Advertisement

އެއާ އެމްބިއުލޭންސްގެ ފްލީޓަށް ސީޕްލޭންއެއް އިތުރުކޮށް ހިދުމަތް ދޭން ފަށައިފި

15 މާރިޗު 2024 - 21:31 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެއާ އެމްބިއުލާންސްގެ ހިދުމަތަށް މިއަދު އިތުރުކުރި، ސީޕްލޭން -- ފޮޓޯ: އެކްސް


އެއާ އެމްބިއުލޭންސްގެ ފްލީޓަށް ސީޕްލޭންއެއް އިތުރުކޮށް ހިދުމަތް ދޭން ފަށައިފި

15 މާރިޗު 2024 - 21:31 0

ސިއްހީ އެމަޖެންސީގެ ހާލަތުގައި ބަލި މީހުން އުފުލުމަށް ބޭނުން ކުރާ އެއާ އެމްބިއުލާންސްގެ ހިދުމަތަށް ސީޕްލޭނެއް މިއަދު އިތުރުކޮށް ހިދުމަތް ފުޅާކޮށްފި އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތަށް އިތުރު ކޮށްފައި ވަނީ ޑީއެޗްސީ-6 ޓްވިން އޮޓާ މަރުކާގެ ބޯޓެކެވެ. އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ދެނީ އައިލެންޑު އޭވިއޭޝަނާއި ހެލްތު މިނިސްޓަރީ އާއި ޓްރާންސްޕޯޓު މިނިސްޓްރީގެ އިތުރުން އާސަންދަ އާއި އެންސްޕާ ގުޅިގެންނެވެ.

މޯލްޑިވިއަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއާ އެމްބިއުލާންސްގެ ހިދުމަތަށް ސީޕްލޭންއެއް އިތުރު ކުރުމާއެކު ބަލި މީހުން ބަލައި ސީދާ ރަށްރަށަށް ދަތުރުކޮށް ބަލި މީހާއަށް ބޭނުންވާ އަވަސް ފަރުވާ ހޯދުމަށް ގެންދަންޖެހޭ މަންޒިލަށް ގެންދިޔުމަށް ނަގާ ވަގުތަށް ބޮޑު ހަލުވިކަމެއް އަންނާނެ ކަމަށެވެ.

އެއާ އެމްބިއުލާންސްއެއްގެ ގޮތުގައި ބޭނުން ކުރުމަށް މިއަދު ބޭނުން ކުރަން ފެށި ބޯޓު ތައްޔާރު ކޮށްފައި ވަނީ އަވަސް ފަރުވާ ދެވޭނެ އާލާތްތައް އޭގައި ހިމަނައިގެން ކަމަށް މޯލްޑިވިއަންގެ ބަޔާނުގައި ބުންޏެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޯންޗުކޮށް ހިދުމަތް ދޭން ފެށީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. މިހައިތަނަށް އެ ހިދުމަތް ދޭން ބޭނުން ކުރީ ޑޭޝް8-200 މަރުކާރުގެ މަތިންދާ ބޯޓެކެވެ.

މޯލްޑިވިއަނުން ބުނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފެށި ދުވަހުން ފެށިގެން މިއަދާ ހަމައަށް އޭގައި 25 ދަތުރު ކޮށްފައިވާ ކަމަށެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

އެމަނިކުފާނުގެ އެ ވައުދުފުޅާ އެއްގޮތަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ހަމަޖެއްސިކަން އިއުލާނު ކުރީ ޑިސެމްބަރު 25، ގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓު އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.

އެއާ އެމްބިއުލޭންސްގެ ސީދާ ދަތުރުތައް ހަމައެކަނި ކުރާ ދެ ގައުމުގެ ގޮތުގައި ހަމަޖައްސާފައި ވަނީ އިންޑިއާ އާއި ސްރީލަންކާ އެވެ. ނަމަވެސް ބަލި މީހުން ތައިލޭންޑަށް އުފުލަން ޖެހިއްޖެ ހާލަތުގައި އެހެން ތަނަކަށް ބަދަރު ކުރުމަށްފަހު ތައިލޭންޑަށް ވެސް ބަލިމީހުން އުފުލާނެ ކަމަށް ހެލްތު މިނިސްޓަރީން ކުރިން ބުނެފައިވެ އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތަށް މިއަދު ނެރުނު ސީޕްލޭންގައި އުފުލޭނީ ފަހަރަކު އެންމެ މީހެކެވެ. ނަމަވެސް ޑޭޝް8 މަރުކާގެ މަތިންދާ ބޯޓު ފަރުމާ ކޮށްފައި ވަނީ އެއްފަހަރާ ދެމީހުން އުފުލޭ ގޮތަށެވެ. ހެލްތު މިނިސްޓަރު، ޑރ. އަބްދުﷲ ހަލީލް ވަނީ އެއާ އެމްބިއުލާންސްގެ ޑިމާންޑަށް ބަލައި ކުރިއަށް އޮތް ތަނުގައި އެ ބޯޓުތަކުގައި މީހުން އުފުލޭ އަދަދު އިތުރު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ބޯޓުތަކުގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން އަވަސް ފަރުވާ ދިނުމަށް ތަމްރީނުކޮށްފައި ތިބި 15 ހިދުމަތްތެރިން ހަރަކާތްތެރިވާނެ އެވެ. އެއާ އެމްބިއުލާންސްގައި ބަލި މީހުން އުފުލާނީ އެންމެ ކައިރީގައި ހުންނަ ޓާޝަރީ ހޮސްޕިޓަލަށެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް 24 ގަޑިއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށް ލިބޭނެ ކަމަށް ހެލްތު މިނިސްޓަރީން ބުނެ އެވެ.