Advertisement

ބިންވެރިޔާ ގޯތިތަކާ ހަވާލުވާން މާދަމާއިން ފެށިގެން އިތުރު ފުރުސަތެއް ދެނީ

15 މާރިޗު 2024 - 10:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހަކު ގުރުއަތުލުމަށްފަހު -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ބިންވެރިޔާ ގޯތިތަކާ ހަވާލުވާން މާދަމާއިން ފެށިގެން އިތުރު ފުރުސަތެއް ދެނީ

15 މާރިޗު 2024 - 10:21 0

މާލޭ ރަށްވެހިންނަށް ގޯތި ދޭން ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން ލިޔުން ހަވާލު ނުކުރެވޭ މީހުންނަށް ލިޔުމާ ހަވާލުވާން އިތުރު ފުރުސަތެއް ދިނުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން 9،003 ގޯތި ދޫކުރި ނަމަވެސް، ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ބިމުގެ ރަޖިސްޓްރީ އާއި ބިން ލިޔުނު ކަމުގެ ލިޔުމާ ހަވާލުވީ މިހާތަނަށް 8،394 މީހެއް ކަމަށެވެ.

ބިން ލިބުނު މީހުންގެ ތެރެއިން ސޮއިނުކުރާ މީހުންނަށް މީގެ ކުރިން ވެސް ހައުސިން މިނިސްޓްރީން ފުރުސަތެއް ދިނެެވެ. ނަމަވެސް އެ ފުރުސަތުގައި ގިނަ މީހުން ރަޖިސްޓްރީ ނުވަތަ ލިޔުމާ ހަވާލުވާން ހާޒިރު ނުވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިއާ ގުޅިގެން މިނިސްޓްރީން ވަނީ ރަޖިސްޓަރީ އާއި ލިޔުމާ ހަވާލުވާން މާދަމައިން ފެށިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމާފަ އެވެ. ގޯތީގެ ރަޖިސްޓްރީ ނުވަތަ ލިޔުމާ ހަވާލުވާން ބޭނުންވާ ފަރާތްތަކުން ޖެހެނީ އެ މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓުމެންޓެއް ހައްދާށެވެ.

ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިތައް ހުންނަނީ ހުޅުމާލޭ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. އެއީ ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި ގުޅީފަޅުން ދޫކުރާ 2219 ގޯއްޗާއި ގިރާވަރުފަޅުން ދޫކުރާ 5433 ގޯއްޗެވެ.