Advertisement

މަސްވެރިންނާއި ކަނޑުދަތުރުކުރާ މީހުންނަށް "ރަސްއައިން" އެޕް ތައާރަފުކޮށްފި

15 މާރިޗު 2024 - 22:40 0

ރަސްއައިން އެޕް: މި އެޕްގައި ކަނޑުދަތުރުކުރާ މީހުންނަށް މުހިންމު އެތައް މައުލޫމާތެއް ހިމެނޭ --


މަސްވެރިންނާއި ކަނޑުދަތުރުކުރާ މީހުންނަށް "ރަސްއައިން" އެޕް ތައާރަފުކޮށްފި

15 މާރިޗު 2024 - 22:40 0

މަސްވެރިންނާއި ކަނޑުދަތުރުފަތުރު ކުރާ މީހުންނަށް ހާއްސަ އެޕެއް މިރޭ ތައާރަފުކޮށްފި އެވެ.

ސިފައިންގެ އެއާ ކޯ އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އިފްތިތާހުކުރި މި އެޕަށް ކިޔަނީ "ރަސްއައިން" އެވެ.

މި އެޕާ ގުޅޭގޮތުން އެ ރަސްމިއްޔާތުގައި ދެއްކި ވީޑިއޯ މެސެޖެއްގައި ބުނި ގޮތުގައި މިއީ ދިވެހި ކަނޑުފަޅުތަކުން ނަފާހޯދާ މަސްވެރިންނާއި ކަނޑުދަތުރުކުރާ މީހުންނާއި ސިނާއީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުންނަށް އެހީތެރިވެދޭނެ އެޕެއް ކަމަށެވެ.

މި އެޕުގައި ރާއްޖޭގެ މެޕާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓާ (މެޓް) އިން ފޮނުވާ މޫސުމީ އިންޒާރުތަކާއި ކަނދުފަތިތައް ހުންނަ ތަންތަނާއި ދިޔަވަރާއި އޮއިވަރާއި ގުޅޭ މައުލޫމާތު ވެސް ހިމެނިފައިވެ އެވެ.

މީގެ ސަބަބުން، ޑައިވް ސައިޓްތަކަށް ޒިޔާރަތްކުރާ މީހުންނާއި މުދާ އުފުލާ މީހުންނަށް ފަސޭހަކޮށްދިނުމުގެ އިތުރުން މަސްވެރިންނަށް މަސް އައިނު ހޯދަން މިހާރަށް ވުރެ ފަސޭހަވެ، އެޕުގައި ފެންނަން ހުރި މައުލޫމާތުގެ ޒަރިއްޔާއިން މިކަަމަށް ކުރަން ޖެހޭ ހަރަދު ކުޑަކުރެވިގެން ދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އޭގެ އިތުރުން މި އެޕް ވެގެން ދާނީ ދިވެހި ސަރަހައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ކޯސްޓްގާޑާއި މަސްވެރިންނާ ފަސޭހައިން ގުޅާލަދީ، ފަސޭހައިން މައުލޫމާތު ބަދަލުކުރެވޭނެ އެޕެއް ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

ރަސްއައިން އެޕްގައި ހިމެނޭ އަނެއް ފީޗާއަކީ ބްރޯޑްކާސްޓް ޓެބެވެ. މި ޓެބުން ކުއްލި ހާލަތުގައި ފޮނުވާ ޑިސްޓްރެސް ސިގްނަލްތަކާއި ސަލާމަތީ ބާރުތަކުން ހިއްސާކުރާ އެހެނިހެން އާންމު މައުލޫމާތު ފެންނަން ހުންނާނެ އެވެ.