Advertisement

ޗެމްޕިއަންސް ލީގު: ކުއާޓާ ފައިނަލުގައި މި ފަހަރު ސިޓީ އާއި ރެއާލްގެ ކުރިމަތިލުމެއް

15 މާރިޗު 2024 - 21:10 0


ޗެމްޕިއަންސް ލީގު: ކުއާޓާ ފައިނަލުގައި މި ފަހަރު ސިޓީ އާއި ރެއާލްގެ ކުރިމަތިލުމެއް

15 މާރިޗު 2024 - 21:10 0

ޒިއުރިކް، ސްވިޒަލެންޑް (މާޗް 15) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ސްޕެއިންގެ ރެއާލް މެޑްރިޑް ބައްދަލުކުރަން ޖެހިއްޖެ އެވެ.

މިދިޔަ ދެ އަހަރު ވެސް ނޮކްއައުޓް ރައުންޑުގައި މި ދެ ޓީމު ކުރިމަތިލާން ޖެހުނެވެ. އެ ދެ ފަހަރުވެސް ކުރިމަތިލާން ޖެހުނީ ސެމީ ފައިނަލުގަ އެވެ. މިދިޔަ އަހަރު ސެމީ ސިޓީން ކާމިޔާބުކުރީ 5-1 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

މިއަދު ކުރިއަށްދިޔަ ކުއާޓާ ފައިނަލުގެ ގުރުއަތުލުމުގައި ސިޓީ އާއި ރެއާލް މެޑްރިޑް ކުއާޓާގައި ބައްދަލުކުރަން ޖެހުނުއިރު, ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހު ސިޓީން ރެއާލްއާ ދެކޮޅަށް ނުކުންނާނީ ރަށުން ބޭރުގަ އެވެ. އަދި އޭޕްރީލް 16 ގައި ސިޓީން އަމިއްލަ ދަނޑުގައި ދެ ވަނަ ލެގުގެ މެޗު ކުޅޭނެ އެވެ.

އިތުރު މެޗުތަކަށް ބަލާއިރު, ފްރާންސްގެ ޕީއެސްޖީ އިން ކުއާޓާގައި ނުކުންނާނީ ފަސް ފަހަރު މި މުބާރާތް ކާމިޔާބުކުރި ބާސެލޯނާއާ ދެކޮޅަށެވެ. އަދި ޖަރުމަނުގެ ބަޔާން މިއުނިކް އިން ކުއާޓާގައި ކުޅޭނީ އިންގްލަންޑްގެ އާސެނަލާ ދެކޮޅަށެވެ. މިއީ، 2010 ވަނަ އަހަރުގެ ފަހުން، އާސެނަލުން ކުއާޓާ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމުންޑުން ނުކުންނާނީ ސްޕެއިންގެ އެތުލެޓިކޯއާ ދެކޮޅަށެވެ.

ސެމީ ފައިނަލުގައި އެއް ފަޅީގައި އޮތީ، ރެއާލް، ސިޓީ، އާސެނަލް އަދި ބަޔާން އެވެ. އަދި އަނެއް ފަޅީގައި އޮތީ ބާސެލޯނާ، ޕީއެސްޖީ، އެތުލެޓިކޯ އަދި ޑޯޓްމަންޑް އެވެ.

މިއީ ޗެމްޕިއަންސް ލީގު މިހާރުގެ ފޯމެޓަށް ކުޅޭނެ ފަހު މުބާރާތެވެ. އަންނަ ސީޒަނުން ފެށިގެން ޗެމްޕިއަންސް ލީގު ކުޅުމަށް ހަމަޖެހިފައިވަނީ އައު ފޯމެޓަށެވެ.