Advertisement

ނަވާރަ ދުވަހުގެ ތެރޭގައި މާލޭގެ މަގުމަތިން 342 ޓަނުގެ ކުނި ނަގައިފި

15 މާރިޗު 2024 - 14:53 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހުންނަ ވެމްކޯގެ ވޭސްޓު ކަލެކްޝަން ސެންޓަރަށް ކުނި ޖަމާކޮށްފައި -- ފޮޓޯ: މިރާން ނާޝިމް / އަދަދު


ނަވާރަ ދުވަހުގެ ތެރޭގައި މާލޭގެ މަގުމަތިން 342 ޓަނުގެ ކުނި ނަގައިފި

15 މާރިޗު 2024 - 14:53 1

މާލޭގެ މަގުމައްޗަށް އަޅާފައިވާ ކުނީގެ ތެރެއިން ފާއިތުވި ނަވާރަ ދުވަހުގެ ތެރޭގައި 342.25 ޓަނުގެ ކުނި ނަގައި މާލެ ސިޓީ ކައުންސިލުން އުކާލައިފި އެވެ.

ރޯދަ މަހާ ދިމާކޮށް ގޯތިގެެދޮރު ސާފު ކުރުމާ ގުޅިގެން އުފެދުނު ކުނިތައް މަގުތައް މައްޗަށް ނެރެ ފުނިޖައްސަން ފެށުމުން އުފެދުނު ގޮނޑުތައް ސާފު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަދިވެސް ދަނީ ކުރަމުންނެވެ.

ކޮންމެ ދުވަހަކު ވެސް މަގުމަތީގައި ހުރި ކުނިތައް ނަގައި އުކާލުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން ދާއިރު، އަދިވެސް ބައެއް ސަރަހައްދުތަކަށް ގޭގެއިން ދަނީ މަގުމަތީގައި ކުނި ބަހައްޓަމުންނެވެ.

މާލެ ސިޓީ ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރު، އާމިނަތު ޝަތުފާ ވިދާޅުވީ އިއްޔެ އެކަނި ވެސް މާލޭގެ މަގުމަތިން 39.6 ޓަނުގެ ކުނި އުކާލައިފައިވާ ކަމަށެވެ.

މާލޭގެ މަގުމައްޗަށް ފުނިޖެހިފައިވާ ކުނީގެ ތެރޭގައި ގިނައިން ހިމެނެނީ ބޮޑެތި ފަރުނީޗަރާއި ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނުގެ އިތުރުން އިލެކްޓްރޯނިކްސް ފަދަ އިތުރު ފީއެއް ވެމްކޯއަށް ދައްކައިގެން އުކާލަންޖެހޭ ބާވަތުގެ ކުންޏެވެ.

ކުނީގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ކުނި އުކައިދިނުމަށް ނަގާ ފީ އަދިވެސް ކުޑަ ކުރުން މުހިންމު ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވެ އެވެ.

"އަދަދު" ނޫހުގެ އެއްޗެއް ކަޅެއް ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ކުނީގެ މައްސަލަ ހައްލު ވާނީ އެންމެން ވެސް ޒިންމާދާރުވެގެން ކަމަށެވެ. އަދި ކުނި އުކައިދޭން ނަގާ ފީ ރައްޔިތުންގެ ޖީބަށް ބަރު ނުވާ މިންވަރަށް ކުޑަކޮށްގެން ނޫނީ ދިމާވެގެން މިއުޅޭ މައްސަލަ ހައްލު ނުވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މާލޭގެ މަގުތަކުން ކުނި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކެނޑިނޭޅި ކުރަމުންދާއިރު، އެ މަސައްކަތަށް 51 ވެހިކަލް އެ ކައުންސިލުން ބޭނުން ކުރެ އެވެ.