދުހެވެ އެވެ. އަދި ދާދި އަވަހަށް އާލީ ވޯނިން ސިސްޓަމްތައް ވަރުގަދަވެ، ހަމަލޮލަށް ޑިޕެންޑުވުން އެއްކޮށްހެން ނެތުނެވެ.

ހަނގުރާމަ މަތީ މަތިންދާބޯޓުތައް ތަރައްގީވަމުން ދިޔަ ގޮތަށް އެއާ ދެކޮޅަށް ބޭނުންކުރާ އެންޓި-އެއާކްރާފްޓް ބަޑިތައް ވެސް ދިޔައީ ވަރުގަދަވަމުންނެވެ. އެގޮތުން ރާޑަރު ބޭނުންކޮށްގެން އޮޓަމެޓިކުން ބޯޓުތަކަށް ހަމަލާދެވޭނެ ނިޒާމު 1960 ގެ އަހަރުތަކުގެ ތެރޭގައި ތައާރަފުވި އެވެ.

އެއާއެކު، އެންޓި-އެއާކްރާފްޓް ބަޑިތަކުން ސަލާމަތްވާން މަތިންދާބޯޓުތައް އުދުހެންޖެހޭ ބާރުމިން އަދި އުދުހެންޖެހޭ ގޮތް ބަދަލުވި އެވެ. ބޯޓުތަކުން ދެން އަމާޒު ހިފީ އެންޓި-އެއާކްރާފްޓް ބަޑިތައް ސުންނާފަތިކޮށްލުމަށެވެ. އެކަން ކުރުމަށް ބަޑިއަށް ހަރަކާތް ކުރެވޭ ވަރަށްވުރެ އަވަހަށް އުދުހި، މާ ވަރުގަދައަށް ހަމަލާދޭންޖެހުނެވެ. އަދި ފަހުން އެންޓި-އެއާކްރާފްޓް ބަޑިތައް އޮޓަމެޓިކުން ހަމަލާ ދިނުމަށް އިރުޝާދު ދޭ ނިޒާމު، ތަފާތު ޓެކްނޮލަޖީ ބޭނުންކޮށްގެން ހަރާބުކޮށްލެވޭނެ ގޮތް ހޯދި އެވެ.

އިރާނުން ބޭނުން ކުރާ މި ޒަމާނުގެ އެއާ ޑިފެންސް ސިސްޓަމެއް:


ވިއެޓްނާމު ހަނގުރާމައިގައި (1954-1975) ވިއެޓްނާމުން ވަރަށް ރަނގަޅު އެއާ ޑިފެންސް ސިސްޓަމެއް ބޭނުން ކުރި އެވެ. ވިއެޓްނާމުން ބޭނުން ކުރީ ސޯވިއެޓުން ހެދި އެންޓި-އެއާކްރާފްޓް ސިސްޓަމެކެވެ. އެއާއެކު ދެން ބޭނުން ކުރީ ސާފޭސް ޓު އެއާ މިސައިލުތަކެވެ. އެމެރިކާއިން އެއާ ކުރިމަތިލާންޖެހުނީ ތަފާތު އެކި ބާވަތްތަކުގެ، އެކި ޓެކްނޮލޮޖީގެ މަތިންދާބޯޓު ބޭނުންކުރާށެވެ.

އަރަބި، އިޒްރޭލު ހަނގުރާމަ 1973 ގައި ފެށި އިރު ސީރިއާއިން ގެންގުޅުނު އެއާ ޑިފެންސް ސިސްޓަމުން އިޒްރޭލުގެ 40 ބޯޓު ފުރަތަމަ ދެ ދުވަހު ވައްޓާލި އެވެ. ދެން އިޒްރޭލުން ކުރި ކަމަކީ، އޮޓަމެޓިކުން ބޯޓުތަކަށް ހަމަލާދޭން އިރުޝާދު ދޭ ނިޒާމު ތަފާތު ޓެކްނޮލޮޖީ ބޭނުންކޮށްގެން "ފަނި" ކޮށްލުމެވެ. ދެން އިޒްރޭލުން ކުރި ކަމަކީ ރިމޯޓުން ދުއްވާ ކުދި އުޅަނދުތައް ދުއްވުމަށްފަހު އެއަށް ހަމަލާދިނުމުން، އެއާ ޑިފެންސް ސިސްޓަމް ބޭނުންކުރާ ސަރަހައްދު ދަނެގަނެ އެތަނަށް ބޮން އެޅުމެވެ. އެގޮތަށް މައިގަނޑުކޮށް އިޒްރޭލުން ބޭނުން ކުރީ ކްލަސްޓާ ބޮމެވެ.

އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލްސް (ޔޫސީއޭވީ، ޑްރޯން)

މަތިންދާބޯޓު ތައާރަފުވެ ދުއްވަން ފެށުމާއެކު ރިމޯޓުކޮށް އެ އުޅަނދުތައް ކޮންޓްރޯލް ކުރުމަށް ވެސް ވިސްނަން ފެށި އެވެ. އެގޮތުން އެންމެ ފުރަތަމަ އެކަން ކުރަން ބޭނުންވި މީހުންގެ ތެރޭގައި އެމެރިކާގެ އެލްމާ ސްޕެރީ ހިމެނެ އެވެ.

އެމެރިކާގެ ނޭވީއާ ދެމެދު ކުރި މަޝްވަރާތަކަކަށްފަހު 1913 ވަނަ އަހަރު ރޭޑިއޯއިން ކޮންޓްރޯލް ކުރާ މަތިންދާބޯޓެއް އުފެއްދުމުގެ މަސައްކަތް އެމެރިކާ ސަރުކާރުން ސްޕެރީއާ ހަވާލު ކުރި އެވެ. އޭނާގެ މަސައްކަތަކުން ތަފާތު އުޅަނދުތަކެއް ވުޖޫދަށް ގެނެސް އެކްސްޕެރިމެންޓު ކުރި އެވެ. ސްޕެރީ ތައާރަފު ކުރި އުޅަނދަށް ދިން ނަމަކީ "ފްލައިން ބޮމް" އެވެ. ނަމަވެސް އެ މަސައްކަތް ފަހުން ހުއްޓާލީ އެވެ.

ދެ ވަނަ ބޮޑު ހަނގުރާމައިގެ ފަހުކޮޅު 1944 ގައި އެމެރިކާއިން ޕްރިސިޝަން ގައިޑެޑް ހަތިޔާރު ބޭނުން ކުރި އެވެ. އެއީ ރޭޑިއޯ ބޭނުންކޮށްގެން އަމާޒަށް ގައިޑު ކުރެވޭ ބާވަތުގެ ހަތިޔާރެވެ. ހަމަ އެ ދުވަސްވަރު ޖަރުމަނުން ވެސް ވީ-1 ފްލައިން ބޮން ނަމަކަށް ކިޔާ ކްރޫޒް މިސައިލެއް ބޭނުން ކުރި އެވެ.

ޖަރުމަނުން ބޭނުން ކުރި ފްލައިން ބޮން:


އޭގެ ފަހުން ފިނި ހަނގުރާމައިގެ ތެރޭގައި އެމެރިކާއިން ޑްރޯން ހެލިކޮޕްޓަރުތައް ހަނގުރާމަ މަތީ މަނަވަރުތަކުގައި ބެހެއްޓި އެވެ. އެ ހެލިކޮޕްޓަރަށް އާންމުކޮށް ނަމަކީ ޑްރޯން އެންޓި ސަބްމެރީން ހެލިކޮޕްޓަރެވެ. އެކަމަކު މަނަވަރުތައް ބޮޑުވެ، ބޮޑެތި ހެލިކޮޕްޓަރު ގޮވައިގެން ދަތުރު ކުރުމުގެ ގާބިލުކަން ލިބުމުން ޑްރޯން ހެލިކޮޕްޓަރުތަކުގެ ބޭނުން ކެނޑުނެވެ. ފަހުން 1969 ގައި އ ޑްރޯން ހެލިކޮޕްޓަރު އުފެއްދުން ވެސް ހުއްޓާލި އެވެ.

އޭގެ އަހަރެއްހާ ދުވަސް ދުވަސް ފަހުން ގާތްގަނޑަކަށް 1970 ގައި ޑްރޯން އުފެއްދުމުގެ ސީރިއަސް މަސައްކަތްތަކެއް އެމެރިކާއިން ފެށި އެވެ. އޭގެ މައިގަނޑު ބޭނުމަކަށްވީ އިދިކޮޅު ލަޝްކަރުގެ އެންޓި-އެއާކްރާފްޓް ބަޑިތަކާއި އެއާ ޑިފެންސް ސިސްޓަމްތަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދިނުމެވެ.

ރަނގަޅު ޑްރޯނެއް އުފެއްދުމުގެ މަސައްކަތުގައި އެމެރިކާއިން ފުރަތަމަ އެކްސްޕެރިމެންޓު ކުރީ "ރަޔަން ފަޔާބީ" އެވެ. ފަޔާބީއަކީ 1951 ވަނަ އަހަރު އުފައްދަން ފެށި ކުދި ޓާގެޓް ޑްރޯންތަކެކެވެ. މައިގަނޑު ގޮތެއްގައި އެފަދަ ޑްރޯންތައް ބޭނުން ކުރަމުން އައީ އެންޓި-އެއާކްރާފްޓް ލަޝްކަރު ތަމްރީނު ކުރުމަށެވެ.

