Advertisement

ކްލަސިކޯގެ ކާމިޔާބާ އެކު ރެއާލަށް ލީގު ހޯދަން ބޭނުންވަނީ ތިން މޮޅު

22 އޭޕްރީލް 2024 - 13:30 0


ކްލަސިކޯގެ ކާމިޔާބާ އެކު ރެއާލަށް ލީގު ހޯދަން ބޭނުންވަނީ ތިން މޮޅު

22 އޭޕްރީލް 2024 - 13:30 0

މެޑްރިޑް (އޭޕްރީލް 22) - އެލް ކްލަސިކޯ މެޗުގައި ފަހު ވަގުތު 3-2 އިން ބާސެލޯނާގެ މައްޗަށް ކާމިޔާބު ހޯދައި، ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދުމާ ގާތަށް، ރެއާލް މެޑްރިޑުން ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ރެއާލަށް ލީގު ކާމިޔާބުކުރަން ބާކީ އޮތް ހަ މެޗުން ދެން ބޭނުންވަނީ ތިން މޮޅެވެ. މި ވަގުތު ރެއާލް އޮތީ އެންމެ ފަހުގެ ލީގު ޗެމްޕިއަން، ބާސެލޯނާ އަށް ވުރެ 11 ޕޮއިންޓު ކުރީގަ އެވެ. ރެއާލަށް 32 މެޗުން 81 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 32 މެޗުން ވަނީ 70 ޕޮއިންޓް ލިބިފަ އެވެ.

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ، މިއީ ލީގު ޗެމްޕިއަންކަން ހޯދުމަށް ކުރިއަށް އެޅި "ބޮޑު ފިޔަވަޅެއް" ކަމަށެވެ. އަދި މިހާރު ރެއާލަށް ލީގުގައި އޮތް އެޑްވާންޓޭޖްގެ ބޭނުންހިފައި، ޗެމްޕިއަންސް ލީގަށް ވެސް ފޯކަސް ކުރަން ފުރުސަތު އެބައޮތް ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

ރެއާލް ދަނޑުގައި ހަ ވަނަ މިނިޓްގައި އަންދްރެއަސް ކްރިސްޓެންސަން ލަނޑެއް ޖަހައި ބާސެލޯނާ އަށް ލީޑުނަގައިދީފައިވަނިކޮށް، 18 ވަނަ މިނިޓްގައި، ވިނީޝިއުސް ޖޫނިއާ ވަނީ ޕެނަލްޓީއެއް ޖަހައި، ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ދެ ވަނަ ހާފުގައި ފާމިން ލޮޕޭޒް ލަނޑެއް ޖަހައި، ބާސެލޯނާ އަށް އަލުން ލީޑުނަގައިދިނެވެ. ރެއާލަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ، ލޫކަސް ވަޒްކޭޒް ޖެހި ގޯލުންނެވެ. ރެއާލް މޮޅުކޮށްދިން ލަނޑު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ޖޫޑް ބެލިންހަމް އެވެ. ބެލިންހަމް އަކީ 2007 ވަނަ އަހަރު ރޫޑް ވެން ނިސްޓެލްރޫއި އަށް ފަހު، ރެއާލަށް ކުޅެމުން ފުރަތަމަ އެލް ކްލަސިކޯ ދެ މެޗުގައި ލަނޑު ޖެހި ފުރަތަަމަ ކުޅުންތެރިޔާ އެވެ.

މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް ޖެހި ބޯޅައެއް ގޯލުގެ ރޮނގު ހުރަސްކުރި ކަމަށް ބުނެ، މެޗަށް ފަހު، ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ކަންބޮޑުވުން ފާޅުކުރި އެވެ. ޒަވީ ބުނީ، އިނގިރޭސި ޕްރިމިއާ ލީގާއި އެހެން ލީގުތަކުގައި ބޭނުންކުރާ ފަދަ ގޯލްލައިން ޓެކްނޮލޮޖީއެއް ލަލީގާއިން ވެސް ބޭނުންކުރަން ޖެހޭނެ ކަމަށެެވެ.