ޑްރޯން އުފެއްދުމުގެ މަސައްކަތުގައި ފަޔާބީތަކެއް ބޭނުންކޮށްގެން، ބޯޓެއްގައި ހަތިޔާރާއި ކެމެރާއި އާއި ޑޭޓާ ލިންކެއް ވެސް ހަރުކޮށްގެން ޓެސްޓުތަކެއް ކުރި އެވެ. ޓެސްޓުތަކުގައި މަސައްކަތް ކުރީ ސިމިއުލޭޓެޑް އެންޓި-އެއާކްރާފްޓް ބަޑި އާއި އެއާ ޑިފެންސް ސިސްޓަމްތަކެއް ގޮއްވާލުމަށެވެ. އޭގެ ނަތީޖާ ރަނގަޅުވުމުން ޑްރޯންތައް އިތުރަށް ޑިވެލޮޕްކުރަން ހުއްދަ ދިނެވެ.

ފަޔާބީ ޑްރޯން އުޅަނދެއް:


އެމެރިކާއިން ޑްރޯންތައް އުފެއްދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އިރާގު، އިރާނު ހަނގުރާމައިގައި 1980 ގެ ފަހުކޮޅު، އާރްޕީޖީ-7 ގެ ހަ ބަޑި ހަރުކޮށްގެން އިރާނުން ޑްރޯނެއް ފޮނުވި އެވެ. އެއާ ބެހޭ މާ ބޮޑު މައުލޫމާތެއް ލިބިފައެއް ނެތެވެ.

އޭގެ ފަހުން، 1990 ގެ އަހަރުތަކުގައި ލަޝްކަރުތަކުން ރަނގަޅު ޑްރޯން ހަދައިގެން ދުއްވަން ފެށި އެވެ. އިރާގާ ދެކޮޅަށް އެމެރިކާއިން ހެދި 42 ގައުމުގެ ކޯލިޝަނާއެކު ފެށި ގަލްފު ހަނގުރާމައިގައި ހަތިޔާރު ނެތް ޑްރޯންތައް ވަރަށް ގިނައިން ބޭނުން ކުރި ކަމަށްވެ އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ގަލްފު ހަނގުރާމައިގައި މަދުވެގެން އެއް ޔޫއޭވީ (އަންމޭންޑް އޭރިއަލް ވެހިކަލް) އަބަދުވެސް އުދުހެމުންދިޔަ ކަމަށެވެ.

ޑްރޯން ބޭނުންކޮށްގެން އެމެރިކާއިން އެންމެ ފުރަތަމަ މީހަކު މަރާލީ އޮކްޓޯބަރު 7، 2001، ގައި އަފްގާނިސްތާނުގެ ކަންދަހާރުގައި ކަމަށްވެ އެވެ. ޖޫން، 2015، ގެ ނިޔަލަށް އެމެރިކާއިން ގާތްގަނޑަކަށް 6000 މީހުން ޑްރޯން ހަމަލާތަކުގައި މަރާލި ކަމަށްވެ އެވެ.

ސީރިޔާގެ މަދަނީ ހަނގުރާމައިގެ ތެރެއިން ސީރިޔާ އަދި ތުރުކީގައި ކުރުދިސްތާން ވޯކާސް ޕާޓީގެ މެންބަރުންނާ ދެކޮޅަށް ތުރުކީ ސަރުކާރުން ޑްރޯން ހަމަލާތަކެއް ދިނެވެ. އޭގެ ފަހުން 2020 ވަނަ އަހަރު ވެސް ސީރިޔާގައި، ތުރުކީއިން ޑްރޯން ހަމަލާތަކެއް ދިނެވެ. އެއީ ޑްރޯން ބޭނުންކޮށްގެން ދިން އެންމެ ބޮޑު، ކޯޑިނޭޓެޑް ހަމަލާ ކަމަށްވެ އެވެ. ހަމަ އެ އަހަރު އާރްމީނިއާގައި ކުރިއަށްދިޔަ ހަނގުރާމައިގައި ވެސް ވަރަށް ބޮޑަށް ޑްރޯން ބޭނުން ކުރި އެވެ.

ރަޝިޔާއިން އެ ގައުމަށް 2022 ވަނަ އަހަރު އެރުމުން ދިފާއުގައި ޔޫކްރެއިނުން ޑްރޯން ބޭނުން ކުރި އެވެ. އެންމެ ބޮޑަށް ބޭނުން ކުރި ކަމަށްވަނީ ތުރުކީގެ ޓީބީ-2 ޑްރޯން އެވެ. ސެޕްޓެމްބަރު، 2022، ގައި ރަޝިޔާއިން ވެސް ޔުކްރެއިނާ ދެކޮޅަށް ޑްރޯން ބޭނުން ކުރި އެވެ. ރަޝިޔާއިން ބޭނުން ކުރީ އިރާނުން އުފައްދާ ޝާހެދް-136 ޑްރޯން އެވެ.